ވޮލީ ކުޅެން ހުއްޓައި ނިޔާވި އަހުމަދު އަބްދުﷲ.
އދ. މާމިގިލީގައި ކުރިއަށްދާ ވޮލީ މުބާރާތުގެ މިރޭގެ މެޗްގައި ކުޅެން ހުރި ޒުވާނަކު ނިޔާވެއްޖެ އެވެ.
މާމިގިލީގައި ކުރިއަށްދާ، ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އއ. އދ އަތޮޅުގެ އަތޮޅު ވޮލީ މުބާރާތުގައި މިރޭ ކުޅުނު އެ އަތޮޅު ދިއްދޫގެ ރައްޔިތުންގެ ގުޅުމާއި ދަނގެތި އަންވާރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗް ކުޅެމުން ދަނިކޮށް ނިޔާވީ ދިއްދޫ ޓީމުގެ އަހުމަދު އަބްދުﷲ (ޑަކީ)، 37، އެވެ.
އޭނާ ކޯޓު ތެރެއަށް ވެއްޓުނީ މެޗުގެ ފުރަތަމަ ސެޓް ނިމެން ގާތްވެފައި ވަނިކޮށެވެ. ކޯޓުތެރޭގައި އޭނާ އަށް އަވަސް ފަރުވާ ދިނުމަށް މަސައްކަތް ކުރުމަށް ފަހު ގެންދިޔައީ މާމިގިލީ ސިއްހީ މަރުކަޒަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފަ އެވެ.
ނިޔާވި ކުޅުންތެރިޔާއަކީ ދިއްދޫގެ ހުނަރުވެރި އަދި ކާމިޔާބު ވޮލީ ކުޅުންތެރިއެކެވެ.
ވޮލީބޯޅަ އާއިލާގެ ގިނަ ފަރާތްތަކާ ގާތްގުޅުމެއް އޮންނަ އަހުމަދު އަކީ ލޯކަލް ވޮލީގެ ގިނަ މުބާރާތްތަކެއްގައި މީގެ ކުރިން ކުޅެފައިވާ ކުޅުންތެރިއެކެވެ. ފަަހަކަށް އައިސް އޭނާ އެންމެ ގިނައިން ފެނިފައިވަނީ ރާއްޖޭގައި އެންމެ ފޯރިގަދަކޮށް ކުރިއަށްދާ އެއް ވޮލީބޯޅަ މުބާރާތް ކަމަށްވާ އިންޓަ ރިސޯޓް ވޮލީގަ އެވެ. މީގެ އިތުރުން އަތޮޅު ފެންވަރުގެ ގިނަ ވޮލީ މުބާރާތްތަކުގައި ގަވާއިދުން އޭނާ ކުޅެ އެވެ.
އޭނާ އަކީ އއ. އާއި އދ. އަތޮޅުގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ޒުވާނެކެވެ. ކުޅިވަރު ކުޅުމުގެ ރޮނގުންނާއި ޒުވާނުންގެ މެދުގައި އެކި ހަރަކާތްތައް ހިންގުމުގައި އަހުމަދު އަކީ އިސްކޮށް މަސައްކަތްކޮށް އުޅުނު ޒުވާނެކެވެ. އަމިއްލަ ވިޔަފާރިއެއް ހިންގައިގެން ދިރިއުޅެމުން އަންނަ އަހުމަދު ވަނީ ވަރަށް ޒުވާން އުމުރުގައި ބައި ޕާސް އޮޕަރޭޝަނެއް ކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment