Advertisement

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން: ދަ ގްރާންޑޭ ބަލިކޮށް ބުރު ފުރަތަމަ ޑިވިޝަނާ ދިމާލަށް

27 އޮގަސްޓު 2022 - 23:00 0

ގޯލު ޖެހުމަށް ފަހު ބުރުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން: ދަ ގްރާންޑޭ ބަލިކޮށް ބުރު ފުރަތަމަ ޑިވިޝަނާ ދިމާލަށް

27 އޮގަސްޓު 2022 - 23:00 0

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް ބުރު ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވުމާ ގާތަށް ޖެހިލައިފި އެވެ.

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި މިހާތަނަށް ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތީ ސަސް އެވެ. އެއީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބުރު އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަަނައިގައި އޮތް ކްލަބް ޓީނޭޖަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ގްރާންޑޭ އެންމެ ފުލުގައި އޮތީ ޕޮއިންޓަކާ އެކު އެވެ.

ކޮލިފިކޭޝަންގައި ކުޅުނު ފުރަތަމަ މެޗުން ބުރު ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ބަލިވެފަ އެވެ. ދަ ގްރާންޑޭ އިން ކުޅުނު ފުރަތަމަ މެޗުގައި ދެ ގޯލުގެ ލީޑެއްގައި އޮއްވައި، ކްލަބް ޓީނޭޖުން ވަނީ އެއްވަރުކޮށްފަ އެވެ. ޓީނޭޖް ދެ ވަނަ މެޗުން ވަނީ މިއަދު ސަސް ވެސް ހުއްޓުވައިފަ އެވެ.

ކޮލިފިކޭޝަންގެ ފަހު މެޗުތައް އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދުވަހު ހަވީރު ޓީނޭޖް އަތުން ބުރު ބަލިނުވެ މެޗު ނިންމާލައިފިނަމަ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ އެވެ. ފުރަތަމަ ޑިވިޝަނުގައި އޮންނާނީ ކޮލިފިކޭޝަން ނިމޭއިރު، އެއް ވަނަ އާއި ދެ ވަނައިގައި ނިންމާ ޓީމުތަކެވެ.

ބުރުގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ


މިރޭ ދަ ގްރާންޑޭ ބަލިކޮށްގެން ނޫން ގޮތަކަށް ބުރަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވުމުގެ އަމިއްލަ ބާރު ދެމެހެއްޓެން ނެތްއިރު، އެ ޓީމުން ފުރަތަމަ މިނިޓުން ފެށިގެން ކުޅެމުންދިޔައީ މޮޅުވުމުގެ ރޫހުގައި ކުރިއަށް ޖެހިގެންނެވެ.

ބުރުން ބަދަލުތަކަކާ އެކު މިރޭގެ މެޗަށް ނުކުތްއިރު އެ ޓީމުން ވަނީ މެޗުގެ 13 ވަނަ މިނިޓްގައި ލީޑުނެގުމާ ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން ބުރުގެ ޖުމައިލް ޖަމީލް (ޖުމްބެ) ނެގި ހުރަހަކުން އެ ޓީމުގެ ސާބިއާ ފޯވާޑް ސްޓެފަން ޑުރިޗް ބޮލުން ޖެހި ބޯޅަ ދަ ގްރާންޑޭގެ ލެބަނަން ކީޕަރު މުހައްމަދު ތަހާ އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ބޯޅަ ބުރުގެ އުޒްބެކިސްތާން މިޑްފީލްޑަރު މިރްޖަލޯލް ކަސީމޯވް ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ 23 ވަނަ މިނިޓްގައި މިރްޖަލޯލް ހިލޭ ޖެހުމަކުން ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅަ ކީޕަރު ތަހާ ވަނީ މަތަކޮށްފަ އެވެ.

ގްރާންޑޭ އިން ވެސް ލިބޭ ފުރުސަތުތަކުގައި އެޓޭކް ކުރެވޭތޯ ބަލަމުންދިޔައިރު، މެޗުގެ 27 ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް އުފެއްދި އެވެ. ދަ ގްރާންޑޭގެ ކޮލަމްބިއާ ޑިފެންޑަރު، ޖޯޖް އިވާން ސައެސެޑޯ މަތިން އޭރިއާތެރެއަށް ޖެހި ބޯޅަ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ހޫގޯ ނިކޮލަސް ރެޓަމާލް މެއިން ކޮންޓްރޯލް ކުރުމަށް ފަހު އެކްރަބެޓިކް ކިކަކުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަސް މިނިޓް ފަހުން އޭރިއާބޭރުން ހޫގޯ ޖެހި ބާރު ބޯޅަ ބުރުގެ ގޯލްކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) ވަނީ މަތަކޮށްފަ އެވެ.

ބުރުން ލަނޑެއް ޖަަހަން ކުރި މަަސައްކަތް ކާމިޔާބުވީ މެޗުގެ 40 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ގޯލު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ޖުމްބެ އެވެ. މިއީ ބުރަށް ކުޅޭ މިސްރުގެ މިޑްފީލްޑަރެއް ކަމަށްވާ އަހުމަދު މުހައްމަދު ގަބޭލާ (ބޫގީ) ހުސްކޮށްލާފައި ދިން ބޯޅައަކުން ޖުމްބެ ހަމަޖެހިލާފައި ޖެހި ގޯލެކެވެ.

ދަ ގްރާންޑޭގެ ވިޖުދާން (ކ) ކައިރިން ބުރުގެ ތަސްނީމް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ދަ ގްރާންޑޭ އިން ވަނީ އެއްވަރުކޮށްފަ އެވެ. މިއީ މެޗުގެ 50 ވަަނަ މިނިޓްގައި ހޫގޯ ޖެހި ގޯލެކެވެ. ހިލޭ ޖެހުމަކުން އޭރިއާތެރެއަށް އައި ބޯޅައެއްގައި ގްރާންޑޭގެ އިވާން ބޮލުން ޖައްސާލި ބޯޅަ ހޯދައި، ހޫގޯ ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ބުރުން ވަނީ މެޗުގެ 60 ވަނަ މިނިޓްގައި މުހައްމަދު ތަސްމީން (ތައްތި) ކުޅެން އަރުވައިފަ އެވެ. ތައްތި ކުޅެން އެރިތާ ތިން މިނިޓް ތެރޭ ބުރުން އަލުން ލީޑުނެގި އެވެ. މި ގޯލު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އަހުމަދު ވިސާމް (ޖެރާޑް) އެވެ.

މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ބުރުން ވަނީ ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މި ގޯލު ޖެހީ ސްޓެފަން އެވެ. މެޗުގެ 82 ވަނަ މިނިޓްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅަ ސްޓެފަން ފުއްމައިގެން އަރައި ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުުރު ކަނަށެވެ. އިތުރު ވަގުތުގައި ބުރަށް ހަތަރު ވަނަ ގޯލެއް ޖަހައިދޭން ތައްތި ޖެހި ބޯޅަ ކީޕަރު ތަހާ ވަނީ މަތަކޮށްފަ އެވެ.

މި މެޗުން ދަ ގްރާންޑޭ ބަލިވުމާ އެކު އެ ޓީމަށް ފުރަތަމަ ޑިވިޝަނުގައި މަގާމު ދެމެހެއްޓެން އޮތީ ފަހު މެޗުގައި ސަސް ބަލިކޮށްގެންނެވެ. ދަ ގްރާންޑޭ ކޮލިފިކޭޝަން ކުޅެން ޖެހުނީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދިއުމުންނެވެ.