29 އޮގަސްޓު 2022 - 08:49 19
އަބްދުﷲ ޝާއިރު
29 އޮގަސްޓު 2022 - 08:49 19
ޑިސެމްބަރު 2019 ގައި، އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ކޯފާ އިސްކުރައްވައި، އެ ކޯޓުގައި ވަކާލާތުކުރާތާ ދުވަސްވެފައިހުރި ވަކީލަކު ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި އަދަބު ދެއްވާނެ ކަމަށް އިންޒާރުކުރެއްވި އެވެ. އެގޮތަށް އިންޒާރު ދެއްވި ސަބަބެއް ކަމަށްވީ، އެ ވަކީލު ވަކާލާތު ކުރެއްވި މައްސަލައެއްގައި އެއް ވާހަކަފުޅެއް ތަކުރާރުކޮށް ދެއްކެވުމެވެ. އަދި ހުއްޓާލަން އެންގުމުން އެއީ ތަކުރާރުކުރައްވާ ވާހަކައެއް ނޫން ކަމަށް ވިދާޅުވެ، އެ ނުކުތާ އެހެން އިބާރާތަކުން އަނެއްކާ ވެސް ފާހަގަ ކުރުމުން ފަނޑިޔާރުގެ ކޯފާ ހައްދުން ނައްޓައި، އަޑުގަދަކޮށް އިންޒާރުދެއްވީ އެވެ. މިކަން ވެގެންދިޔައީ ވަކީލުންގެ މޫނުމަތީގައި ފަނޑިޔާރު ޖެއްސެވި ތަފާލަކަށެވެ. އެ ވަކީލު އެވަގުތު ޝަރީއަތުގެ މަޖިލިސް ދޫކޮށް ނުކުތީ އެވެ. އެހެންނަމަވެސް އެ ފަނޑިޔާރާ ދެކޮޅަށް ވަކީލުން މައްސަލަ ހުށަހަޅައި، އެ މައްސަލަތައް ބަލަމުން އެބަ ގެންދެ އެވެ.
މިއީ މިހާރަކަށް އައިސް ރާއްޖޭގެ ކޯޓުތަކުގައިވެސް އާންމު ވެއްޖެ ކަމެކެވެ. ވަކީލުން ހިންދިރުވާލައިގެން، ކެތްކޮށްލައިގެން ތިބެނީ ފަނޑިޔާރުންގެ މަލާމާތާއި ފުރައްސާރައިގެ ރާގާމެދު ހިތްހަމަޖެހޭތީކީ ނޫނެވެ. އެ މީހުން ބުނާ ކޮންމެ ބަހެއްގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނީ މުވައްކިލުކަން އެނގޭތީ ހިމޭނުން ތިބެނީ އެވެ. އެ ހިމޭންކަމުގެ ފައިދާ ނަންގަވައި، ވަކީލުންނާއި، މައްސަލައިގައި ހިމެނޭ ހަސްމުންނަށް ފުރައްސާރައާ މަލާމާތަށްވާގޮތަށް ވާހަކަ ދައްކަވައި އެކަމުން ފަނޑިޔާރު މަނިކުފާނުގެ ހިތްޕުޅަށް ތަސައްލީ ހޯއްދަވަނީ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 15 ވަނަ ނަންބަރުގައި އޮތީ ކީކޭކަން އެނގިވަޑައިނުގަންނަވާތީ އެވެ.
އެއްވެސް މައްސަލައެއްގައި ހިމެނޭ ހަސްމަކަށް، ނުވަތަ ހަސްމެއްގެ ވަކީލަކަށް ކުށްވެރިކުރުމުގެ ނުވަތަ ކުށް ދެއްކުމުގެ ނުވަތަ މަލާމާތުގެ ގޮތުން ފަނޑިޔާރުގެ ރާގު ބަހައްޓައިގެން ނުވާނޭ ކަމަށް ފަނޑިޔާރުގެ ގާނޫނުގައި ބުނެ އެވެ. ވަކީލުންނާއި ހަސްމުން، އެބައި މީހުން ހުށަހެޅި މައްސަލައިގެ ދިފާއުގައި ދައްކާ ވާހަކަތަކަކީ 'ހަމަނުޖެހޭ ވާހަކަތަކެއް' ކަމަށް ފަނޑިޔާރަށް ފެނިވަޑައިގަތަސް އެކަމާ ހަސްމުންނަށް މަލާމާތްކޮށް ފުރައްސާރަ ކުރަން ފަނޑިޔާރަށް ގާނޫނުން ލިބޭ ޖާގައެއް ނެތެވެ. އާހިރުގައި އެކަމުގައި ގޮތް ނިންމާނީ ފަނޑިޔާރެވެ. އެއީ އެހެން އެއްވެސް މީހެއްގެ ބާރެއް އެކަމުގެ މައްޗަށް ފޯރާކަމެއް ނޫނެވެ. އެ ހައިސިއްޔަތާއި، ހައިބަތާއެކު އުހުގައި އިންނަވައި، ތިރީގައި އިންސާފަށް އެދި އައިސް ތިބި މީހުންނަށް މަލާމާތްކޮށް އެކަމުން އުފާލިބިގަތުމަކީ މަރުވެފައި އޮތް އެއްޗެއްގައި ޖެހުންފަދަ ކަމެކެވެ. އެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ހަސްމަކަށް ނުވަތަ ހަސްމެއްގެ ވަކީލަކަށްވިޔަސް ބުނެވޭނޭ އެއްޗެއް ނެތެވެ.
ފަނޑިޔާރުންގެ މި މިޒާޖު ބޮޑަށް ފާޅުވާން ފެށީ ކޯޓުތަކުގެ އަޑުއެހުންތަކުގެ ވީޑިއޯ އާންމުކުރަން ފެށި ހިސާބުންނެވެ. ކޮންމެވެސް މިންވަރަކަށް 'އެންޓަޓެއިންމަންޓް' ހިމެނުނީމާ ބަލާ މީހުންގެ އަދަދު އިތުރުވާނޭ ކަމަށް ފަނޑިޔާރުންނަށް ހީފުޅުވާތީވާ ގޮތެއް ކަމަށް ވެދާނެ އެވެ. އަދި އެ ފަނޑިޔާރުންގެ ޝަރީއަތްތަކުގެ ޔޫޓިއުބް ވީޑިއޯއަށް ލައިކު އިތުރުވެދާނެ ކަމަށް ހީފުޅުވަނީ ކަމަށްވެސް ވެދާނެ އެވެ. އެހެން ނަމަވެސް ހަގީގަތުގައި ފަނޑިޔާރުންގެ މި މިޒާޖުގެ ސަބަބުން އަދުލުއިންސާފުގެ ދާއިރާ ދަނީ ފަހަތަށެވެ. ފަނޑިޔާރު ބައްލަވާ މައްސަލަތަކަށް އޭނާގެ 'މިޒާޖުގެ ހިޔަނި' އެޅިގެން ދާތަން ފެނުމަކީ ފަނޑިޔާރުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނޭ ކަމެކެވެ.
ޝަރީއަތުގެ އަޑުއެހުން ހިންގައި، ޝަރީއަތުގެ ނިޒާމު ހިފަހައްޓާނީ ފަނޑިޔާރެވެ. އެކަން ކުރުމަށްޓަކައި ފަނޑިޔާރަކީ ވަރަށް ރުޅިގަދަ މީހަކަށް ވާކަށް ނުޖެހެ އެވެ.
އިންޑިއާގައި މި މައުލޫއުގައި ވާހަކަ ދައްކާއިރު ދައްކާ ވާހަކައެއް އޮވެއެވެ. އެއީ 1950 ވަނަ އަހަރު، ޝާމް ކިޝަން ކިޔާ ވަކީލަކު އިންޑިއާގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރިއިރު ހިނގި ހާދިސާއެކެވެ. އެ ވަކީލުގެ އުމުރަކީ އޭރު 80 އަހަރެވެ. ތަޖުރިބާ ހުރި، ގާނޫނީ އިލްމަށް މޮޅު، އެހެން ނަމަވެސް ރުންކުރު މީހެކެވެ. މީނާ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރަމުން ގެންދަނިކޮށް، އޭނާއަށް އިހުސާސުވީ ފަނޑިޔާރުން މާ ގިނައިން އޭނާގެ ވާހަކަ މެދުކަނޑުވައި ސުވާލު ކުރަމުން ގެންދާކަމެވެ. އޭނާގެ ހަމަ ވިސްނުމުގެ މައްޗަށް ރުންކުރުކަން އިސްވި އެވެ. އަދި ފަނޑިޔާރުންނަށް ނިސްބަތްކޮށް ބުންޏެވެ. 'މި ގަމާރުންނަށް އަޑެއްވެސް ނީވެ އެވެ. އަދި ނުވެސްވިސްނެ އެވެ.' އޭނާ އެގޮތަށް މުހާތަބުކުރީ ޖަސްޓިސް ޕަތަންޖަލީ ޝާސްތުރީ، ބީ.ކޭ. މުކަރުޖީ، ވިވިއަން ބޯސް، އަދި ފަޒުލް އަލީ ހިމެނިވަޑައިގަންނަވާ ބެންޗަކާ އެވެ. އެއީ މިއަދާ ހަމައަށްވެސް އެބައެއްގެ ނިންމުންތަކުން މިސާލު ނެގޭ ފަނޑިޔާރުންނެވެ.
ފަނޑިޔާރުން އޭނާއާ މެދު އަމަލުކުރެއްވި ގޮތަކީ، އޭނާއާ ސީދާ ވާހަކަ ދެއްކުމުގެ ބަދަލުގައި އޭނާގެ ޖޫނިއާ ކައުންސެލްއާ ވާހަކަ ދެއްކެވުމެވެ. އެ ބޭފުޅުން މަޑުމައިތިރިކަމާއެކު ވިދާޅުވި އެވެ. 'ޝާމް ކިޝަންއަކީ އަޅުގަނޑުމެން ވަރަށް އިހުތިރާމުކުރާ ވަކީލެކެވެ. އޭނާ މިއަދު އެ ހުންނެވީ މާބޮޑަށް ކޯފާވެފައިހެން ހީވެ އެވެ. އަޅުގަނޑުމެންނަށް ކަމެއް ގޯސްކޮށް ކުރެވިފައިވާނަމަ އަޅުގަނޑުމެން މާފަށް އެދޭ ވާހަކަ އޭނާއަށް ދަންނަވައި ދޭށެވެ.'
މި ހާދިސާގެ ވާހަކަ މި ދެންނެވީ، އެ ވަކީލު ކަންކުރެއްވި ގޮތް ރަނގަޅޭ ދަންނަވާކަށް ނޫނެވެ. އެފަދަ ކަމެއް ކޮށްފި ވަކީލަކު ކޯޓުގެ ހުރުމަތް ކަނޑައިފި ކަމަށް ނިންމައި ވަގުތުން އަދަބުވެސް ކަނޑައަޅަންވީ އެވެ. އެކަމަކު ރާއްޖެއަށް ނިސްބަތްކުރާއިރު، އަޅުގަނޑުގެ ކަންބޮޑުވުމަކީ ފަނޑިޔާރުވެސް ގޮނޑިކޮޅުން ތެދުވެވަޑައިގެން އަތްއުއްކަވައި 'ކަލޭތީ މާބޮޑު ގަމާރެކޭ' ވިދާޅުވެ ހަޅޭފުޅު ލައްވަފާނެ ކަމެވެ. އޭރަށް ކޯޓުތެރެއިން ފެންނާނީ ރީތި މަންޒަރެއް ނޫނެވެ.
ފަނޑިޔާރުންނަކީވެސް އިންސާނުންނެވެ. ރުޅިއާއި ހިތާމައާއި ހިތްހަމަނުޖެހުމާއި، ބަނޑުހައިހޫނުކަން ފަދަ އެއްވެސް އިހުސާސަކުން ބަރީއަވެގެންވާ ބައެއް ނޫނެވެ. އެހެން ނަމަވެސް ހަނދުމަފުޅުގައި ބަހައްޓަންޖެހޭ ކަމަކީ، ފަނޑިޔާރުންނަކީ އިންތިހާއަށް ކެތްތެރި ބަޔަކަށް ވާންޖެހޭނޭ ކަމަށް ފަނޑިޔާރުންގެ ގާނޫނު ލާޒިމުކުރާ ކަމެވެ. ގަދަބަސް ވިދާޅުވުމާއި، ހަރުކޮށް ވިދާޅުވާ ބަސްފުޅުތައް އެގޮތުގައި ވިދާޅުނުވި ނަމަވެސް، މައްސަލައިގެ ނިޔާ ކަނޑައެޅުމުގެ ބާރު އޮތީ ފަނޑިޔާރު އަތްޕުޅުގަ އެވެ. އެހެންވީމާ، ކޯފާވެ, މަލާމާތުގެ ބަހެއް ވިދާޅުވާންޖެހޭ ސަބަބެއް އަމުދުން ނުވެސް ނެތެވެ. އެކަން އެހެން ނުކުރެއްވިނަމަވެސް ފަނޑިޔާރަށް ހައްގުވާ އިހުތިރާމު ލިބިގެންދާނެ އެވެ.
ޝަރީއަތަކީ ވަރަށް ހުރުމަތްތެރި މަޖިލީހެކެވެ. އަދި ފަނޑިޔާރުންނަކީވެސް ވަރަށް ހުރުމަތްތެރި ބައެކެވެ. ހާއްސަ މަގާމެއް މުޖުމަތަމުގައި ދެވިފައިވާ ބައެކެވެ. އެމީހުންނަކީ ސެލެބުރީޓީންނެއް ނޫނެވެ. އަދި ކޮމީޑިއަނުންނެއް ވެސް ނޫންނެވެ. އެމީހުންގެ މަގަސަދަކަށް ވާން ޖެހޭނީ ހުރުމަތްތެރިކަމާއި މަޑުމައިތެރިކަމާއި އެކު ޝަރީއަތް ހިނގުމެވެ. އަޅުގަނޑު ޖޭއެސްސީ އަށް ކުރާ އިލްތިމާސްއަކީ ފަނޑިޔާރުން އައްޔަނުކުރާއިރު އެ މީހުންގެ ނަފްސާނީ ހާލަތު ވެސް ވަޒަން ކުރެއްވުމެވެ. ބުލީގެ ޝިކާރައަކަށްވެ، ނުވަތަ އެ ނޫންވެސް ހިތްދަތިކަމެއް ކުރިމަތިވެ، އެކަމުގެ އަސަރުން އަރައިނުގަނެވި ހުރި ބޭފުޅެއްކަން ފާހަގަވާ ނަމަ، އެކަމަށް ފަރުވާ ހޯއްދެވުމަށްފަހުގައި މެނުވީ، އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހަވާލުނުކުރުމެވެ. އެއީ ނިޔާކަނޑައަޅާ ގޭގެ ހުރުމަތަށްޓަކައި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment