Advertisement

ބޮޑު ހިޔާނާތުގެ އާ ލިސްޓެއް ނުހަދާ، އިސްކަން ދެނީ ގެއްލުނު ފައިސާ ހޯދަން

22 އޮގަސްޓު 2022 - 09:07 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ބޮޑު ހިޔާނާތުގެ އާ ލިސްޓެއް ނުހަދާ، އިސްކަން ދެނީ ގެއްލުނު ފައިސާ ހޯދަން

22 އޮގަސްޓު 2022 - 09:07 0

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ އާ ލިސްޓެއް ނުހަދާ ކަމަށާއި، މައްސަލަތައް ތަހުގީގު ކުރުމާއި ދައުވާ ކުރުމުގައި އެންމެ އިސްކަމެއް ދެނީ ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.

ދައުލަތުގެ ޕީއާރު ކުންފުނި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތް ތަހުގީގުކުރީ އޭސީސީ އާއި ފުލުހުންގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެނެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމުން އެ ކޮމިޝަނުގައި ހުރި އެ މައްސަލައިގެ ހެކިތައް ބަދަލުކޮށް، އެމްއެމްޕީއާރުސީގެ މައްސަލައިގެ ބައެއް ކަންކަން އަލުން މުރާޖައާ ކުރުމުގެ މަސައްކަތް އޭސީސީން ވަނީ ކޮށްފަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ލިސްޓުގައި އޮތީ 267 ނަމެވެ. ނަމަވެސް، އެ ހިޔާނާތުގެ މައުލޫމާތު އެއް ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި އެ އަދަދު 281 އަށް އަރަ އެވެ.

އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި މަގާމުގައި މިހާރު ތިބި 119 މީހެއްގެ ނަން ހިމެނެ އެވެ.

ހިޔާނާތާ ގުޅިގެން، އަންނަ މަހުގެ މެދެއްހާ ހިސާބުގައި އިތުރު ބަޔަކަށް ދައުވާ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އޭސީސީން އިއްޔެ ބުނެފައިވާއިރު، އެ ކޮމިޝަނުގެ ސީނިއާ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ނިޝާން މުހައްމަދު ދީދީ "އަދަދު"އަށް ވިދާޅުވީ ކުރީގައި ހަދާފައިވާ ޕްރިއޯރިޓީ ލިސްޓުގެ ބަދަލުގައި އާ ލިސްޓެއް ނުހަދާ ކަމަށެވެ.

"ހިޔާނާތާއި ގުޅިގެން ކުރިއެކޭ އެއްގޮތަށް މިހާރުވެސް އިސްކަންދީގެން ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ މަޖިލީހުގެ ރެކޮމަންޑޭޝަންތަކާއެއް ގޮތަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިބި މީހުނާއި، އެމައްސަލައާ ގުޅިގެން އެކުލަވާލާފައިވާ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމުން ތަރުތީބުކޮށް ބަލަން ނިންމާފައިވާ މީހުންގެ ލިސްޓާ އެއްގޮތަށް،" ނިޝާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ކަންކަމަށް ރިއާޔަތްކޮށް މައްސަލަތައް އިސްކަންދޭ ތަރުތީބު ރިވިއު ކުރެވި, ކުރީގައި އިސްކަންދީގެން ބަލަމުން އައި މައްސަލަތައް ވެސް ހިމެނޭހެން ޕްރަޔަރޮޓައިޒް ކުރެވިގެން ކުރިއަށްދާ ކަމަށެވެ.

"ކޮމިޝަނުގެ މިވަގުތު އެންމެ ބޮޑު އެއް ފޯކަސްއަކީ ކޮރަޕްޝަނުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ އަންބުރާ ހޯދުން. އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގުތައް ޕްރަޔަރޮޓައިޒްކޮށް ކުރިއަށްގެންދާއިރު، މިއީ ކޮމިޝަނުން ރިއާޔަތް ކުރާނެ ކަމެއް،" ނިޝާން ވިދާޅުވި އެވެ.

ނަމަވެސް، އެ މައްސަލައިގައި ހިމެނޭ މީހުންގެ ތަހުގީގުތައް އަދިވެސް ކުރިއަށްދާތީ، ލިސްޓުގައިވާ މީހުންގެ އަދަދު ހާމަކުރުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ މަހު ދައުވާ ކުރަން ފޮނުވަން މަސައްކަތް ކުރަމުންދާ މީހުންގެ ތެރޭގައި ހައިޕްރޮފައިލް މީހަކު ހިމެނޭތޯ ކުރި ސުވާލަށް ވެސް ނިޝާން ދެއްވީ ހަމަ އެއް ޖަވާބެކެވެ.

"ތަހުގީގުގެ މިހާ ހިސާބުން މިވަގުތު ތަހުގީގުގައި ކުރިއަށްދާ ވަކި ބައެއްގެ ނަންތައް ހާމަކުރުމުގެ ވިސްނުމެއް ނެތް. ފަހުގެ މަރުހަލާއެއްގައި ނުވަތަ ދައުވާކޮށްދިނުމަށް އެދި ޕިޖީއަށް ފޮނުވާ ހިސާބުން އެ މައުލޫމާތު ހާމަކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންނާއި އެ ހިޔާނާތް ހިންގުމަށް ނުއަގުގައި ވިއްކާފައިވާ ރަށްތަކާއި ފަޅުތަކުގެ މައްސަލައިގެ ތަހުގީގު އެކުގައި ކުރިއަށް ގެންދަން އޭސީސީން ވަނީ ނިންމައިފަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ނުއަގުގައި ވިއްކި ރަށްތަކާއި ފަޅުތަކުގެ ހަމަ އަގު މިދިޔަ އަހަރުގެ ތެރޭގައި އޮޑިޓު އޮފީހުން އެކުލަވައިލި ރިޕޯޓެއްގައި ވަނީ ހިމަނައިފަ އެވެ.

އެހެންކަމުން އެ މައުލޫމާތުގެ އަލީގައި އެ ރަށްތަކަށް ހަމަ އަގު ހޯދައި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުގެ އެދުމަކަށް އޮޑިޓު އޮފީހުން މިދިޔަ އަހަރު އެކުލަވައިލި ރިޕޯޓުގައި ވަނީ އެމްއެމްޕީއާރްސީން 37 ރަށާއި 12 ފަޅު ނުއަގުގައި ވިއްކާލުމުން ދައުލަތަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ ކަމަށް ބުނެފަ އެވެ.