30 އޮގަސްޓު 2022 - 05:36 0
އިންޓަގެ މެޗެއްގެ ތެރެއިން ލުކާކޫ.-- ފޮޓޯ: ގެޓީއިމޭޖަސް
30 އޮގަސްޓު 2022 - 05:36 0
މިލާން (އޮގަސްޓް 30) - ފަރިތަކުރުންތަކުގެ ތެރޭގައި ލިބުނު އަނިޔާއެއްގެ ސަބަބުން އިންޓަ މިލާނަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް، ރޮމެލޫ ލުކާކޫ އަށް އިންޓަގެ މުހިންމު މެޗުތަކެއް ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ޗެލްސީން މިދިޔަ އަހަރު 98 މިލިއަން ޕައުންޑް (135 މިލިއަން ޑޮލަރު) އިންޓަ އަށް ދީފައި ގަތް ލުކާކޫ، 29، މި ފަހަރު ވަނީ އަލުން އަނބުރާ އިންޓަ އަށް ބަދަލުވެފަ އެވެ. ޗެލްސީން މި ފަހަރު، ލުކާކޫ އިންޓަ އަށް ދިނީ އެއް އަހަރުގެ ލޯން ޑީލެއްގެ ދަށުންނެވެ. އެއީ ލޯން ފީގެ ގޮތުގައި އަށް މިލިއަން ޑޮލަރު ދޭ ގޮތަށެވެ.
މި ފަހަރުގެ ލީގުގައި އިންޓަ އިން ކުޅުނު ތިން މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ކުޅުނު ލުކާކޫގެ އުނަގަނޑަށް އަނިޔާވީ އިންޓަގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. ލިބުނު އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކުން އެނގުނީ ރަނގަޅަށް ރިކަވާވެގެން ފިޓްކޮށް އެނބުރި އަންނަން ލުކާކޫ ކުޅުމާ ދުުރުގައި މުއްދަތެއް ހޭދަކުރަން ޖެހޭ ކަމެވެ.
އިންޓަ އިން ލުކާކޫ ކުޅުމާ ދުރުގައި ހުންނަން ޖެހޭ މުއްދަތެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެެވެ. އެކަމަކު، އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން 10 ވަރަކަށް ދުވަހުގެ މުއްދަތަކަށް އަރާމްކޮށްގެން ނޫނީ ލުކާކޫގެ އަނިޔާއިން އެންމެ ރަނގަޅަށް ރިކަވާ ނުވާނެ އެވެ.
ސީޒަނުގެ ކުރީކޮޅުގައި އިންޓަ އިން ރިސްކެއް ނަގަން ބޭނުންނުވާތީ އިންޓަގެ މެޑިކަލް ޓީމުގެ ލަފާގެ މަތިން ލުކާކޫ ކުރިއަށް ހުރި މެޗުތަކުގައި ބޭނުންނުކުރާނެ ކަމަށް އިޓަލީގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނެފައިވެ އެވެ.
ދިހަ ވަރަކަށް ދުވަހަށް ލުކާކޫ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެނަމަ އޭނާ އަށް އިންޓަގެ ތިން މެޗެއް ގެއްލޭނެ އެވެ. އެއީ މިރޭ އިޓާލިއަން ލީގުގައި ކްރެމޮނީސޭއާ ކުޅޭ މެޗާއި ލީގުގައި އަންނަ ހޮނިހިރު ދުވަހު އޭސީ މިލާނާ ދެކޮޅަށް ކުޅޭ މިލާން ޑާބީ މެޗުގެ އިތުރުން އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް އިންޓަ އިން ކުޅޭ މެެޗެވެ.
އިންޓަ އިން މަސައްކަތް ކުރަމުން އަންނަނީ މީގެ އެއް އަހަރު ކުރިން އެ ޓީމުން އިޓާލިއަން ލީގު ކާމިޔާބުކުރިއިރު، ފެނިގެންދިޔަ ލަޓާރޯ މާޓީނޭޒާއި ލުކާކޫގެ ޕާޓްނަޝިޕް އަނެއްކާ ވެސް ވަރުގަދަ ކުރުމަށެވެ. ލީގުގެ ފުރަތަމަ ދެ މެޗުން އިންޓަ މޮޅުވި ނަމަވެސް ދެން ކުޅުނު މެޗުން، މިދިޔަ ހުކުރު ދުވަހު ވަނީ ލާޒިއޯ ދަނޑުގައި 3-1 އިން ބަލިވެފަ އެވެ.
Comment