Advertisement

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން: ޓީނޭޖާ އެއްވަރުވެ ސަސްގެ އިންތިޒާރު ދިގުލައިފި

27 އޮގަސްޓު 2022 - 18:24 0

ޓީނޭޖްގެ ޖައިލަމް (ވ) ކައިރިން ސަސްގެ ނަސޫހު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ/ އިސްމާއިލް ތޯރިގު


ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން: ޓީނޭޖާ އެއްވަރުވެ ސަސްގެ އިންތިޒާރު ދިގުލައިފި

27 އޮގަސްޓު 2022 - 18:24 0

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް ޓީނޭޖާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކުރަން ކުރާ މަސައްކަތުގައި އިންތިޒާރުކުރަން ޖެހިއްޖެ އެވެ.

މިއަދު ޓީނޭޖް އަތުން މޮޅުވި ނަމަ ބާކީ މެޗެއް އޮއްވައި ސަސް އަށް ފުރަތަމަ ޑިވިޝަނުގައި މަގާމު ޔަގީންކުރެވޭނެ އެވެ. އެކަމަކު، އެ ޓީމު އެއްވަރުވުމުން ފުރުސަތު ގެއްލި، އިތުރު އިންތިޒާރެއް ކުރަން ޖެހުނީ އެވެ.

މިހާތަނަށް ބަލާއިރު، ކޮލިފިކޭޝަން ތާވަލުގެ އެއް ވަނައިގައި ސަސް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓީނޭޖަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތީ އެއް މެޗުން ޕޮއިންޓެއް ހޯދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ފުލުގައި އޮތީ ކުޅުނު ފުރަތަމަ މެޗުން ބަލިވި ބުރު ސްޕޯޓްސް ކްލަބް އެވެ.

ކޮލިފިކޭޝަންގައި މިރޭ ދަ ގްރާންޑޭ އަތުން ބުރު ބަލިވެއްޖެނަމަ އެ ޓީމު ކަޓާނެ އެވެ. ބުރު މޮޅުވެއްޖެނަމަ، ކޮލިފިކޭޝަންގެ ދެ ޖާގައިގެ ވާދަވެރިކަން ބޮޑުވާނެ އެވެ. ގަދަ ދެ ޓީމަށް އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ޖާގަ ލިބޭއިރު، އެ ޖާގަތައް ޔަގީންވާނީ އަންނަ އަންގާރަ ދުވަހު ކުޅޭ ފަހު ދެ މެޗުންނެވެ.

ސަސްގެ އައިހަމް (ވ) މިއަދުގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ/ އިސްމާއިލް ތޯރިގު


ސަސް އިން މިއަދުގެ މެޗަށް ނުކުތީ ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. ބުރު މެޗުގައި ބަދަލަކަށް ކުޅެން އެރި މުހައްމަދު ސާމިރު އާއި އިބްރާހިމް އަތީގް ހަސަން (އިއްބެ) ވަނީ ފުރަތަމަ އެގާރަ އަށް ލައިފަ އެވެ. ޓީނޭޖުން ފުރަތަމަ މެޗުގައި ދަ ގްރާންޑޭއާ ފަހަތުން އަރައި އެއްވަރުކުރިއިރު، އެ މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރަ އަށް މި މެޗުގައި ޓީނޭޖުން މާ ބޮޑު ބަދަލުތަކެއް ނުގެނެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން ފުރަތަމަ ފަސް މިނިޓް ތެރޭ ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެ ގޮތުން ސަސް އަށް ލިބުނު ފުރުސަތުން އެ ޓީމުގެ އިއްބެ ޖެހި ބޯޅަ ޓީނޭޖްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. އަދި ޓީނޭޖްގެ ކެޕްޓަން އަހުމަދު މުހައްމަދު (އައްމަޑޭ) އެ ޓީމުގެ ނާޖިހު މުހައްމަދު އަށް ދިން ބޯޅަ އޭނާ އޭރިއާތެރެއިން ފޮނުވާލި ނަމަވެސް ސަސްގެ ކެޕްޓަން އަދި ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.

ދެ ޓީމުގެ ކުޅުންތެރިން އަތުން ވެސް ގިނަ ބޯޅަތަކެއް މެދުތެރެއިން ގެއްލުނު މި މެޗުގައި، ދެ ޓީމަށް ވެސް ފުރަތަމަ 30 ވަރަކަށް މިނިޓް ތެރޭ މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައިނުވެ އެވެ. ސަސް އިން ވަނީ މެޗުގެ 34 ވަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ހޯދައިފަ އެވެ. ޓީނޭޖް ޑިފެންޑަރެއް ފައިގައި ޖެހިފައި އޭރިއާތެރެއިން ސަސްގެ އިއްބެ އަށް ލިބުމުން އޭނާ ޖެހި ޝޮޓް ޓީނޭޖްގެ ބިދޭސީ ކީޕަރު، މުހައްމަދު ހަސަން އަބްދުލް ހަމީދު ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޓީނޭޖުންނެވެ. މެޗުގެ 55 ވަނަ މިނިޓްގައި ޓީނޭޖްގެ މިސްރު ފޯވާޑް، އަލީ އަފީފީ ވެއްޓިގެންފައި ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ދެ މިނިޓް ފަހުން ކޯނަރަކުން ހުރަސްވި ބޯޅައަކަށް އަަރައި ޓީނޭޖްގެ ޑިފެންޑަރު، އަލީ އަހުމަދު ބޮލުން ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ސަސް އިން ލިބޭ ފުރުސަތުތަކުގައި ޓީނޭޖަށް ނުރައްކާ ކުރަން ގިނަ މަސައްކަތް ކުރަމުންދިޔައިރު، މެޗުގެ 64 ވަނަ މިނިޓްގައި މުހައްމަދު ސާމިރު ނެގި ހުރަހަކުން އިއްބެ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ 79 ވަނަ މިނިޓްގައި އޭރިއާ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ޓީނޭޖްގެ ބިދޭސީ މިޑްފީލްޑަރު، އަހުމަދު މަހުމޫދު ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. އޭގެ މިނިޓެއް ފަހުން އެ ޓީމުގެ އަފީފީ ބޮލުން ޖެހި ބޯޅަ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ އަތަށް ނަގައިފަ އެވެ.

ފަހު ވަގުތު ވެސް ކުރިއަށް ޖެހިގެން ސަސް އިން ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ.