Advertisement

ދައުރު ނިމުމުގެ ކުރިން މި ސަރުކާރުގެ ބިޔަ އިގުތިސޯދީ މަޝްރޫއުތައް ނުނިމޭނެ

24 އޮގަސްޓު 2022 - 18:10 1

އަމަން ހަލީމް

އަމަން ހަލީމް

މާލެ-ތިލަފުށި ބްރިޖު ސާވޭގެ މަސައްކަތް ކުރާ އުޅަނދެއް:


ދައުރު ނިމުމުގެ ކުރިން މި ސަރުކާރުގެ ބިޔަ އިގުތިސޯދީ މަޝްރޫއުތައް ނުނިމޭނެ

24 އޮގަސްޓު 2022 - 18:10 1

މި ސަރުކާރު ވެރިކަމަށް އައީ އިގުތިސޯދީ ގޮތުން ރާއްޖެ ބަދަލުކޮށްލާނެ ކަމަށް ވައުދު ވެގެންނެވެ. ޓޫރިޒަމަށް ބަރޯސާވެފައި އޮތް އިގުތިސޯދު ސިންދަފާތުކޮށް "ޖަޒީރާ" ތަރައްގީ ގެނެސްދާނެ ޕްލޭނަކާ އެކީ އެ މަގަށް މަސައްކަތްކުރަން ވަރުގަދަ މަގު ޗާޓެއް ވެސް ހިފައިގެންނެވެ.

އެގޮތުން އިގުތިސޯދީ ދާއިރާއިން ރާވާފައިވާ ބިޔަ މަޝްރޫއުތަކެއް ދައުރުގެ ކުރީކޮޅު އިއުލާނުކުރި އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އަދި އިގުތިސޯދަށް އެންމެ ހާއްސަވަނީ މާލެ-ތިލަފުށި ބްރިޖާއި، ހަނިމާދޫ އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑްކުރުމުގެ އިތުރުން ގުޅިފަޅު އިންޓަނޭޝަނަލް ޕޯޓް އެޅުމެވެ.

އެކަމަކު ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ލައިގަތް އިގުތިސޯދީ ތާށިކަމާއެކީ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ ލިބުމާއި، ޕްރޮޖެކްޓު އެވޯޑުކުރުމުގެ މަރުހަލާއަށް އައި ލަސްކަން މަސްހުނިވެ، ސަރުކާރުން ބޭނުންވި ދުވެލީގައި އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިޔަކަށް ނުދެ އެވެ. އޭރު އިއުލާނުކުރެވުނު ބައެއް ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް މިއަދާ ހަމައަށް ނުފެށޭއިރު މިހާތަނަށް ފެށި ޕްރޮޖެކްޓުތަކުގެ މަސައްކަތް ވެސް ފެށޭ ވަރުވީ މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގަ އެވެ.

މިއާ އެކީ މި ސަރުކާރުގެ ރިޔާސީ ދައުރު އަންނަ އަހަރުގެ ނޮވެމްބަރުގައި ނިމުމުގެ ކުރިން ނިމޭނެކަމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. މިހާތަނަށް ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއިން އެއްވެސް ޕްރޮޖެކްޓެއް ނިމޭނެ ކަމަކަށް ނުބެލެވެ އެވެ.

މާލެ-ތިލަފުށި ބްރިޖް

މާލެ-ތިލަފުށި ބްރިޖު ނުވަތަ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ލިންކް"އަކީ މިހާތަނަށް ދިވެހި ސަރުކާރުން އެއް ޕްރޮޖެކްޓަކަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން ހިންގާ އުމްރާނީ ތަރައްގީގެ ބިޔަ ޕްރޮޖެކްޓެކެވެ.

ހަތް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ކޮށްގެން އަޅާ މި ބްރިޖުން މާލެ، ވިލިމާލެ، ގުޅިފަޅު، ތިލަފުށި ގުޅާލާނެ އެވެ. މި ޕްރޮޖެކްޓަށް ފަންޑުކުރަނީ އިންޑިއާ އެގްޒިމް ބޭންކުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ލޯނަކާއި އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި ދިވެހި ސަރުކާރުން ހަރަދު ކުރާ ގޮތަށެވެ.

ދިގުލައިގެންދިޔަ ޓެންޑަރިން މަރުހަލާއަކަށް ފަހު ބްރިޖުގެ ކޮންޓްރެކްޓަރުގެ ގޮތުގައި ހަމަޖެހުނީ އިންޑިއާގެ އެފްކޮންސް ކުންފުންޏެވެ. ކޮންޓްރެކްޓު އެއްބަސްވުމުގައި ސޮއިކުރީ ހުސްވި އަހަރުގެ އޮގަސްޓު 26 ގަ އެވެ. މި އެއްބަސްވުމުގައި ސޮއި ކުރިތާ އަހަރެއް ވާން ގާތްވީއިރު އަދި ކުރިޔަށް ދަނީ ބްރިޖުގެ ޖިއޯ-ޓެކްނިކަލް ސާވޭ ނިންމާ ޑިޒައިން ފައިނަލައިޒް ކުރުމުގެ މަސައްކަތެވެ.

މިހާރު ދީފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގޮސްފިނަމަ، މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމާލެވޭނީ ނޮވެމްބަރު 2024 އަށެވެ. އެކަމަކު އަންނަ އަހަރުގެ ޖުލައި 23 އަށް މާލެ އިން ވިލިމާލެއަށް ގުޅޭލެވޭނެ އެވެ. އަދި ގުޅިފަޅާއި ތިލަފުށީ އަންނަ އަހަރުގެ ޑިސެމްބަރުގައި ގުޅާލެވޭނެ އެވެ.

ދެ ބަޔަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މަޝްރޫއުގައި އަޅާ ބްރިޖާއި ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. އެއީ ތިން ބްރިޖާއި، ދެ މަގެވެ. މި ތިން ބްރިޖަކީ 12 މީޓަރު އުސް މިނުގައި ކޮންމެ ކަނޑުއޮޅިއެއްގައި ގާއިމު ކުރެވޭ 70 މީޓަރު ފުޅާ ބްރިޖްތަކެކެވެ. އަދި، ކޮންމެ ބްރިޖެއްގެ ދަށުން ކަނޑު އުޅަނދުފަހަރަށް ދަތުރުކުރެވޭ ގޮތަށް ނެވިގޭޝަން ބްރިޖް ބައެއް ހުންނާނެ އެވެ.

ބްރިޖު މަޝްރޫއުގެ ދަށުން ބްރިޖު އެޅުމުގެ އިތުރަށް ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތަކާއި ތިލަފުށީގައި ކޮމާޝަލް ހާބަރެއްގެ މަސައްކަތް ވެސް ކުރެވޭނެ އެވެ.

ގުޅިފަޅު އިންޓަނޭޝަނަލް ޕޯޓު

ގުޅިފަޅުގައި އާގުބޯޓުފަހަރަށް ހާއްސަ ބަނދަރެއް ތަރައްގީކުރަނީ މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް، ޒަމާނީ ފެންވަރުގެ ހިދުމަތްދޭ ސިނާއީ ބަނދަރެއް ގާއިމުކުރުމުގެ ގޮތުންނެވެ.

މުޅި ޕްރޮޖެކްޓަށް 6.7 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް އަންދާޒާ ކުރެވޭ މި މަޝްރޫއަކީ އިގުތިސޯދަށް މިވަގުތަށް އެންމެ މުހިންމު މަޝްރޫއެވެ. މި މަޝްރޫއަށް ފަނޑުކުރަނީ އިންޑިއާ އެގްޒިމް ބޭންކުން ހަމަޖައްސާފައިވާ ލައިން އޮފް ކްރެޑިޓުންނާއި ސަރުކާރުގެ ބަޖެޓުންނެވެ.

ގުޅިފަޅު އިންޓަނޭޝަނަލް ޕޯޓު


މިއީ އަދި އެއްގޮތަކަށް ވެސް އަމަލީ މަސައްކަތް ނުފެށޭ މަޝްރޫއެކެވެ. ޕްލޭނިން މިނިސްޓްރީން މި ނޫހަށް ދިން މައުލޫމާތަކީ ގުޅިފަޅު އިންޓަނޭޝަނަލް ޕޯޓު މަސައްކަތުގައި މިހާރު ކުރިޔަށް ދަނީ ކޮންޓްރެކްޓަރުން ޕްރީކޮލިފައިކުރުމުގެ މަރުހަލާ ފެށުމުގެ މަސައްކަތް ކަމަށެވެ. މިހެންކަމުން އަދި މި މަޝްރޫއަކަށް ކޮންޓްރެކްޓަރެއް ހަމަޖެހިފައި ނުވެ އެވެ.

ގުޅިފަޅު ޕްރޮޖެކްޓަށް ދިމާވެފައިވާ އަނެއް ގޮންޖެހުމަކީ އެ ޕޯޓަށާއި، ގުޅިފަޅުގައި ތަރައްގީކުރާ އެހެން ތަންތަނަށް ބޭނުންވާ ބިން ހިއްކުމެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހި ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ނިންމުމަށްފަހު ސަރުކާރުން ވަނީ ދެވަނަ ފިޔަވަހި ހިއްކަން ބޭނުންވާ ފައިސާ ހޯދާ އެ މަސައްކަތް ފަށާފަ އެވެ. މުޅި މަޝްރޫއަށް 190 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

މި މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުގައި އަމަލީ މަސައްކަތް ފަށާ ދުވަހުން ފެށިގެން ޕްރޮޖެކްޓުގެ މަސައްކަތް ނިންމަން 22 މަސް ދުވަސް ނަގާނެ އެވެ. މިހެންކަމުން މި އަހަރުގެ ތެރޭގައި މި ޕޯޓުގެ އަމަލީ މަސައްކަތް ފެށި ނަމަވެސް ޕޯޓު އެންމެ އަވަހަށް ވެސް ނިމޭނީ 2024 ނޫނީ 2025 އަށެވެ.

ތިން ބަޔަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މަޝްރޫއުގައި ފުރަތަމަ ފިޔަވައްސަކީ ޕޯޓު ތަރައްގީކުރުމެވެ. އަނެއް ދެ ފިޔަވަހީގެ ތެރޭގައި ހިމެނެނީ ޖެނެރަލް ކާގޯ އަދި ކޮންޓެއިނާ ޓާމިނަލް ވަކިކުރުމާއި އެންމެ ބޮޑެތި އާގުބޯޓުފަހަރަށް ހިދުމަތްދެވޭ ފެންވަރަށް ކޮންޓެއިނާ ޓާމިނަލް ތަރައްގީކުރުމެވެ.

އަހަރެއްގެ ތެރޭގައި ހަތަރު ލައްކަ ކޮންޓެއިނަރަށް ހިދުމަތްދެވޭ ފެންވަރަށް ތަރައްގީކުރާ ގުޅިފަޅު އިންޓަނޭޝަލް ޕޯޓު މަޝްރޫއުގެ ދަށުން ޕޯޓު އެޅުމުގެ އިތުރަށް ހާއްސަ ހުއްދައިގެ ދަށުން ބޭރުކުރެވޭ ކާގޯތަކަށް ހާއްސަ ބޮންޑަށް ވެއާހައުސްއަކާއި ނޯތު ހާބަރާއި ޓީ-ޖެޓީގެ ހަރަކާތްތައް ގުޅިފަޅަށް ބަދަލުކުރަން ޑޮމެސްޓިކް ކާގޯއަށް ހާއްސަ ސަރަހައްދެއް ގާއިމްކުރުން ހިމެނެ އެވެ.

ހަނިމާދޫ އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓު

ރާއްޖޭގެ އުތުރާއި ދެކުނުގައި އިގުތިސޯދީ ހަބުތަކެއް އުފައްދަން ސަރުކާރުން ގެންގުޅޭ ތަސައްވުރުގައި އެންމެ މުހިންމު އެއް ކަމަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް އަޕްގްރޭޑު ކުރުމެވެ.

މި ދެ އެއާޕޯޓުގެ ތެރެއިން ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކުރެވޭ ވަރުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. ދެ ބިލިއަން ރުފިޔާއަށް މި މަޝްރޫއު އެވޯޑުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއަށެވެ. މިއީ ވެސް އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން ފަންޑުކޮށްގެން ހިންގާ މަޝްރޫއެކެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އުތުރުގެ އަތޮޅެއްގައި ސަރުކާރުން ހަރަދުކޮށްގެން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. މި މަސައްކަތް އެވޯޑުކުރަމުން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެއާޕޯޓުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނީ 2024 ގެ މެދުތެރޭގައި ކަމަށެވެ.

ދިވެހި ކަނޑުތަކުގައި އުޅޭ މަޑި އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ މި އެއާޕޯޓުގެ މަސައްކަތުގެ ދަށުން 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރުގެ ޓާމިނަލަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެން ދާނެ އެވެ. އޭރުން އެއާބަސް A320 އަދި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ.

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް މި ހިސާބަށް ދިޔަ ނަމަވެސް, ގަން އެއާޕޯޓުގެ އަޕްގްރޭޑިން މަސައްކަތް ބަޔަކާ ހަވާލުކުރެވޭ ވަރެއް ނުވެ އެވެ. މި އަހަރުގެ މޭ މަހު މި މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައި ވާން ކޮންޓްރެކްޓަރުންނަށް ހުޅުވާލި ނަމަވެސް، އަދި އިވެލުއޭޝަން މަރުހަލާ ނިމި ޕްރޮޖެކްޓު އެވޯޑުކުރުމާ ހަމައަކަށް ނުދެ އެވެ.

މީގެ ކުރިން ސަރުކާރުން ހާމަކޮށްފައިވާ މައުލޫމަތަކީ މި އެއާޕޯޓަށް ވެސް ހަރަދުކުރާނީ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުން ކަމަށެވެ. އެއާޕޯޓު މަސައްކަތަށް ހާއްސަކުރީ އޭގެން 261 މިލިއަން ރުފިޔާ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ޑޮމެސްޓިކް ޓާމިނަލް އެޅުމާއި އެކްސެސް ރޯޑްސް (އެއާޕޯޓަށް ދަތުރުކުރާ މަގުތައް) ހެދުމާއި ކާގޯ ބިލްޑިން އާއި އެހެނިހެން ސަޕޯޓް އިންފްރާސްޓްރަކްޗާ ގާއިމުކުރުމެވެ.

މި މަޝްރޫއު ނިމުމުން މިހާރު ވެސް ބައިނަލްއަގުވާމީ ފެންވަރުގެ ގަން އެއާޕޯޓަށް "ވައިޑް ބޮޑީ" މަތިންދާބޯޓުތަކަށް ޖެއްސޭނެ މަގުފަހިވެ، މިހާރަށް ވުރެ ގިނަ އިންޓަނޭޝަނަލް ފްލައިޓުތައް ޖައްސަން ފަހިކުރުމާއެކު ޓޫރިސްޓުންނަށާއި އެހެން ދަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށް ވުރެ ފުޅާކުރެވޭނެ އެވެ.

ދައުރު ތެރޭގައި ނުނިމުނަސް ޕްރޮޖެކްޓުތައް ލަސްކަމަށް ސަރުކާރުން ގަބޫލެއް ނުކުރޭ

މި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި މަޝްރޫއުތައް އިއުލާނުކުރެވުނު އިރު ދިން ތާރީހުތަކަށް ބުރަ ވަނީ ނަމަ މި ހުރިހާ ޕްރޮޖެކްޓުތަކަކީ މި ރިޔާސީ ދައުރުގެ ތެރޭގައި ނިމެން ޖެހޭ މަޝްރޫއުތަކެވެ.

އެގޮތުން މާލެ-ތިލަފުށި ބްރިޖު 2019 ވަނަ އަހަރުގެ މެދުތެރޭގައި އިއުލާނުކުރިއިރު ސަރުކާރުން ބުނީ 2020 ގައި އަމަލީ މަސައްކަތް ފަށާ ދެ އަހަރު ތެރޭގައި މަސައްކަތް ނިންމާ 2022 ގައި ބޭނުންކުރަން ފަށާނެ ކަމަށެވެ. ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓަކީ ވެސް 2022 ގައި ބޭނުންކުރަން ފަށާނެ ތަނެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ 2023 ގެ ޖުލައި މަހު ނިމޭނެ ކަމަށް ބުނި އެއާޕޯޓެކެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އަޕްގްރޭޑުގެ މަސައްކަތް ވެސް އޮތީ ދައުރުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ދައުރު ނިމުމުގެ ކުރިން މަޝްރޫއުތައް ނުނިމުނު ނަމަވެސް މަޝްރޫއުތައް ލަސްވެފައިވާ ކަމަށް ސަރުކާރުން ގަބޫލެއް ނުކުރެ އެވެ.

މަޝްރޫއުތަކުގެ ސްޕީޑް ލަސް ނޫން ކަމަށް ވިދާޅުވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން "އަދަދު" ނޫހަށް ވިދާޅުވީ، ކޮވިޑުގެ ދެ އަހަރަށް ފަހު މަސައްކަތްތައް ކުރިޔަށް ދަނީ ބާރު ދުވެލީގައި ކަމަށެވެ. އަދި ލަސްކަމަށް ބަޔަކު ބުނި ނަމަވެސް މި ސަރުކާރުން އަވަސް އަރުވާލައިގެން ޕްރޮޖެކްޓުތަކެއް ނުހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރޮޖެކްޓުތަކުގެ ސްޕީޑް ލަހެއް ނޫން. ކޮވިޑް ޕެންޑެމިކްގެ ދެ އަހަރަށް ފަހު ބާރު ސްޕީޑުގައި މަސައްކަތް ފެށިގެން ކުރިޔަށްދާއިރު، މި ޕްރޮޖެކްޓުތަކަކީ ޕްލޭނިން، ޑިޒައިނިން ފަދަ މަސައްކަތްތަކަށް ވެސް ވަގުތު ނަގާނެ މަސައްކަތްތައް. އަވަސް އަރުވާލައިގެން، ނަމަކަށް ޕްރޮޖެކްޓު ހިންގުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން،" މިއުވާން ވިދާޅުވި އެވެ.

މިއުވާން އިތުރަށް ވިދާޅުވީ މި މަޝްރޫއުތަކުގެ ހައިބަތަށް ބަލާއިރު މިއީ އާބާދީގެ ބޮޑު ބަޔަކަށް ފައިދާ ކުރާނެ، އިގުތިސޯދީ ކުރިއެރުމާ ސީދާ ގުޅުންހުރި މަޝްރޫއުތައް ކަމަށެވެ. މިހެންކަމުން ޕްރޮޖެކްޓުތަކުގެ ސްޕީޑް ލަސްކަމަށް ނުބުނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓުތަކަކީ ރާއްޖޭގެ އިގުތިސޯދާ ސީދާ ގުޅުން ހުރި، އާބާދީގެ ބޮޑު ބަޔަކަށް އޭގެ އިމްޕެކްޓް ކުރާ، މުޅީ ރާއްޖެއަށް ފެތުރިފައިވާ ބިޔަ މަޝްރޫއުތަކެއް. މީގެ ތެރޭގައި ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓު ހިމެނޭ"