Advertisement

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: މޮޅު އެތުލީޓުގެ މަގާމު މި ފަހަރު ވެސް ސާއިދު އާއި ހިމްނާ އަށް

27 އޮގަސްޓު 2022 - 18:39 0

އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ހިމްނާ (ކ) އާއި ސާއިދު.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އެސޯސިއޭޝަން ޗެމްޕިއަންޝިޕް: މޮޅު އެތުލީޓުގެ މަގާމު މި ފަހަރު ވެސް ސާއިދު އާއި ހިމްނާ އަށް

27 އޮގަސްޓު 2022 - 18:39 0

މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ދިވެހި ސިފައިންގެ ކްލަބުގެ ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ކްލަބް ރާވެރިޔާގެ އައިޝަތު ހިމްނާ ހަސަން ހޯދައިފި އެވެ.

އެންމެ ފަހުން ބޭއްވި ދެ ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދާފައިވަނީ ވެސް ސާއިދު އާއި ހިމްނާ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ގައުމީ ގްރޯން ޕްރީ މުބާރާތުގެ އެއް ވަނަ ފިރިހެން އެތުލީޓަކީ ސާއިދު އެވެ. އެކަމަކު، އެންމެ މޮޅު އަންހެން އެތުލީޓަކީ މި ފަހަރުގެ ދެ ވަަނަ އަށް ދިޔަ އައިމިނަތު ޖާއިޝާ ޖުނީޒް އެވެ.

މާލޭ ސިންތެޓިކް ޓްރެކުގައި މިދިޔަ ބުރާސްފަތި ފެށި އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ސާއިދު އާއި ހިމްނާ އަށް ވެސް މޮޅު އެތުލީޓުގެ މަގާމް ލިބުނީ ދެ އެތުލީޓުން ވެސް ވާދަކުރި ހުރިހާ އިންޑިވިޖުއަލް ތިން އިވެންޓުން ވެސް ރަން މެޑަލް ހޯދައިގެންނެވެ.

ރާއްޖޭގެ އެންމެ ބާރު ފިރިހެން ދުވުންތެރިޔާ ސާއިދު ވަނީ އޯޕަން ބައިގެ ފިރިހެންގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފަ އެވެ. މީގެ އިތުރުން 4 ގުނަ 400 މީޓަރު ޓީމް ރިލޭ އިން އެއް ވަނަ ހޯދި ދިވެހި ސިފައިންގެ ކުލަބު ޓީމުގައި ވެސް ސާއިދު ހިމެނެ އެވެ.

ފިރިހެން މޮޅު އެތުލީޓުގެ އެވޯޑަށް ސާއިދުއާ އެންމެ ގާތުން ވާދަކުރީ ދިވެހި ސިފައިން ކުލަބުގެ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. އޭނާ ވަނީ 1500 މީޓަރު އަދި 5000 މީޓަރު ދުވުމުން އެއް ވަނަ ހޯދައިފަ އެވެ. ފަޒީލް އަށް އެއް ވަނަ ގެއްލުނީ 800 މީޓަރު ދުވުމުންނެވެ. އޭނާ އަށް ރިހި މެޑަލް ލިބުނުއިރު، މި އިވެންޓުން އެއް ވަނަ ހޯދީ އަހުމަދު ވިސާމް އެވެ.

މޮޅު އެތުލީޓުންގެ މަގާމު ހޯދި ހަތަރު އެތުލީޓުން: (ކ.ވ) ދާނާ، ހިމްނާ، ސާއިދު އަދި އަޔާން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އަންހެން އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދި ކުލަބު ރާވެރިޔާގެ ހިމްނާ ވަނީ އަންހެނުންގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. ހިމްނާ އާއި އެންމެ ގާތުން ވާދަކުރި އައިމިނަތު ޖާއިޝާ ޖުނީޒު ވެސް ތިން އިވެންޓަކުން ރަން މެޑަލް ހޯދި އެވެ. އެއީ އަންހެނުންގެ 800 މީޓަރު، 1500 މީޓަރު އަދި 5000 މީޓަރު ދުވުމުންނެވެ.

ހިމްނާ އާއި ޖާއިޝާ ވެސް ވަނީ ރަން މެޑަލް ހޯދި ހުރިހާ އިވެންޓަކުން ވެސް މީޓު ރެކޯޑު ހަދާފަ އެވެ. އެހެންކަމުން ރަން މެޑަލްގެ އަދަދާއި މީޓް ރެކޯޑު ވެސް އެއްވަރުވެ، ދެން މޮޅު އެތުލީޓު ހޮވީ އިންޓަނޭޝަނަލް އެތުލެޓިކްސް ސްކޯރިން އަށް ބަލައިގެންނެވެ. މި ސްކޯރިން އަށް ބަލައިގެން ކުރި ލިބުނީ ހިމްނާ އަށެވެ.

މުބާރާތުގެ ޖޫނިއާ އުމުރުފުރާ އަށް ބަލާއިރު، 15 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ އިސްކަންދަރު ސްކޫލްގެ ޔޫސުފް އަޔާން އާމިރު އެވެ. އަޔާން ވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ.

ފަނަރަ އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ހިތަދޫ ސްކޫލްގެ ފާތިމަތު ދާނާ އެވެ. ދާނާ ވަނީ އަންހެން ކުދިންގެ 100 މީޓަރާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ.

މުބާރާތުގެ އޯޕަން ބައިގެ ފިރިހެން އެންމެ މޮޅު ޓީމަކީ ދިވެހި ސިފައިންގެ ކުލަބެވެ. އަންހެން އެންމެ މޮޅު ޓީމަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އެވެ. ފަނަރަ އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު ޓީމަކަށް އިސްކަންދަރު ސްކޫލް ހޮވުނުއިރު، އަންހެން އެންމެ މޮޅު ޓީމަކީ ދަ ބްލެކް މާލިން އެވެ.