Advertisement

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބަށް 1.1 މިލިއަން ރުފިޔާ ދޭން ހުކުމްކޮށްފި

28 އޮގަސްޓު 2022 - 14:21 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބަށް 1.1 މިލިއަން ރުފިޔާ ދޭން ހުކުމްކޮށްފި

28 އޮގަސްޓު 2022 - 14:21 0

އިސްލާމިކް މިިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲއަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން 1.18 މިލިއަން ރުފިޔާ ދިނުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މުސްއަބުގެ ދެ މައްސަލައެއް ބެލުމަށް ފަހު އޭގެ ތެރެއިން އެއް މައްސަލާގައި އޭނާ މަގާމުން ވަކިކުރީ ސެޕްޓެމްބަރު 10، 2020 ގަ އެވެ.

އެ ކޮމިޝަނުން ބެލި އެއް މައްސަލައަކީ ގަވާއިދާ ހިލާފަށް މިނިސްޓްރީގައި ނެތް މުވައްޒަފަކު މުސާރައިގެ ނިޒާމު ތެރޭގައި ރަޖިސްޓާކޮށް އެ މީހަކަށް މުސާރަ ދިން ކަމަށް ބުނާ މައްސަަލަ އެވެ.

އަނެއް މައްސަލައަކީ މެއި 17، 2019 ގައި ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް ޓްވިޓާގައި މުސްއަބު އާންމު ކުރި ކަމަށް ބުނާ މައްސަލަ އެވެ. މުސްއަބު ވަކިކުރީ މި މައްސަލާގަ އެވެ.

އޭނާ މަގާމުން ވަކިކުރީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން މައްސަލަ ނިންމީ ސިވިލް ސާވިސް ކޮމިޝަނާ އެއް ކޮޅަށެވެ.

މުސްއަބު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

ހައި ކޯޓުގައި މައްސަލަ ބެލުމަށް ފަހު މިއަދު ކުރި ހުކުމުގައި ވަނީ މުސްއަބުގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް، ގިނަ މައްސަލަތަކެއް ސީއެސްސީއަށް ހުށަހެޅި ނަމަވެސް ހައި ކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ބަލަން ޖެހޭނީ ވަޒީފާއިން ވަކިކުރި ސަބަބުގައި ހިމެނޭ މައްސަލައަށް އެކަނި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޝަރީއަތުގައި ދައުލަތާ ސުވާލު ކުރުމުން، އެ ލިޔެކިއުމަކީ ދައުލަތުގެ ރަސްމީ ލިޔުމެއްކަން އަދި ސިއްރު ލިޔެކިޔުމަކަށްވާ ސަބަބެއް ދައުލަތަށް ކިޔައިދެވިފައި ނުވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ސީއެސްސީން ބަލަމުން ދިޔަ އެކި މައްސަލަތަކާ ގުޅުވައި، ހަތަރު ފަހަރެއްގެ މަތިން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ބެހެއްޓިއިރު އެ ގޮތަށް ކޮމިޝަނުން އަމަލުކުރި ގާނޫނީ ސަބަބެއް ނުވަތަ ހުއްޖަތެއް ވެސް ޝަރީއަތުގައި ކިޔައިދެވިފައި ނުވާ ކަން މައްސަލަ ބެއްލެވި ފަނޑިޔާރުން ފާހަގަ ކުރެއްވި އެވެ.

މުސްއަބުގެ ފަރާތުން ވަޒީފާ އިއާދަކޮށްދިނުމަށް އެދިފައިނުވާތީ އާާއި އިސްލާމިކް މިިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީއަކު މިހާރު ކަނޑައަޅާފައިވާތީ ޝަރީއަތުން ނިންމެވީ މުސްއަބަށް ގަވާއިދާ ހިލާފަށް އޭނާ ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އެކަނި އަމުރު ކުރެއްވުމަށެވެ.

މި ގޮތުން މުސްއަބު ސަސްޕެންޑްކޮށްފައިވާ މުއްދަތުގައި އޭނާއަށް އިނާޔަތްތައް ހިމެނޭ ގޮތަށް މުސާރައިގެ ގޮތުގައި ލިބެން ޖެހޭ 86،333.33 ރ. އާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގައިވާ މުއްދަތު ހަމަވާއިރު މުސާރައަށްވާ 1،113،333.33 ރ. ދިނުމަށް އަމުރު ކުރެއްވި އެވެ