Advertisement

މާޒިޔާ ދަރައިގެން ނޫހަކަށް ނާރާނެ، މުސާރަ ނުދެވޭނަމަ ކްލަބެއް ނޯންނާނެ: ޗެއާމަން ސާޖިދު

22 އޮގަސްޓު 2022 - 10:52 0

މާޒިޔާގެ ޗެއާމަން ސާޖިދު މީޑިއާ އަށް އިންޓަވިއު ދެއްވަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ/ ނައުޝަމް ވަހީދު


މާޒިޔާ ދަރައިގެން ނޫހަކަށް ނާރާނެ، މުސާރަ ނުދެވޭނަމަ ކްލަބެއް ނޯންނާނެ: ޗެއާމަން ސާޖިދު

22 އޮގަސްޓު 2022 - 10:52 0

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދަރަނިވެރިވެގެން އެ ވާހަކަ ނޫހަކަށް ނާރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އަދި އެ ޓީމަށް ކުޅުންތެރިންގެ މުސާރަ ނުދެވޭ ހާލަތެއް އައިސްފިނަމަ ކްލަބެއް ނޯންނާނެ ކަމަށް މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު ވިދާޅުވެއްޖެ އެވެ.

މާޒިޔާ އިން ރޭ ކްލަބް ވެލެންސިއާ 2-0 އިން ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ތިން ވަނަ ފަހަރަށް ހޯދި އުފާފާޅުކުރުމުގެ ތެރެއިން މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ސާޖިދު ދެއްވީ އެ ކްލަބް ރަނގަޅު މަގުގައި ކާމިޔާބު ހޯދަން ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަމެވެ.

"މާޒިޔާ އިން މުސާރަ ނުދެވޭ ހާލަތަކަށް އައިސްފިއްޔާ ކްލަބެއް ނޯންނާނެ. އެއީ އަޅުގަނޑު ބުނާނެ އެއްޗަކީ. ދަރައިގެން އިރާދަކުރެއްވިއްޔާ ނޫހަކަށް ނާރާނެ،" 2006 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ބަރާބަރަށް މުސާރަދީ ކަންކަން ހަމަޖައްސަމުން އަންނަ ހަމައެކަނި ކްލަބްގެ ޗެއާމަން ސާޖިދު ވިދާޅުވި އެވެ.

މިދިޔަ ދެ ސީޒަނަށް ބަލާއިރު މާޒިޔާ އިން ސީޒަން ފަށައިގެން ކުއްލި ނިންމުންތަކެއް ނިންމަން ޖެހުނެވެ. އެ ގޮތުން މިދިޔަ ދެ ސީޒަނުގައި ދިވެހި ކޯޗުންނާ އެކު ސީޒަން ފަށައި ވަކި ހިސާބަކުން ބިދޭސީ ކޯޗުންނަށް ބަދަލުކުރަން ޖެހިއްޖެ ހާލަތެއް އައުމުން ލަހެއްނުވެ، އެކަން ކުރެ އެވެ.

އެ ގޮތުން މިދިޔަ ސީޒަނުގައި މުހައްމަދު ނިޒާމް (ނިޒާމްބެ) ސީޒަން ފެށިއިރު މާޒިޔާގައި ހުރެފައި މަގާމު ދޫކޮށްލަން ޖެހުނުއިރު، މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ނާކާމިޔާބީ އަށް ފަހު މުހައްމަދު ޝިޔާޒް (މޯހަން) މާޒިޔާ އިން ވަކިވި އެވެ. ސީޒަންގެ ބާކީ ބައިގައި ބިދޭސީ ކޯޗުން ގެނެސްގެން މާޒިޔާ އިން ވަނީ ލީގު ކާމިޔާބުކޮށްފަ އެވެ.

މާޒިޔާގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ސާޖިދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަދަދު


ސީޒަނަކަށް ތައްޔާރުވާއިރާއި ބޭނުމެއް ޖެހޭ ކޮންމެ ހާލަތެއްގައި އަދި ކުއްލި ނިންމުންތައް ނިންމަންޖެހޭ ދަނޑިވަޅުތަކުގައި ވެސް މާޒިޔާގެ ޗެއާމަން ސާޖިދު ދެއްވާ އެއްބާރުލުން އެ ކްލަބްގެ މެނޭޖްމަންޓުން އަބަދުވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފާހަގަކުރެ އެވެ.

"މީގެ އަސްލު މާޒިޔާ އަސްލު މި ވިސްނަނީ ކާމިޔާބަށް. ކޯޗުންނަކަށް ނޫން. އެހެންވީމަ، މާޒިޔާ އަށް ކާމިޔާބު ލިބެން، ކުރަން ޖެހޭ ކޮންމެ ކަމެއްގައި ވެސް. އަދި އެއީ ދިވެހި ކޯޗެއް ފޮނުވާލާފައި ބޭރު ކޯޗެއް ގެންނަން ވިޔަސް، ނޫނީ ބޭރު ކޯޗެއް ފޮނުވާލާފައި ދިވެހި ކޯޗެއް ނަގަން ވިޔަސް އަޅުގަނޑުމެން ހަމަ އެ ގޮތަށް ކުރިއަށް ދާނީ،" ސާޖިދު ވިދާޅުވި އެވެ.

މި ފަހަރުގެ ސީޒަން ދިގުލައިދާތީ އާއި އެކި ސަބަބުތަކާ ހުރެ މާޒިޔާ އިން އެފްއޭ ކަޕަށް ނުކުތީ މުޅިން ދިވެހި ޓީމަކާ އެކީގަ އެވެ. ބިދޭސީ ކޯޗު މިއޮޑްރަގް ޖެސިކް ލީގު ކާމިޔާބުކޮށްދީފައި ސައުދީ އަރަބިއްޔާގެ ޓީމަކާ ހަވާލުވިއިރު، މާޒިޔާގައި ތިބި ބިދޭސީ ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވާތީ އެ ކުޅުންތެރިން އަވަހަށް ދޫކޮށްލީ އެވެ.

މާޒިޔާ އިން އެފްއޭ ކަޕް ކާމިޔާބުކުރީ އެސިސްޓަންޓް ކޯޗު، އަހުމަދު ސުޒޭރު (ކޮއްކޮ)ގެ އިރުޝާދުގެ ދަށުންނެވެ.

"މިހާރު ދިވެހިރާއްޖޭގައި ތިބި ރަނގަޅު ހުރިހާ ކުޅުންތެރިންނެއް މިތިބީ މާޒިޔާގައި. ދިވެހި ކުޅުންތެރިން ކަމުގައި ވިޔަސް މޮޅުވެއްޖިއްޔާ ހަމަ މޮޅުވާނެ،" ސާޖިދު ވިދާޅުވި އެވެ.

ސާޖިދު ވިދާޅުވީ މި ސީޒަނުގައި މާޒިޔާ އަށް ލިބުނު ކާމިޔާބީ ރަނގަޅު ކަމަށެވެ.