Advertisement

ޗެލްސީ ޓްރާންސްފާ ކަންތަކާ ހެދި ލެސްޓާ އިން ފޮފާނާ އެކަހެރިކޮށްފައި

25 އޮގަސްޓު 2022 - 07:37 0

ލެސްޓާގެ ޑިފެންޑަރު ވެސްލީ ފޮފާނާ: އޭނާ ޗެލްސީ އަށް ބަދަލުވާން ބޭނުންވިޔަސް ލެސްޓާ އިން ތިބީ ދޫކުރާ ގޮތަކަށް ނޫން.


ޗެލްސީ ޓްރާންސްފާ ކަންތަކާ ހެދި ލެސްޓާ އިން ފޮފާނާ އެކަހެރިކޮށްފައި

25 އޮގަސްޓު 2022 - 07:37 0

ލަންޑަން (އޮގަސްޓް 25) - ޗެލްސީން ހޯދަން މަސައްކަތް ކުރަމުން އަންނަ ލެސްޓާ ސިޓީގެ ފްރާންސް ޑިފެންޑަރު، ވެސްލީ ފޮފާނާ މި ވަގުތުު ޓްރެއިނިނިންތައް ކުރިއަށްގެންދަނީ ލެސްޓާގެ 23 އަހަރުން ދަށުގެ ޓީމާ އެކު ކަމަށް ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.

ފޮފާނާ، 21، ގެ ސޮއި ހޯދަން ޗެލްސީން މިހާތަނަށް ކުރި ތިން ބިޑް ވެސް ލެސްޓާ އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ޗެލްސީން މި ހަފްތާގައި ފޮފާނާ ގަންނަން ކުރި 82 މިލިއަން ޑޮލަރުގެ ބިޑް ލެސްޓާ އިން އަނބުރާ ފޮނުވާލިއިރު، ބުނެފައިވަނީ ފޮފާނާ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ.

ޗެލްސީ އަށް ބަދަލުވާން ބޭނުންވާތީ މިދިޔަ ހަފްތާގައި ފޮފާނާ ވަނީ ލެސްޓާގެ ސީނިއާ ޓީމުގެ ޕްރެކްޓިހަކަށް ހާޒިރުނުވެފަ އެވެ. އެހެންވެ، ލެސްޓާ އިން މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އަތުން ބަލިވި މެޗާއި އަންގާރަ ދުވަހު ލީގު ކަޕްގައި ލެސްޓާ އިން ސްޓޮކްޕޯޓް ކައުންޓީ އަތުން މޮޅުވި މެޗުގެ ޓީމުގައި ފޮފާނާ ނުހިމެނެ އެވެ.

ރޮޖާސް ބުނީ ފޮފާނާ މި ވަގުތު ޓްރެއިނިންތައް ކުރިއަށްގެންދަނީ ފިޓްނަސް ރަނގަޅު ކުރުމަށާއި މެޗު ސަމާލުކަން އިތުރުކުރަން 23 އަހަރުން ދަށުގެ ޓީމާ އެކުގައި ކަމަށެވެ.

"މިއީ ރަނގަޅު މުސާރަ ލިބޭ ކުޅުންތެރިން. އެ ކުޅުންތެރިން މެޗުތަކަށް ނުކުންނަން ޖެހޭނީ މެޗު ވިސްނުމުގައި ހުރެ، އެހެން ކަންކަން ސިކުނޑީގައި އެނބުރޭ ވަގުތެއްގައި ފުޓްބޯޅަ މެޗެއްގެ ކޮންސަންޓްރޭޝަނެއް ނުހުންނާނެ. ފޮފާނާގެ މި ވަގުތުގެ ހާލަތު ހުރީ މި ކަހަލަ ގޮތަކަށް،" ރޮޖާސް ބުންޏެވެ.

ލީގުގައި ދެން އެންމެ އަވަހަށް ލެސްޓާ އިން ކުޅޭ މެޗުގައި ބައްދަލުކުރާނީ ޗެލްސީއާ އެވެ. އެ މެޗު އޮތީ ޗެލްސީ ދަނޑުގަ އެވެ. އެ މެޗުގެ ސްކޮޑަށް ފޮފާނާ ނަގާނެތޯ އެހުމުން ރޮޖާސް ބުނީ އެކަމާ ބެހޭގޮތުން ސީދާ ޖަވާބެއް ނުދެވޭނެ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ފްރާންސްގެ ސެއިން އެޓިއެން އަށް 40 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު ލެސްޓާ އިން ފޮފާނާގެ ސޮއި ހޯދީ ހުނަރުވެރި މޮޅު ކުޅުންތެެރިއަކަށް ވާނެ ކަމުގެ ޔަގީންކަމާ އެކު އެވެ.

މިދިޔަ އަހަރު އޮގަސްޓް މަހުގައި ޕްރީ ސީޒަން ތެރެއިން ފައިބިންދައިގެން ދިޔަ، އުމުރުން 21 އަހަރުގެ ފޮފާނާ ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައީ މިދިޔަ މާޗް މަހު އެވެ. އެ މަހުގެ 17 ވަނަ ދުވަހު ފްރާންސްގެ ރެނެސް އަތުން އެގްރިގޭޓުން މޮޅުވެ، ލެސްޓާ އިން ޔުއެފާ ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި މެޗުގައި ގޯލު ޖެހީ ފޮފާނާ އެވެ.

ލެސްޓާއާ އެކު ފޮފާނާ ސޮއިކުރި ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އެބައޮތެވެ.

ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މިހާތަނަށް ހަ ކުުޅުންތެރިން ގަންނަން 200 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. މި ވަގުތު ފޮފާނާ އަށް ފާރަލުމުގެ އިތުރުން ޗެލްސީން އަންނަނީ އެވަޓަންގެ މިޑްފީލްޑަރު، އެންތަނީ ގޯޑަން އާއި ބާސެލޯނާގެ ޕިއޭ އެމެރިކް އޮބާމަޔަން ގެންނަން ވެސް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އޮބާމަޔަން ގަންނަން 15-25 މިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށް ބެލެވޭއިރު، ގޯޑަން ގަންނަން ކުރި 70 މިލިއަން ޑޮލަރުގެ ބިޑް އެވަޓަން އިން ބަލައެއް ނުގަތެވެ.