28 އޮގަސްޓު 2022 - 01:00 0
ކީޕަރު ސޮމާ ބޯޅައެއް ހުއްޓުވަނީ: އޭނާ ވަނީ ބަޔާނުގެ ގިނަ ހަމަލާތަކެއް މަތަކޮށްފައި.
28 އޮގަސްޓު 2022 - 01:00 0
މިއުނިކް (އޮގަސްޓް 27) - ޖަރުމަނު ލީގުގައި މިރޭ ޗެމްޕިއަން، ބަޔާން މިއުނިކާއި ބޮރޫޝިއާ މުންޗެންގްލަޑްބެކް 1-1 އިން އެއްވަރުވި މެޗުގައި ބަޔާނުން ފޮނުވާލި 19 ހަމަލާއެއް ހުއްޓުވައި، މުންޗެންގްލަޑްބެކްގެ ގޯލްކީޕަރު ސްވިޒަލެންޑްގެ ޔެން ސޮމާ، ޖަރުމަނު ލީގުގެ ރެކޯޑެއް ހަދައިފި އެވެ.
މީގެ ކުރިން ޖަރުމަނު ލީގުގައި އެއް މެޗެއްގައި އެންމެ ގިނަ ބޯޅަ ހުއްޓުވުމުގެ ރެކޯޑް އޮތީ ހެމްބާގްގެ ކީޕަރު އަލެކްސަންޑަ ޝްވޯލޯވް އަތުގަ އެވެ. މި އަހަރު ކުރީކޮޅުގައި ބަޔާން އަތުން 4-1 އިން ހެމްބާގް ބަލިވި މެޗުގައި ޝްވޯލޯވް ވަނީ ބަޔާނުން ފޮނުވާލި 14 ހަމަލާއެއް ހުއްޓުވައިފަ އެވެ.
މިދިޔަ ދެ ސީޒަނަށް ބަލާއިރު، މުންޗެންގްލަޑްބެކް އަކީ ބަޔާން ކައިރިން އެންމެ ރަނގަޅު ނަތީޖާ ނެރެފައިވާ ޓީމެވެ. އެ ޓީމުން ވަނީ ބަޔާން ދެ ފަހަރެއްގެ މަތިން ބަލިވެސް ކޮށްފަ އެވެ.
މިރޭ ބަޔާން ދަނޑުގައި ކުޅުނު މެޗުގައި ލީޑުނެގީ ވެސް މުންޗެންގްލަޑްބެކް އިންނެވެ. މެޗުގެ 43 ވަނަ މިނިޓްގައި މުންޗެންގްލެޑްބެކްގެ ގޯލު ޖެހީ މާކަސް ތުރާމް އެވެ. މިއީ ބަޔާންގެ ޑިފެންޑަރު، ޑަޔޫޓް އުޕަމެކާނޯ ހެދި ގޯހަކުން ހާފުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ގޮސް ތުރާމް ޖެހި ގޯލެކެވެ.
ބަޔާންގެ ފޯވާޑް ސަޑިއޯ މާނޭ ޖެހި ދެ ގޯލެއް އޮފްސައިޑް ކަމަށް ނިންމި މި މެޗުގައި އެ ޓީމު ހުއްޓުވުމުގައި ހީރޯ އަކީ ސޮމާ އެވެ. ޖަރުމަނު ލީގުގައި މި ފަހަރުގެ ސީޒަނުގައި ފުރަތަމަ ތިން މެޗުގައި ސޮމާ އަށް މަތަކުރެވުނީ ތިން ބޯޅަ އެވެ. އެކަމަކު، މިރޭ ބަޔާނުން ފޮނުވާލި 19 ހަމަލާއެއްގެ ހުރަހަކަށް ވީ ސޮމާ އެވެ.
ސޮމާ، 33، އަންނަނީ 2014 ވަނަ އަހަރުން ފެށިގެން މުންޗެންގްލަޑްބެކް އަށް ކުޅެމުން: އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ސޮމާ ވަނީ ގިނަ މެޗުތަކެއްގައި މޮޅު ކުޅުމެއް ދައްކާފައި.
މި މެޗުގައި ބަޔާނަށް އެއްވަރުކޮށްދިން ގޯލު ޖެހީ މެޗުގެ 83 ވަނަ މިނިޓްގައި ލެރޯއި ސާނޭ އެެެވެ. ޖަމާލް މުސިއާލާ ދިން ބޯޅައަކުން ސާނޭ ޖެހި މި ބޯޅައަކީ ބަޔާނުން މި މެޗުގައި ފޮނުވާލި 25 ވަނަ ޝޮޓެވެ. އޭގެ ތެރެއިން 15 ޝޮޓް ދިޔައީ ގޯލާ ދިމާލަށެވެ. އޭގެ ފަހުން ބަޔާނުން މޮޅުވާން ފޮނުވާލި ހަތަރު ބޯޅައެއް ސޮމާ މަތަކުރި އެވެ. އެ ގޮތުން އިތުރު ވަގުތުގައި ބަޔާންގެ ބެންޖަމިން ޕަވާޑް ޖެހި ބޯޅަ ހުއްޓުވުމުގައި ސޮމާގެ ހުށިޔާރުކަން ފެނުނެވެ.
ބަޔާން އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ޔޫނިއަން ބާލިންއާ އެއްވަރަށް ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ޔޫނިއަން ބާލިން ވަނީ މިރޭ ކުޅުނު މެޗުން 6-1 އިން ޝާލްކާ ބަލިކޮށްފަ އެވެ.
ތިން ވަނައިގައި އޮތް ފްރެއިބާގާއި ހަތަރެއްގައި އޮތް ހޮފެންހައިމް އަދި ފަސް ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. މުންޗެންގްލަޑްބެކް ހަ ވަނައިގައި އޮތީ އަށް ޕޮއިންޓާ އެކު އެވެ. ޑޯޓްމަންޑް މިރޭ ވަނީ ރަށުންބޭރުގައި 1-0 އިން ހާތާ ބާލިން ބަލިކޮށްފަ އެވެ. އަދި ހޮފެންހައިމް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އޮއުސްބާގް އަތުން މޮޅުވެފަ އެވެ.
ލީގުގެ 10 ވަނައިގައި އޮތް އާރްބީ ލައިޕްޒިގުން ވަނީ 2-0 އިން ވުލްފްސްބާގް ބަލިކޮށް މި ފަހަރު ލީގުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ.
Comment