Advertisement

ދަރިންނަށްޓަކައި "ޓޮކްސިކް" ތަރުބިއްޔަތުގެ ކަސްތޮޅުން މިނިވަންވުން

27 އޮގަސްޓު 2022 - 09:21 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ދަރިންނަށްޓަކައި "ޓޮކްސިކް" ތަރުބިއްޔަތުގެ ކަސްތޮޅުން މިނިވަންވުން

27 އޮގަސްޓު 2022 - 09:21 1

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަނދާނެކެވެ. ރާއްޖޭގެ އެއް ވަނަ ސާފަރު ހޯދުމަށް ބޭއްވި، އެ އަހަރުގެ އެންމެ ވަރުގަދަ ރާޅާ އެޅުމުގެ މުބާރާތުގައި ބައިވެރިވި 13 އަހަރުގެ ކުއްޖަކު، ރާޅުތަކުގެ ތެރޭގައި ހުނަރު ދައްކަމުން ދިޔައިރު މަންޒަރު ބަލަން އިން އެ ކުއްޖާގެ މަންމަގެ އަޑު ހިސާބަކުން މެދުކެނޑުނެވެ. ދައްކަން އިން ވާހަކައިގެ ރާގު 'މޮޅި'ވެ، ކުށްވެރިވެފައިވާ ބެލުމަކުން ހިނިތުންވުމެއް ދެމުން އިސްޖަހައިލި އެވެ. ފުން ނޭވާއެއް ލާފައި ހުއްޓާލި ހިސާބުން ފަށައިގަންނަމުން ބުނެލި އެވެ.

"ދަރިން ނުކިޔަވާތީ އެއްޗެހި ކިޔައި ތަޅައި އަނިޔާކޮށް ހެދިން. އެކަމާ ވަރަށް ދެރަވޭ. ކުދިންނަށް އަނިޔާ ކުރުމަކީ ކުރެވުނު ބޮޑު ކުށެއް. ނުވިސްނުނީ އަހަންނަށް."

ފަގީރު ހާލުގައި އުޅެ ބޮޑުވުމުން، އޭނާގެ ތަގުދީރު، ދަރިންގެ ތަގުދީރަށްވެ ނިމިދާނެ ކަމުގެ ބިރު އޮތްލެއް ބޮޑުކަމުން އަމިއްލަ އުންމީދުތައް ކުދިންނަށް ވޭނަކަށް ވާވަރު ކޮށްލެވުނީ ނޭނގުމެއްގެ ތެރޭގަ އެވެ.

މިފަދަ އެތައް މިސާލެއް މި މުޖުތަމައުން ނަގައިލެވޭނެ އެވެ. 'ޓޮކްސިކް' ޕޭރެންޓިންގެ ކުލަވަރު ތަރުބިއްޔަތުގެ ދުނިޔޭން އަދިވެސް ފެންނަނީ ގަދަކޮށެވެ.

ޗައިލްޑް ފެމިލީ އެންޑް ޕްރޮޓެކްޝަން ސާވިސާސްގެ ސައިކޮލޮޖިސްޓް މަރިޔަމް ޝަހުނާ, ޓޮކްސިޕް ޕޭރެންޓިން ސިފަކުރެއްވީ، ޖީލުތަކަށް ވާރުތަވަމުން އައިސްފައިވާ ނަފްސާނީ 'ކަސްތޮޅެއް'ގެ ގޮތުގަ އެވެ.

"ބައެއް ފަހަރަށް މި ވާ ގޮތަކީ، ބެލެނިވެރިއެއްގެ ގޮތުގައި ތިމާ އަކީ ކިހާ ވަރެއްގެ ރަނގަޅު ނުވަތަ ގާބިލު މީހެއްކަން މިހުން ކަނޑައަޅަނީ، ކުއްޖާ ހޯދާ ކާމިޔާބީތަކާއި ހާސިލުކުރާ ކަންކަމުން ކަމަށް ގަބޫލުކުރެވޭ. މިގޮތަށް ވިސްނޭތީ، ވަކި ގޮތަކަށް ކަންކަން ކުރަން ކުދިންގެ މައްޗަށް މަޖުބޫރުކުރެވޭ. ނޭނގި ނަމަވެސް މި މަޖުބޫރުކުރުންތައް ކުދިންގެ ނަފްސާނީ ސިއްހަތަށް ގެއްލުންވާ ހިސާބަށް ދޭ. ބައެއް ހާލަތުގައި ޖިސްމާނީ އަނިޔާ އަށް ވެސް ހުށަހެޅޭ،" ޝަހުނާ އޮޅުންފިލުވައިދެއްވި އެވެ.

ކުޑަކުދިންނަށް ހާއްސަ ސައިކޮލޮޖިސްޓެއްގެ ގޮތުގައި އޭނާގެ 13 އަހަރުގެ ތަޖުރިބާއިން މިސާލު ނަންގަވަމުން މަސައްކަތްކުރެއްވީ ނޭނގުމެއްގެ ތެރޭން ގެންގުޅެވޭ މި ނުރަނގަޅު އުސޫލުތައް މައިންބަފައިންގެ ކިބައިގައި އަށަގަންނަ ގޮތާއި އޭގެ ސަބަބުން ކުދިންނަށް ކުރާ ނޭދެވޭ އަސަރު އޮޅުންފިލުވައިދެއްވުމަށެވެ.

"ޓޮކްސިކް ޕޭރެންޓިންގެ ތެރެއަށް އެބަ ވަދޭ، ވަރަށް ގިނަ އެކްސްޕެކްޓޭޝަން ތަކެއް ކުއްޖާއާ މެދު ބެހެެއްޓުން ވެސް. އަނެއްކާވެސް މި އަންނަނީ ޖެނެރޭޝަނަލް ކަމެއްގެ ވާހަކަ،" ޝަހުނާ ކިޔައިދެއްވި އެވެ.

ކުރީގެ މައިންބަފައިން ގެންގުޅޭ ވިސްނުމެއް، ކުދިން ބަލައި ބޮޑުކުރީތީ އެކުދިން އޭގެ އަގު އަދާކޮށްދޭންޖެހެއޭ ނުވަތަ ވަކި ކަހަލަ ކަންތައްތަކެއް ފުރިހަމަކޮށްދޭން ޖެހެއޭ. އެކަމަކު މިހާރުގެ ކުދިން ގަބޫލުކުރަން ބޭނުންނުވޭ، ބަލައި ބޮޑުކޮށްދިނީތީ އެކުދިން މައިންބަފައިން މައްޗަށް ދަރަނިވެރިވާންޖެހޭ ކަމަކަށް. މިހާ ހިސާބުން މައްސަލައަކަށް ވޭ.

ކުދިންނަށް ހާސިލުކުރަން އުނދަގޫ، ބޮޑެތި އުންމީދުތަކެއް އެކުދިންގެ މައްޗަށް މަތި ކުރުމާއި، އަމިއްލަ ހަޔާތުގައި ތަޖުރިބާކޮށްފައިވާ ހިތްދަތި ކަންކަމުގެ ރުޅި އާއި ގިލަންވެރިކަން ކުދިންނަށް ދެއްކުމަކީ ވެސް ޓޮކްސިކް ތަރުބިއްޔަތެއްގެ ސިފަތަކެވެ.

ކުދިން ބޮޑެތިވާއިރު މައިންބަފައިންގެ މިފަދަ އަމަލުތަކުގެ އަސަރު ހަޔާތުގައި ދިގު މުއްދަތަށް ހުރެ އެވެ. އަމިއްލަ ކަންކަމުގައި ގޮތް ނިންމަން ނޭނގުމާއި، އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ މައްސަލަތަކާއި ކުރިމަތިލަ އެވެ.

"މައިންބަފައިން ހިތްހަމަޖެހޭ ގޮތަށް ދުވަހަކުވެސް ކަންކަން ނުކޮށްދެވޭ ކަމުގެ އިހުސާސަކީ ކުއްޖެއްގެ ސިކުނޑިއަށް ބަރުދާސްކުރަން ބުރަ އިހުސާސެއް،" އޭނާ ވިދާޅުވި އެވެ.

ކުދިންގެ ހަޔާތުގެ ފުރަތަމަ ހަތެއްކަ އަށެއްކަ އަހަރަކީ އެންމެ ނާޒުކު ދުވަސްވަރެވެ. މިއީ އެކުދިންގެ ސިކުނޑި ފުރާފުރިހަމަވުމަށް ނަގާ އަހަރުތަކެވެ. އެ އަހަރުތަކުގައި ކުދިންނަށް ދެވޭ އަހުލާގާއި ކަންކަން ފަސޭހައިން އެކުދިންގެ ކަށީގައި ހަރުލުމުގެ ބޮޑު ޗާންސެއް އޮވެ އެވެ.

ތަރުބިއްޔަތުކުރެވޭ ގޮތާމެދު ފުންކޮށް ވިސްނަންޖެހޭ އެންމެ މުހިއްމު ސަބަބުތައް ފާހަގަކުރައްވަމުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވި އެވެ.

ކުއްޖާގެ ސިކުނޑި ތަރައްގީވަމުން އަންނަ އިރު، މައިންބަފައިންގެ ޓޮކްސިކް އާދަތަކަކީ ވެސް ރަނގަޅު ކަންކަމުގެ ގޮތުގައި ސިކުނޑި އަށް ރިކޯޑުކުރޭ. ގެއްލުމެއް ވަމުން ދާއިރުވެސް، ކުއްޖާއަށް އެބަ ގަބޫލުކުރެވޭ، މަންމައާއި ބައްޕަ ކަންކަން ކޮށްދެނީ އެންމެ ރަނގަޅު ގޮތަށޭ. ސިކުނޑި ތަރައްގީވަމުން އަންނަ އުމުރުގައި ކުއްޖާގެ މައްޗަށް އަމަލުކުރާ ގޮތް ސިކުނޑިން ނަގައިގަންނާނެ. އެހެންވެގެން، ކުއްޖާ ބެލެނިވެރިއަކަށްވާ ދުވަހު، އޭނަގެ އަމަލުތަކާއި އުސޫލުތައް ވެސް ނޭނގި ނަމަވެސް އެއްގޮތްކޮށް ގެންގުޅެން

މިސާލަކަށް، ކުޑައިރު އަނިޔާވެރި މާހައުލެއްގައި ބޮޑުވާ ކުއްޖާ، އޭނަގެ ބެލެނިވެރިކަމުގެ ދަށަށް ބަޔަކު އަންނަ ދުވަހަކުން އެ ބައެއްގެ މައްޗަށް އަނިޔާވެރިވުން ގާތް ކަމަށް ރިސާޗުތަކުން ވަނީ ދެނެގަނެވިފަ އެވެ. ސަބަބަކަށް ވަނީ، ސިކުނޑި ތަރައްގީވަމުން އައި އެންމެ މުހިއްމު ވަގުތު، އޭނާއަށް 'ނޯމަލް' މާނަކުރެވިފައި އޮތީ އެހެން ގޮތަކަށް ކަމަށް ވާތީ އެވެ. ލޯބި މާނަކުރެވިފައި އޮތް ގޮތް ތަފާތުވީމަ އެވެ.

މި ހާލަތުގައި، ދަރިފުޅު ގޯސް ކަމެއް ކުރުމުން އަނިޔާކޮށްލަނީ އެ ކުރި ގޯސް ކަންތައް ރަނގަޅުކުރުމުގެ ނިޔަތުގަ އެވެ. އަނިޔާކުރުމުގެ ގަސްދަކު ނޫނެވެ.

މި ޖީލުގެ މައިންބަފައިންނަށް މި މައުލޫމާތުތައް ކުރީގެ މީހުންނާ އަޅާ ބަލާއިރު މާ ރަނގަޅަށް އެނގެ އެވެ. ހާއްސަކޮށް ނަފްސާނީ ގޮތުން ދިމާވާ މައްސަލަތަކަށް ސިކުނޑި ހުޅުވިފައިވާ މިންވަރު އެތައް ތަނެއް އިތުރެވެ. އެހެންނަމަވެސް، ވާރުތަވެގެން އައިސްފައިވާ އާދަތަކަކާއި ގަބޫލުކުރުންތަކެއްގެ ނުފޫޒު މީގެ ތެރެއަށް ވަންނާތީ، ގިނަ ފަހަރަށް އަމިއްލަ އަށް ގެންގުޅޭ ޓޮކްސިކް އާދަތައް ފާހަގަނުކުރެވެ އެވެ. ނުވަތަ ދެނެގަންނަން ނޭނގެ އެވެ.

އެކަމަކު ޒަމާންތަކަކަށް ދެމިގެން އަންނަ މި ކަސްތޮޅުން މިނިވަންވުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. އަމިއްލަ އަމަލުތަކާމެދު ވިސްނުމާއި ނެގެޓިވް އިހުސާސްތައް ކޮންޓްރޯލްކުރާނެ މަގު ހޯދުމާއި، އެހީތެރިކަން ބޭނުންވާ ހާލަތުގައި ކަމުގެ އިލްމު ހުރި މީހުންގެ ލަފާ ހޯދުން ފަދަ ކަންކަން ކުރެވިދާނެ އެވެ.

"ކުދިންނަށް އަނިޔާދިނުމުގެ ގަސްދެއް ނެތި ގެންގުޅެވޭ އާދަތަކަކަށް ވާތީ، ބިޔޯންޑް މެޝަރަބަލް މެޝާޒް އަށް ދެވޭކަން އަމިއްލަ އަށް ފާހަގަ ނުވެދާނެ އެހެންވީމަ، ބެލެނިވެރިޔާ އަށް ކުރެވޭނެ ކަމަކީ އޭނައަށްކުރެވޭ ކަންކަމާމެދު ވަކި ކޮޅަކަށް ބުރަނުވެ ވިސްނާލުން. ތިމަންނަ މިވެނި ގޮތަކަށް ކަންކަން ކުރީމަ އޭގެ ސަބަބުން ދަރިފުޅަށް އަތުވެދާނެ ބަދަލުތަކާ މެދު ވިސްނާލުން. އެގޮތަށް ފިކުރު ހިންގަން އާދަކުރުން،" ނިޔާފް ވިދާޅުވި އެވެ.