Advertisement

ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު 14 އަަހަރު ކުރިއަށް ވުރެ މިއަދު ގޯސް: އެމްއާރުއެމް

23 އޮގަސްޓު 2022 - 22:33 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް - ފޮޓޯ: އަހުމަދު ޝުރާއު


ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު 14 އަަހަރު ކުރިއަށް ވުރެ މިއަދު ގޯސް: އެމްއާރުއެމް

23 އޮގަސްޓު 2022 - 22:33 0

ފެހި ގާނޫނު އަސާސީ އެކުލަވާލި ފަހުން ވޭތުވެދިޔަ 14 އަހަރު ދުވަހުގެ ތެރޭގައި އިންސާނީ ހައްގުތަކުގެ ހާލަތު އޭގެ ކުރިއަށް ވުރެ ވެސް ގޯސްވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދަވައިގެން ހިންގަވާ ސިޔާސީ ޕާޓީ، އެމްއާރުއެމުން މިއަދު ބުނެފި އެވެ.

އެމްއާރުއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް މައުމޫންގެ ވެރިކަމުގައި ފެށި އިސްލާހީ މަސައްކަތުން ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި މުޅި ދުނިޔެ ވެސް ބަލައިގަނެވޭ ވަރުގެ ޑިމޮކްރެޓިކް ނިޒާމެއް ގެނެވުނު ކަމަށެވެ.

ނަމަވެސް ދިވެހިންގެ މިއަދު އެންމެ ބޮޑު ޝަކުވާއަކީ ތަފާތު ފިކުރުގެ އަހުލުވެރިންނަށް އޭރުގެ ސަރުކާރުން ދިން އެއްބާރުލުމާއެކު، ފެހި ގާނޫނު އަސާސީ އެކުލަވާލިތާ 14 އަހަރު ވެގެން ދިޔައިރު އެ މުއްދަތުގައި ވެރިކަން ކުރި ފަރާތްތަކަށް އެއްވެސް ކަމެއް އިސްލާހު ނުކުރެވުނު ކަން ކަމަށް އެމްއާރުއެމުން ބުންޏެވެ.

"ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި، އިންސާނީ ހައްގުތަކުގެ ހާލަތާއި، ވާނުވާ ޖަހައި ޖަލަށް ލުމާއި، އިޖުތިމާއީ ރައްކާތެރިކަމާއި، ކޮރަޕްޝަނާއި، ކަންކަމުގައި ސިޔާސީ ނުފޫޒު ފޯރުވުން ފަދަ އެތައް ކަމަކަށް އެކަށޭނަ އިސްލާހައި ކުރިއެރުން އައިސްފައިނުވާ ކަން ރައްޔިތުން ފާހަަގަ ކުރެ އެވެ." އެމްއާރުއެމްގެ ބަޔާނުގައިވެ އެވެ.

ވޭތުވެދިޔަ މުއްދަތުގައި ވެރިކަން ކުރި ފަރާތްތަކަށް ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ކަންކަން އިސްލާހު ކުރެވިފައި ނުވާ ކަމަށް އެމްއާރުއެމުން ބުނިއިރު، އެއީ މައުމޫންގެ ވެރިކަމުގައި އެމަނިކުފާނަށް ވެސް އެންމެ ފާޑުކިއުން އަމާޒުވި ކަންކަމެވެ.

ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ނެތުމާއި، އެ ކަން ކުރުމުން ޖަލަށް ލައި އަނިޔާ ކުރާ ކަމާއި، ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް އޮތުމާއި، ކޮރަޕްޝަންގެ ގިނަ މައްސަލަތަކާ ހުރެ އޭރުގެ އިދިކޮޅު ފަރާތްތަކުން އަޑު އުފުލާފައިވެ އެވެ.

އެމްއާރުއެމްގެ ފަރާތުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ރާއްޖޭގެ ޖަލުތަކުގެ ހާލަތު މިހާރު މުޅިން އިސްލާހުވެ އެ ތަންތަނަކީ އަމާން ތަންތަނަށް ވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެފައި ވެސް ވަނިކޮށެވެ.