30 އޮގަސްޓު 2022 - 19:17 1
މިއަދުގެ މެޗުގެ ތެރެއިން ޓީނޭޖްގެ ކުޅުންތެރިން މެޗުގެ ރެފްރީ ޝަކީލް ކައިރީގައި އެޕީލްކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
30 އޮގަސްޓު 2022 - 19:17 1
ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި މިއަދު ހަވީރު ކްލަބް ޓީނޭޖް 3-1 އިން ބަލިކޮށް ބުރު ސްޕޯޓްސް ކްލަބް މޮޅުވާން ދިޔަ މެޗުގެ 87 ވަނަ މިނިޓްގައި ހިނގާދިޔަ ހަމަނުޖެހުންތަކަކާ ހެދި މެޗު ހުއްޓާލަން ޖެހި، މެޗާ މެދު ގޮތެއް ނިންމުން ކޮމިޓީ މަރުހަލާ އަށް ގޮސްފި އެވެ.
އެފްއޭއެމުން ބުނީ މުބާރާތުގެ ކޮމިޓީން މެޗާ މެދު ގޮތެއް ނިންމުމަށް ފަހު މީޑިއާ އަށް ހިއްސާކުރާނެ ކަމަށެވެ. މެޗު އަލުން ނުފަށައި، މެޗާ މެދު ގޮތެއް ނިންމުން ކޮމިޓީ އަށް ދިޔަކަން އެފްއޭއެމުން ދެ ޓީމަށް އެންގި ފަހުން ބުރުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ އުފާފާޅުކޮށްފަ އެވެ.
މެޗަކުން ބަލިނުވެ އެންމެ ފަހުން ބޭއްވި ތިން ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބުރު މެޗުން މޮޅުވީ ކަމަށް ކަނޑައަޅައިފިނަމަ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ އެވެ.
ބުރުން މި ފަހަރު ކޮލިފިކޭޝަން ފަށަން ޖެހުނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 2-0 އިން ބަލިވެގެންނެވެ. އެކަމަކު، ދެން ކުުޅުނު ދެ މެޗުގައި އެ ޓީމުން ވަނީ މޮޅަށް ކުޅެ ނަތީޖާ ނެރެފަ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ފަހު މެޗުގައި މިރޭ ދަ ގްރާންޑޭ އާއި ސަސް ކުޅޭނެ އެވެ. މި މެޗު އެއްވަރުކޮށްލައިގެން ވެސް ސަސް އަށް ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެވޭނެ އެވެ.
ބުރުގެ ކުޅުންތެރިން ފުރަތަމަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ
ވިއްސާރަ ވެހުމުގެ ސަބަބުން ދަނޑުގެ ހާލަތު އޮތްގޮތުން މިއަދުގެ މެޗުގައި ދެ ޓީމަށް ވެސް އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވި މި މެޗުގައި ފުރަތަމަ ހުސް ފުރުސަތު ލިބުނީ ޓީނޭޖް އަށެވެ. އެ ޓީމުގެ އުޒްބެކިސްތާން ޑިފެންޑަރު، ސާދިރުއްދީން އުގްލީ އޭރިއާތެރެއިން ވޮލީ އަކުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ބުރުން ވަނީ އެ ޓީމަށް ހުސްކޮށް ލިބުނު ފުރަތަމަ ފުރުސަތުގައި ގޯލު ޖަހައިފަ އެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި މި ގޯލު ޖެހީ މިސްރުގެ މިޑްފީލްރު، އަހުމަދު މުހައްމަދު ގަބާލާ (ބޫގީ) އެވެ. އަރިމަތިން ބުރުގެ އުޒްބެކިސްތާން މިޑްފީލްޑަރު، މިރްޖަލޯލް ކަސީމޯވް ނެގި ހުރަހަކުން އޭރިއާތެރެއިން ފުއްމައިގެން އަރައި، ބޫގީ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
މެޗުގެ 20 ވަނަ މިނިޓްގައި ޓީނޭޖުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ ބުރުގެ ފުލްބެކް، އަހުމަދު ނުހާދު (ގުއްޕެ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޓީނޭޖްގެ ކެޕްޓަން، އަހުމަދު މުހައްމަދު (އައްމަޑޭ) އަށް ހާފުގެ މެދެއްހާ ހިސާބުން ހުސްކޮށް ލިބުނު ބޯޅައެއް އޭނާ ޖައްސާލީ އެ ޓީމުގެ ނާޖިހު މުހައްމަދު އަށެވެ. ނާޖިހު އޭރިއާތެރެއިން އެ ޓީމުގެ އިރުފާން ހަސަން އަށް ދޭން ޖެހި ބޯޅަ އޭނާ އަށް ލިބުމުގެ ކުރިން ނުހާދު ފައިން ޖައްސާލިއިރު، އެ ބޯޅަ ވަނީ ބައިކޮޅަށެވެ. އޭރު ބުރުގެ ކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) އަށް ހުރީ ބޯޅަ ހޯދަން ކުރިއަށް އަރަ އެވެ.
ބުރަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދޭން މެޗުގެ 24 ވަނަ މިނިޓްގައި މިރްޖަލޯލް ޖެހި ހިލޭ ޖެހުން ޓީނޭޖްގެ ކީޕަރު މުހައްމަދު ހަސަން އަބްދުލް ހަމީދު ވަނީ މަތަކޮށްފަ އެވެ.
އޭގެ ތިން މިނިޓް ފަހުން ޓީނޭޖަށް ވަނީ ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. މެޗުގެ 27 ވަނަ މިނިޓްގައި އައްމަޑޭ އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ މިސްރު ފޯވާޑް އަލީ އަފީފީ ބޮލުން ޖައްސާލީ އޭރިއާތެރޭގައި ހުސްކޮށް ހުރި ޓީނޭޖްގެ އިރުފާން އަށެވެ. އޭނާ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.
ޓީނޭޖްގެ އަލީ އަހުމަދު (ކ) ކައިރިން ބުރުގެ ކެޕްޓަން އައްމަޑޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓީނޭޖުން ވަނީ ގޯލެއް ޖަހައިފަ އެވެ. ހިލޭ ޖެހުމަކުން އޭރިއާތެރެއަށް މަތިން ޖެހި ބޯޅަ އެ ޓީމުގެ އަފީފީ ބޮލުން ޖައްސާލުމުން އޭރިއާތެރެއިން ޓީނޭޖްގެ ބިދޭސީ މިޑްފީލްޑަރު މަހުމޫދު އަބްދެެލްކާދެރު ގޯލަށް ބޯޅަ ވައްދާލިއިރު، މެޗުގެ ރެފްރީ، އަހުމަދު ޝަކީލް ވަނީ ފުރަތަމަ ހާފު ނިންމާލަން ކަށިގަނޑު ފުމެފަ އެވެ. އެ ނިންމުމާ މެދު ޓީނޭޖްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ބުރުން ދެ ވަނަ ހާފަށް ނުކުތީ އެ ޓީމުގެ ގޯލު ޖެހި ބޫގީގެ ބަދަލުގައި މުހައްމަދު ތަސްމީން (ތައްތި) ކުޅެން އަރުވައިގެންނެވެ.
މެޗުގެ 55 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ތައްތި ޖެހި ބޯޅައެއް ކީޕަރު އަބްދުލް ހަމީދު ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާތެރެއިން ބުރުގެ މިރްޖަލޯލް ދިން ބޯޅައަކުން އެ ޓީމުގެ އަބްދުﷲ ޝާފިއު (ޝާއްޕެ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. އޭގެ ފަހުން މިރްޖަލޯލް ޖެހި ދެ ހިލޭ ޖެހުމެއް ކީޕަރު އަބްދުލް ހަމީދު ހުއްޓުވިއިރު، ތައްތި ޖެހި ހިލޭ ޖެހުން ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.
ފަހު ވިއްސަކަށް މިނިޓަށް ޝާއްޕެގެ ބަދަލުގައި ބުރުން ވަނީ އަހުމަދު ނިޒާމް (ނިޒާމްބެ) ކުޅެން އަރުވައިފަ އެވެ. ޝާއްޕެ ބަދަލުކުރި ފަހުން އޭނާ ބަދަލު ރެފްރީ މުހައްމަދު ޖާވިޒް (ޖޭޑް) އަށް ނިސްބަތްކޮށް ބުނި އެއްޗަކުން ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.
މެޗުގެ 75 ވަނަ މިނިޓްގައި ބުރަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ އެ ޓީމުގެ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ޑިފެންސްކުރުމުގައި ޓީނޭޖްގެ ފަހަތަށް ކުޅޭ ޖައިލަމް އަހުމަދު ފޮނުވާލި ބޯޅަ އޭރިއާތެރެއިން އައްމަޑޭ އަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ބުރާއި ޓީނޭޖް ކުޅުނު މެޗު ހުއްޓާލަން ޖެހުނީ މެޗުގެ 87 ވަނަ މިނިޓްގައި ރެފްރީގެ ނިންމުންތަކާ ހެދި ޓީނޭޖުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައި ދަނޑަށް އެރުމުން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ބުރުން އަލުން ލީޑުނެގިތާ ދެ މިނިޓް ފަހުން ތިން ވަނަ ގޯލެއް ޖެހި އެވެ. މެޗުގެ 77 ވަނަ މިނިޓްގައި އަރިމަތިން ދުވެފައި ގޮސް ނިޒާމްބެ ހުސްކޮށްލާފައި އޭރިއާތެރެއަށް ނަގައިދިން ބޯޅަ އައްމަޑޭ ވަނީ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައި، ބުރުގެ ލީޑުފުޅާކޮށްދީފަ އެވެ.
މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް، ބުރުގެ ކުޅުންތެރިން ކުރި ފައުލުތަކަކަށް ރެފްރީ ޝަކީލް ފައުލެއް ނުދޭތީ އާއި ކާޑު ވެސް ނުދައްކާތީ ޓީނޭޖްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހިތްހަަމަ ނުޖެހުން ފާޅުކޮށް، ދަނޑަށް އަަރައިފަ އެވެ. އެ ވަގުތު މެޗުގެ ރެފްރީ ޝަކީލް ދަނޑުން ފައިބައިގެން ރެފްރީންގެ ރޫމަށް ދިޔަ އެވެ. އޭގެ ފަހުން މެޗު ހުއްޓާލާފައި އޮތުމާ އެކު، އަލުން ހުއްޓާލި ހިސާބުން މެޗު ނުފަށައި، ފަހުން މެޗު ކޮމިޝަނަރު ނިންމީ ކޮމިޓީ މަރުހަލާ އިން މެޗާ މެދު ގޮތެއް ނިންމުމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment