Advertisement

ވެލެންސިއާ ބަލިކޮށް މާޒިޔާ އިން ތިން ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފި

21 އޮގަސްޓު 2022 - 22:53 0

ގޯލު ޖެހުމަށް ފަހު މާޒިޔާގެ ހަމްޕު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު


ވެލެންސިއާ ބަލިކޮށް މާޒިޔާ އިން ތިން ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފި

21 އޮގަސްޓު 2022 - 22:53 0

ކްލަބް ވެލެންސިއާ 2-0 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތިން ވަަނަ ފަހަރަށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މީގެ ކުރިން މާޒިޔާ އިން އެފްއޭ ކަޕް ކާމިޔާބުކުރީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރު އެވެ.

މާޒިޔާ އިން މިރޭގެ ފައިނަލުގައި ވެލެންސިއާ ބަލިކުރިއިރު، މިއީ މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ބަލިވުމުގެ ރަނގަޅު ބަދަލުހިފުމެކެވެ. ޖެނުއަރީ މަހު، ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅުނު ފައިނަލުން ވެލެންސިއާ އިން ވަނީ މާޒިޔާ އަތުން 2-1 އިން މޮޅުވެފަ އެވެ. މާޒިޔާ އިން އޭގެ ފަހުން މި ވަނީ ހަތަރު ފަހަރަށް ވެލެންސިއާ ބަލިކޮށްފަ އެވެ. ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ އިން ސީޒަން ނިންމާލީ ދެ ތަށްޓާ އެކު އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ވެލެންސިއާ އިން ނެރުނު ފުރަތަމަ އެގާރައިގައި ގިނަ ކުޅުންތެރިންތަކެއް ކުޅުނީ އެ ކުުޅުންތެރިން އާންމުކޮށް ކުޅޭ މަގާމުގައެއް ނޫނެވެ. މާޒިޔާގެ ލޯން އެއްބަސްވުމެއްގެ ދަށުން ވެލެންސިއާ އަށް ކުޅެމުން އަންނަ މުހައްމަދު އުމެއިރު ކޮންޓްރެކްޓްގައި އިން ގޮތުން މާޒިޔާއާ ދެކޮޅަށް ނުކުޅެވެ އެވެ. އަނެއްކޮޅުން، ވެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އަނިޔާގައި ހުރުމުން އޭނާ ކުޅޭތަަނަށް ޑިފެންސްގައި ބޭނުންކުރީ މިސްރުގެ މިޑްފީލްޑަރު، ހަލީލް ޖަމާލް އެވެ.

ވެލެންސިއާ އިން ފަހަތަށް ޖެހިގެން ކައުންޓަ އެޓޭކް ސިސްޓަމަށް ޓީމު ރާވާފައި އޮތް މިރޭގެ ފައިނަލުގައި މާޒިޔާ އިން ފުރަތަމަ ހަމަލާ އުފެއްދީ ހަތް ވަނަ މިނިޓްގަ އެވެ. މާޒިޔާގެ ކެޕްޓަން، އަސަދުﷲ އަބްދުﷲ އޭރިއާތެރެއިން ބޮލުން ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު، އާދަމް އިމްއާން ވަނީ މަތަކޮށްފަ އެވެ. އެފްއޭ ކަޕްގައި ވެލެންސިއާގެ ގޯލު ބަލަހައްޓަނީ މުހައްމަދު ފައިސަލްގެ ބަދަލުގައި އިމްއާން އެވެ.

މާޒިޔާ އިން ލީޑުނެގީ މެޗުގެ 14 ވަނަ މިނިޓްގައި ނާއިޒު ހަސަން (ދާދު) ޖެހި މޮޅު ގޯލުންނެވެ. އޭރިއާބޭރުން ދާދު ޖެހި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވީ ކީޕަރު އިމްއާން އަތްމަތިން ގޮހެވެ. އެ ބޯޅަ ހުއްޓުވޭނެ ގޮތެއް އިމްއާން އަށް ނެތެވެ.

ވެލެންސިއާގެ ހަލީލް (ކ) ކައިރިން މާޒިޔާގެ ދާދު ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު


މެޗުގެ 20 ވަނަ މިނިޓްގައި ވެލެންސިއާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި އެ ޓީމުގެ ހަލީލް ކުރިއަށް އަރައި، ހުރަސް ކުރި ބޯޅައެއް މާޒިޔާގެ ޑިފެންޑަރު، ސަމޫހު އަލީ (ސަމުއްޓެ) އަތުގައި ޖެހުނު ކަމަށް ވެލެންސިއާ އިން އެޕީލްކުރި އެވެ. އެ ބޯޅަ އަވަސްކޮށް މާޒިޔާ އިން އަވަހަށް ކުރި އެޓޭކެއްގައި އެ ޓީމުގެ އިބްރާހިމް އައިސަމް އޭރިއާތެރެއަށް ހުސްކޮށް ބޯޅަ ހިފައިގެން ވަދެ، ޖެހި ޝޮޓް އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

ލީޑުފުޅާކުރަން މާޒިޔާ އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 32 ވަަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މާޒިޔާގެ ފަހަތުން ކުޅުނު ދިގު ބޯޅައެއް ހުއްޓުވަން ވެލެންސިއާގެ ޑިފެންޑަރު، އަބްދުﷲ ހަނީފް (ބެންޖޯ) ބޮލުން ޖައްސާލި ބޯޅައެއް ލިބުނީ ހަމްޕު އަށެވެ. ހަމްޕު ވަނީ އެ ބޯޅަ ކީޕަރު އިމްއާން ބޯމަތިން ގޯލަށް އޮއްސާލައިފަ އެވެ.

މާޒިޔާ އިން ދެ ވަނަ ހާފަށް ނުކުތީ ހުސެއިން ނިހާން (ނިހާޓް)ގެ ބަދަލުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ކުޅެން އަރުވައިގެންނެވެ.

ދެ ވަނަ ހާފް ފެށިގެން ފުރަތަަމަ ކޮޅުގައި ބޯ ވިއްސާރައިގެ ތެރޭގައި މެޗު ކުޅެމުންދިޔައިރު، 51 ވަނަ މިނިޓްގައި ވެލެންސިއާ އަށް ގޯލެއް ޖަހަން ހުސް ފުރުސަތެއް ލިބުނެވެ. ހިލޭ ޖެހުމަކުން ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) ނެގި ބޯޅަ ޖަހަން އޭރިއާތެރެއިން ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަރައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ 63 ވަނަ މިނިޓްގައި މާޒިޔާގެ ހަމްޕު ހުސްކޮށް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ނެގި ބޯޅަ ޖަހާނެ ހިސާބުގައި އެ ޓީމުގެ އެހެން ކުޅުންތެރިއަކު ނެތުމުން ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ. އޭގެ ދެ މިނިޓް ފަހުން، ވެލެންސިއާ އިން ހިލޭ ޖެހުމެއްގައި ހޯދި ފުރުސަތަކުން އަސްހަދު އަލީ (އަޑޭ) ގޯލެއް ޖެހި ނަމަވެސް ލައިންސްމަން ވަނީ އޮފްސައިޑަށް ދިދަ ނަގައިފަ އެވެ. އެހެންވެ، އެ ގޯލު ބަަލައިނުގަނެ އެވެ.

ވެލެންސިއާ އަށް ގޯލެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ 80 ވަނަ މިނިޓްގައި ޔާނު އަށެވެ. ހަލީލް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅަ އޭރިއާ ތެރޭގައި ހުސްކޮށް ހުރެފައި ޔާނު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މާޒިޔާ އަށް ތިން ވަނަ ގޯލެއް ޖަހައިދޭން މެޗުގެ 84 ވަނަ މިނިޓްގައި ދާދު އަށް ހުސް ފުރުސަތެއް ލިބުނެވެ. އިއްބެ ހުސްކޮށްލާފައި ދާދު އަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ފޮނުވާލި ނަމަވެސް ކީޕަރު އިމްއާން ވަނީ ހުށިޔާރުކަމާ އެކު އެ ހަމަލާ ހުއްޓުވައިފަ އެވެ.

ވެލެންސިއާ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ، މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި އަރިމަތިން ދިޔަ ބޯޅަ އަކަަށް އަރައި، ވެލެންސިއާގެ އަޑޭ ވަނީ މާޒިޔާގެ ސަމުއްޓޭ އަށް ނުރައްކާތެރި ފައުލެއް ކޮށްފަ އެވެ. އެ ފައުލަށް އަޑޭ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

މިއީ 2017 ވަނަ އަހަރަށް ފަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ފުރިހަމަ ކުރި ފުރަތަމަ އެފްއޭ ކަޕް އެވެ. މިދިޔަ އަހަރުތަކުގައި އެކި ސަބަބުތަކާ ހުރެ މުބާރާތް ބާއްވާފައިނުވެ އެވެ. މި ފަހަރު މާޒިޔާގެ ކާމިޔާބީ ހާއްސަވާނެ އެކަކަކީ އެ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވެ ހުރި އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) އެވެ. މިއީ ސުޒޭރު ހެޑް ކޯޗެއްގެ ރޯލުގައި ހުއްޓައި، މާޒިޔާ އަށް ލިބުނު ފުރަތަމަ ތަށްޓެވެ.