Advertisement

ދަ ގްރާންޑޭ އާއި ސަސް: މަރުގެ މެޗަކަށް ނުކުންނައިރު ދެ ކޯޗުންގެ އިއްތިފާގެއް

30 އޮގަސްޓު 2022 - 10:09 0


ދަ ގްރާންޑޭ އާއި ސަސް: މަރުގެ މެޗަކަށް ނުކުންނައިރު ދެ ކޯޗުންގެ އިއްތިފާގެއް

30 އޮގަސްޓު 2022 - 10:09 0

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން 2023 ގެ ފަހު ދެ މެޗަށް މިއަދު ކުރިމަތިލާއިރު، މިހާރު ކަށަވަރުވެފައި އޮތް އެއް ކަމަކީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ތެރެއިން އެއް ޓީމެއް ދެ ވަަނަ ޑިވިޝަނަށް ވެއްޓޭނެ ކަމެވެ. އެ ގޮތުން ބަލާއިރު މިއީ މަރުގެ މެޗެކެވެ. އެ ފަދަ ފޯރިގަދަ ކުރިމަތިލުމަކަށް ދެ ޓީމު ނުކުންނައިރު، ދެ ޓީމުގެ ބެންޗުގައި ތިބީ އެއް ޓީމު އަނެއް ޓީމު، ރަނގަޅަށް ދަންނާނެ ދެ ކޯޗުންނެވެ.

ދަ ގްރާާންޑޭ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ ދެ ސީޒަނުގައި އެ ޓީމަށް ކޯޗުކޮށްދިނީ މި ވަގުތު ސަސްއާ ހަވާލުވެ ހުރި އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. ސަސް ފުރަތަމަ ޑިވިޝަނުގައި މިދިޔަ ސީޒަނުގައި އަލަށް ވާދަކުރަން ފެށިއިރު، އެ ޓީމާ އެންމެ ފުރަތަމަ ހަވާލުވެ ހުރި ކޯޗަކީ އަހުމަދު ނާޝިދު (ނާދު) އެވެ.

އެހެންކަމުން، މިރޭ، ސަސް އާއި ގްރާންޑޭ ފުރަތަމަ ޑިވިޝަނުގެ ޖާގަ ދަމަހައްޓަން ނުކުންނަ މެޗުގައި މި ދެ ކޯޗުންނަށް ވެސް އޮތީ އެކި ގޮތްގޮތުން ބަލާއިރު މުހިއްމު އިއްތިފާގަކާ ގުޅިފަ އެވެ.

ދެ ވަަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، 2019 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ދަ ގްރާންޑޭ ގޮވައިގެން އިންމަ ހޭދަކުރި ދެ ސީޒަނުގައި ވެސް ކަންތައްތައް ދިމާވެފައި ހުރީ ދާދި އެއްގޮތަކަށެވެ. ސީޒަން ފަށާއިރު، އެ ޓީމުގެ ފޯމު ވަރަށް ރަނގަޅަށް އޮވެ އެވެ. ގިނަ މެޗުތަަކަކުން މޮޅުވެ، ލީގު ތާވަލުގެ ގަދަ ތިން ޓީމު ތެރޭގައި މަގާމު ދަމަހައްޓަ އެވެ. އެކަމަކު، ސީޒަން ކުރިއަށްދާ ވަރަކަށް އެ ޓީމަށް މާލީ ގޮތުން ގިނަ މައްސަލަތައް ކުރިމަތިވެ، ގިނަ މެޗުތަކަކުން ބަލިވެ، ޓީމުގެ ފޯމު ގެއްލި ފަހަތަށް ސޮއްސާލަނީ އެވެ.

މި ސީޒަނުގައި ސަސްއާ ހަވާލުވެ، އިންމަ ރަނގަޅު މަސައްކަތްތަކެއް ކުރަން ބެލިއިރު، އެ ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީ ކުޅުންތެރިއަކު ނެތި މުޅި ސީޒަން ކުޅެން ޖެހުމެވެ. ފުރަތަމަ ޑިވިޝަނާއި ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ބެލިޔަސް މި ސީޒަނުގައި މުޅިން އެއްކޮށް ދިވެހި ކުޅުންތެރިންނަށް ބަރޯސާވެގެން ކުޅެން ޖެހިފައި އޮތް ހަމައެކަނި ޓީމަކީ ސަސް އެވެ.

އަނިޔާގެ ސަބަބުން ޓީމުގެ މުހިންމު ކުޅުންތެރިން އެކި ހިސާބުތަކުގައި ސަސް އަށް ގެއްލުނު މި ސީޒަނުގައި އެއް ފެންވަރެއްގައި އެ ޓީމަށް ކުޅުން ނުދެމެހެއްޓުމަކީ އެ ޓީމު ރެލިގޭޝަނަށް ވެއްޓުނު އެންމެ ބޮޑު ސަބަބެވެ.

ދެ ވަނަ ޑިވިޝަނުގެ ރަނަރަޕްގެ ގޮތުގައި 2020 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ސަސް އިން މިދިޔަ ސީޒަން ފެށިއިރު، އެ ޓީމުގެ ކޯޗަކަށް ގެނައީ ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކެއްގައި މަސައްކަތް ކޮށްފައިވާ ނާދު އެވެ. ސަސް މެނޭޖްމަންޓުން ނާދު އަށް ސީޒަން ފެށިއިރު، ދިނީ ގަދަ ހައެއްގެ ޓާގެޓެވެ. އެކަމަކު، ލީގުގެ ފުރަަތަމަ ހަ މެޗަށް ފަހު ސަސް އިން ވަނީ ނާދުގެ ކޮންޓްރެކްޓް އުވާލައި، މުހައްމަދު ޝިޔާޒް (މޯހަން) އެ ޓީމުގެ ކޯޗަކަށް ހަަމަޖައްސައިފަ އެވެ.

މި ފަހަރުގެ ސީޒަނާ ކުރިމަތިލިއިރު، ދަ ގްރާންޑޭ ދިޔައީ ވަރަށް ބޮޑު ބަދަަލަކާ ދިމާލަށެވެ. އެ ކްލަބްގެ މެނޭޖްމަންޓްގެ ކަންކަން ކ.މާފުށްޓަށް ބަދަލުވެ، އެ ޓީމު މާފުށީ ޒުވާނުންގެ މައްޗަށް ބަރޯސާވެފައި އޮތް ޓީމަކަށް ބަދަލުވި އެވެ. މާފުށީގައި ޕްރެކްޓިސް ކޮށްފައި މެޗުން މެޗަށް މާލެ އަންނަ ގޮތަށް ސްޕޮންސަރުންގެ އެހީއާ އެކު ޓީމުގެ މަސައްކަތް ފަށައި، ކޯޗަކަށް ގެނައީ ނާދު އެވެ. ނާދު ވަނީ ރަށުގައި ތިބެގެން މި ގޮތަށް މެޗު ކުޅެން އައިސްގެން ކުޅޭ "ކޮންސެޕްޓް"ގައި ކުރިއަށް ދެވޭނީ ވަރަށް ގިނަ ކަންކަން ފުރިހަމަވެގެންކަން ފާހަގަކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އަތުން މޮޅުވި ފަހުން ދެން ދަ ގްރާންޑޭ ފުރަތަމަ ޑިވިޝަނުގައި ކުޅުނު 33 މެޗު ނިންމާލީ މޮޅެއް ނުހޯދަ އެެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގެ ފަހު ހަ މެޗާއި މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ހަތް މެޗާއި ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ 20 މެޗު ހިމެނެ އެވެ. އެ 33 މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވިއިރު، 30 މެޗުން ވީ ބައްޔެވެ. އެ ހުރިހާ ދަށް ނަތީޖާ ތަކަށް ނިމުމެއް އައީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި 6-1 އިން ސަސް އަތުން ދަ ގްރާންޑޭ ހޯދި މޮޅާ އެކު އެވެ. މިއީ ނާދުގެ ކޯޗުކަމުގައި އެ ޓީމުން ކުޅުނު 28 މެޗުގެ ތެރެއިން ހޯދި ފުރަތަމަ މޮޅެވެ.

ކޮލިފިކޭޝަންގައި ޓީމުތަކުގެ ނަތީޖާތަށް

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި ދަ ގްރާންޑޭ އާއި ސަސްގެ އިތުރުން ދެން ވާދަކުރަނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން، ބުރު ސްޕޯޓްސް ކްލަބާއި ކްލަބް ޓީނޭޖް އެވެ. މި ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅޭނެ އެވެ.

ކޮލިފިކޭޝަން ފުރަތަމަ މެޗުގައި ސަސް އިން ވަނީ 2-0 އިން ބުރު ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ދަ ގްރާންޑޭ އާއި ޓީނޭޖް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ތިން ވަނަ މެޗުގައި ޓީނޭޖް އަތުން މޮޅުވެގެން، ސަސް އަށް ފުރަތަމަ ޑިވިޝަނުގެ މަގާމު ދެމެހެއްޓުމުގެ ފުރުސަތު އޮތް ނަމަވެސް އެ މެޗުން ސަސް ވަނީ 0-0 އިން ޓީނޭޖާ އެއްވަރުވެފަ އެވެ. ހަތަރު ވަނަ މެޗުގައި ދަ ގްރާންޑޭ އަތުން 3-1 އިން މޮޅުވެ، ބުރު ވަނީ ފުރަތަމަ ޑިވިޝަނަކާ ފިޔަވަޅަކާ ގާތަށް ޖެހިލައިފަ އެވެ.

ކޮލިފިކޭޝަންގެ ފަހު ދެ މެޗުގައި މިއަދު ޓީމުތައް ނުކުންނާނެ އެވެ.

ޓީމުތަކަށް ފުރުސަތު އޮތީ ކިިހިނެއް؟

ކޮލިފިކޭޝަން ތާވަލަށް ބަލާއިރު، ކޮންމެ ޓީމަކުން މިހާތަނަށް ވަނީ ދެ މެޗު ކުޅެފަ އެވެ. ސަސް އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބުރަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ޓީނޭޖް އޮތީ ދެ ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ހަތަރު ޓީމުގެ ވެސް އަމިއްލަ އަތުގައި އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ބާރު އެބައޮތެވެ. މީގެ ތެރެއިން އެންމެ ފުުރުސަތު ފަހިކޮށް އޮތީ ސަސް އާއި ބުރަށެވެ. މިއަދު ހަވީރު ޓީނޭޖާ އެއްވަރުކޮށްލައިގެން ވެސް ބުރަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވެވޭނެ އެވެ. ސަސް އަށް ވެސް ދަ ގްރާންޑޭއާ އެއްވަރުކޮށްލައިގެން ފުރަތަމަ ޑިވިޝަނުގައި މަގާމު ދެމެހެއްޓޭނެ އެވެ.

ފުރަތަމަ ޑިވިޝަނަށް ވަންނަ ނަމަ ޓީނޭޖަށް އޮތީ މިއަދު ހަވީރު ބުރު ބަލިކުރުމެވެ. ދަ ގްރާންޑޭ އިން މިރޭ ދެ ގޯލުގެ ތަފާތަކުން ސަސް ބަލިކޮށްގެން ނޫނީ ފުރަތަމަ ޑިވިޝަނުގައި މަގާމު ނުދެމެހެއްޓޭނެ އެވެ.

އެންމެ ފަހުން ހަތަރު ޓީމުގެ މެދުގައި ފޯރިގަދަ ކޮލިފިކޭޝަން ބުރެއް ފެނިގެންދިޔައީ 2014 ވަނަ އަހަރު އެވެ. އެ ފަހަރު ކޮލިފިކޭޝަންގައި ވާދަކުރީ ދިވެހި ލީގުގެ ފުލަށް ދިޔަ ބީޖީ ސްޕޯޓްސް ކްލަބާއި އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އަދި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ދެ ވަނަ ޑިވިޝަނުގެ އެ ފަހަރުގެ ރަނަރަޕް، ޔުނައިޓެޑް ވިިކްޓަރީ (ޔޫވީ) އެވެ.

އެ ފަހަރު، ބީޖީ އާއި ޓީސީ ފުރަތަމަ ދެ ޓީމުގެ ގޮތުގައި ކޮލިފިކޭޝަން ނިންމައި ފުރަތަމަ ޑިިވިޝަނުން ފުރުސަތު ހޯދިއިރު، ޔުނައިޓެޑް ވިކްޓްރީ އާއި އޭވައިއެލް ދިޔައީ ފުލަށެވެ. ޓީސީ ފުރަތަަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވިއިރު، ރެލިގޭޓްވީ 2009 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އައި އޭވައިއެލް އެވެ.

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި މިއަދު ހަވީރު ބުރާއި ޓީނޭޖް ކުޅޭ މެޗު ފަށާނީ 16:00 ގަ އެވެ. ސަސް އާއި ދަ ގްރާންޑޭ ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.