Advertisement

ބޭރަށް ފެނުނީ ކޯޅުމެއް، އެކަމަކު އެމްޑީޕީއަށް ބޮޑު ކާމިޔާބެއް!

22 އޮގަސްޓު 2022 - 14:12 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: ހިޔާލުތަފާތުވުންތަކަށް ހައްލު ހޯއްދަވައި ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ ކޮންގްރެސްގައި ދެ ބޭފުޅުން ވަނީ ދެއްވާފައި-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ބޭރަށް ފެނުނީ ކޯޅުމެއް، އެކަމަކު އެމްޑީޕީއަށް ބޮޑު ކާމިޔާބެއް!

22 އޮގަސްޓު 2022 - 14:12 1

"ކޮންމެ ފަދަ ހޫނެއް ވިޔަސް، މެންދުރުގެ އަވިގަދަ ވަގުތުގައި،

ކޮންމެ މެންދުރަކަށް ފަހު، ފިނިކަން ހަވީރުގެ އަންނަނީ."

ކާމިޔާބީގެ އެ ޅެން ބައިތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާއެކު މުޅި ހޯލު ތެރެ ގުގުމާލީ އަތްތިލަބަޑީގެ އަޑުންނެވެ. ރައީސް އެ ވަގުތު އިއުލާނު ކުރެއްވީ އެތައް ހާސް އެމްޑީޕީގެ މެމްބަރުން އަޑު އަހަން ބޭނުންވެފައި ތިބި ވާހަކަ އެވެ؛ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައި ހުރި ހިޔާލު ތަފާތުވުންތައް ހައްލުކޮށް، ކުރިމަގުގައި ވެސް އެކުގައި ތިބޭނެ ކަމުގެ ޔަގީންކަމެވެ.

ތިން ދުވަހަށް ކުރިއަށް ދިޔަ އެމްޑީޕީގެ ބިޔަ ބޮޑު ކޮންގްރެސް ފަށައިގެން ކުރިއަށް ދިޔައިރު ވެސް އެތަނުގައި އޮތީ ރައީސް އިޝާރާތް ކުރެއްވި ފަދަ ހޫނު ކަމެކެވެ. ނަޝީދުގެ ހުށަހަޅުއްވަން ގަސްދު ކުރެއްވި ނިޒާމީ ވޯޓާ ގުޅޭ ގަރާރާ ގުޅިގެން އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު މައްސަލަތައް އޮތީ ފުނި ޖެހިފަ އެވެ.

"....އަޅުގަނޑު ދެކޭ ގޮތުގައި މި ގަރާރު މިތަނުގައި މިއޮތް ގޮތަށް އިހަށް ބާއްވާ އަޅުގަނޑުމެން މިއާ ދޭތެރޭގައި ބަހުސްނުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ތިހުރިހާ ބޭފުޅުންނާ މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ރަނގަޅު ގޮތެއް އެންމެންނަށް ގަބޫލުކުރެވޭ ގޮތަށް މިކަމުގައި ފެނިދާނެ،" ނިޒާމީ ގަރާރުގެ ވާހަކަ އިހަށް މަޑުޖައްސާލަން ބޭނުން ކަން އިއުލާނު ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެ ނިންމުން ރައީސް ސޯލިހު ސިފަ ކުރެއްވީ "ވަރަށް ރަނގަޅު ނިންމުމެއްގެ" ގޮތުގަ އެވެ.

ދެ ރައީސުން ސުލްހަވިކަން އިއުލާނުކުރުމަށްފަހު ކޮންގްރެސް ހޯލުގެ ސްޓޭޖުގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން: ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވެވި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ދެ ރައީސުންގެ މެދުގައި އުފެދިފައި އޮތް ހިޔާލުތަފާތުވުންތަކައެކު އާރާއި ބާރުވެރި ކަމުގައި އޮތް އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް ރަސްމީކޮށް އުފެދިދާނެ ސުވާލު އޮތީ މިހާތަނަށް އުފެދިފަ އެވެ. އެހެންނަމަވެސް، އެއީ އެމްޑީޕީން މިހާތަނަށް ތަޖުރިބާކޮށްފައިވާ ކަމެއް ނޫނެވެ. ޕާޓީ ނިކަމެތިވާ ހާލަތުގައި ވެސް އެމްޑީޕީގެ އަޒުމަކީ އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގަތުމެވެ.

ސިޔާސީ މައިދާނުގައި، އެ ޕާޓީގެ ކާމިޔާބީއަކީ ވެސް އެއީ އެވެ؛ މަޝްވަރާ ކުރެވި، ކޮންމެ މައްސަލައެއްގެ ވެސް ހައްލު ލިބިގަތުމެވެ. އެއްބަސް ނުވާން އެއްބަސް ވުމެވެ. އެ ޕާޓީގެ 1،100 އެއްހާ މެންބަރުންގެ ކުރިމަތީގައި އިއްޔެ ފެނިގެން ދިޔައީ އެ މަންޒަރެވެ.

މިއީ "މެޗުއާ" ޕާޓީއެއް

ދެ ރައީސުން އެކުގައި ބަރުލަމާނީ ގަރާރު ފަސްކޮށްލުމަށް ނިންމި ކަން އިއުލާނު ކުރެއްވުމަށްފަހު، މޭޒުގެ ދެކޮޅުގައި ތިއްބަވައިގެން ވިދާޅުވި އެއް ވާހަކަ ވަރަށް ސާފެވެ؛ އެމްޑީޕީ އަބަދުވެސް އެހެން ޕާޓީތަކާ ތަފާތުވާނެ ކަމެވެ.

"ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭ އިރު، އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކެއް ހުރޭ. އަމިއްލައަށް ބޭނުންވާ ކަންތައްތަކެއް ވެސް ހުރޭ. އެހެން ނަމަވެސް މި ހުރިހާ ކަމެއް އެއްކިބާކޮށް އަޅުގަނޑުމެން މި ޕާޓީއާ އެކު، މި ގައުމާ އެކު ކުރިއަށްދާން ތިބިކަން މިއަދު ވެސް މިތަނުން ހާމަވެގެން މި ދިޔައީ،" ސްޓޭޖުމަތީގައި ނަޝީދާއެކު ހުންނަވައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކަންކަން ނިމިގެން ދިޔައީ އެމްޑީޕީ "ފުރިހަމަ، މެޗުއާ ޕާޓީއެއްގެ ގޮތުގައި" ދެމި އޮވެގެން ކަމަށެވެ.

މިކަމަށް އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ އަދި ކޮންގްރެސް ހޯލުން ނިކުމެގެން ދިޔަ އެންމެން ވެސް އިއްތިފާގުވެ އެވެ.

"އަޅުގަނޑުމެން ތަސައްރަފު ފުދިފައި ތިބި ވަރު، އެއްވެސް ކަމަކީ ޒާތީ ކަމެއް ކަމަށް އަޅުގަނޑު ނުދެކެން، ސިޔާސީ ގޮތުން އަޅުގަނޑުމެން ހައްލު ކުރަން ޖެހޭ ކަންތައްތައް އަބަދުވެސް ހުންނާނެ، އަންނާނެ، އާ ކަންތައްތައް ވެސް އަންނާނެ، ދެން ހުރި ކަންތައްތައް ވެސް ހުންނާނެ، އެ ކަންތައްތައް އަޅުގަނޑުމެން އަބަދުވެސް ހައްލު ކުރަމުން މިދަނީ،" ސޯޝަލް ސެންޓަރުގައި ހުންނަވައިގެން މި ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް "އަދަދު" އަށް ވިދާޅުވި އެވެ.

ބަރުލަމާނީ ގަރާރު ހުށަހަޅުއްވަން ތާއީދު ކުރެއްވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވި ގޮތުގައި ކޮންގްރެސްގެ ތެރެއިން ފެނިގެން ދިޔައީ ޑިމޮކްރެޓިކް ޕާޓީއެއްގެ ތެރެއިން ފެންނަން ޖެހޭ ސިފަތަކެވެ.

ޝިފާޒު ރައީސް ސޯލިހާއެކު މަޝްވަރާގައި: ބަރުލަމާނީ ގަރާރު ހުށަހެޅީ ޝިފާޒްގެ ތާއީދާއެކުގައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"މި ކޮންގްރެސް ފެށުނީއްސުރެ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑުމެންނާ ނެގޯޝިއެޓް ކުރެވެން ފެށިއްޖެ ކަން ކަންކަމުގައި، އޭގެ މައްޗަށް އަޅުގަނޑުމެންނަށް ކުރިއެރުންތަކެއް މި ހޯދުނީ. މިއީ ޑިކޮމްރެޓިކް ޕާޓީއަކުން ފެންނަން ޖެހެނެ ކަންކަން، މިކަންކަން މި ޕާޓީއިން ފެނުނީމާ ހަގީގަތުގައި ޕާޓީއަކަށް ވަނީ،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ރާއްޖޭގެ މަސްލަހަތު ގުޅިފައިވަނީ އެމްޑީޕީއާ ކަމުން، އެމްޑީޕީއަށް ވާން ޖެހެނީ ވެސް ރަނގަޅު ގޮތެއް ކަމަށެވެ.

ރައީސް ނަޝީދުގެ ގާތް ބޭފުޅެއްގެ ގޮތުގައި ކުރިން ފެނިގެން ދިޔަ އެހެންނަމަވެސް ފަހުން ރައީސް ސޯލިހުގެ އަރިހުގައި ހަރަކާތްތެރިވަމުން އަންނަ އަސްލަމް ވިދާޅުވީ ދެ ރައީސުންނަކީ ވެސް ޕާޓީގައި މިހާރު ތިއްބެވި "އެންމެ ވަރުގަދަ" ދެ ބޭފުޅުންނެވެ؛ އެ ދެ ބޭފުޅުންގެ އަމިއްލަ މަސްލަހަތަށް ވުރެ އަބަދުވެސް އިސްވާނީ ޕާޓީ ކަމަށް އަސްލަމް ދެކެވަޑައިގަންނަވަ އެވެ.

"ދެ ބޭފުޅުންނަކީ ވެސް އެމްޑީޕީ ފެށުނީއްސުރެ އެމްޑީޕީ އުފެއްދުމުގައި އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން، އޭރުވެސް މިހާރު ވެސް، އެ ބޭފުޅުންނަށް [އަމިއްލަ މަސްލަހަތަށް] ވުރެ އެ ބޭފުޅުންނަށް މި ޕާޓީ މުހިންމު،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމާއި ފައްޔާޒް ދެ ރައީސުންނާއެކު މަޝްވަރާގައި-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެމްޑީޕީގެ ތާރީހީ ކޮންގްރެސް ނިމުނު ވަގުތު އެ ތަނަށް ވަޑައިގެންނެވި އެއް ބޭފުޅަކީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އެވެ. ރީކޯ ވިދާޅުވި ގޮތުގައި މިއީ މިހާތަނަށް އެމްޑީޕީގެ ތެރޭގައި އުފެދުނު އެންމެ ބޮޑު ހިޔާލުތަފާތުވުމެވެ. އެކަމަށް ހައްލު ހޯއްދެވީ "ރަނގަޅު ފެންވަރުގެ ގޮތުގައި" މޫސަ ދެކެވަޑައިގަންނަވަ އެވެ.

"މިފަހަރު ހިޔާލު ތަފާތުވީމާ ރައީސް ސޯލިހާއި ފަޔާއާއި ރައީސް ނަޝީދާ ތިން ބޭފުޅުން ވާހަކަ ދައްކަވައިގެން ޕާޓީގެ އެންމެ ވަރުގަދަ ގުނަނަކީ މިހާރު މި ތަނުގައި މިއޮތީ، އެމްޑީޕީ މީހުންންގެ ކުރިމަތީގައި ދެ މީހުން ކޮނޑައަށް އަތް ލައި ސަލާމް ކުރީމާ އެ ދެން ވަރަށް މެޗުއާ ވީ އަސްލު ހަގީގަތުގައި،" މޫސަ އޭނާގެ ހިޔާލު ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.

ވަކި ބޭފުޅެއްގެ ނާކާމިޔާބެއް ނޫން

އެމްޑީޕީގެ ތެރޭގައި މިހާރު އުފެދުނު ހިޔާލު ތަފާތުވުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކާ ގުޅޭ ގޮތުންނެވެ.

ނަޝީދު ބޭނުންވެވަޑައިގެންނެވީ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީއަކަށް ރާއްޖެ ބަދަލު ކުރުމަށެވެ. ރައީސް ސޯލިހު އެގޮތް ބޭނުންފުޅު ނުވީ އެވެ. ވާދަވެރިން އެ ހިޔާލު ތަފާތުވުން ސިފަކުރީ އެމްޑީޕީގެ ބަލިފައިގެ ގޮތުގަ އެވެ.

ފާޑުކިޔާ މީހުން ލަފާ ކުރީ ނަޝީދަށް ކޮންގްރެސްގައި ނާކާމިޔާބު ލިބި، އެމްޑީޕީއާ މުޅިން ފެޔަށް ޖެހޭނެ ކަމަށެވެ. ނަމަވެސް ބަދަލުގައި ފެނިގެން ދިޔައީ ނަޝީދު ހަތިޔާރު ބެހެއްޓެވި ތަނެވެ.

އެއާ ހިލާފަށް އެމްޑީޕީގެ އާންމު މެންބަރުން މިކަމުގައި ދެކޭ ގޮތް ތަފާތެވެ. ދެކެނީ ޕާޓީގެ ބާރަކީ ހިޔާލު ތަފާތުވުމަށް އެތެރޭގައި ޖާގަ އޮތުމެވެ. ދެ ބަސްވުން އޮތުމަކީ މޮޅު ގޮތް ކަމަށް އެމްޑީޕީގެ އާންމު މެމްބަރުންނަށް ފެނެ އެވެ.

އަދި، އެ ދެބަސްވުމުގެ ތެރެއިން ދެ ރައީސުން އެ ގަލަކަށް އެރެވުމަކީ އެ މީހުން ސިފަ ކުރާ ގޮތުގައި ޕާޓީއަށް ލިބުނު ކާމިޔާބީ އެކެވެ.

"އެމްޑީޕީގެ ކާމިޔާބެއް މިއީ، އެމްޑީޕީއަކީ ހިޔާލުތަފާތުވުންތެރޭގައި ހިޔާލުތަފާތުވުންތަކާ އެއްކޮށް މަސައްކަތް ކޮށް ހައްލު ހޯދާ ޕާޓީއެއް، މި ކޮންގްރެސް ފެށުނުއިރާ ނިންމާލިއިރާ ހާސް ބައި ތަފާތު، އަދި އާންމު މެންބަރުން މިކަމާ ދޭތެރޭ ދެކޭނެ ގޮތް ވެސް ވަރަށް ތަފާތު،" ރައީސް ނަޝީދާއެކު މަސައްކަތް ކުރައްވަމުން އަންނަ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވި އެވެ.

ކޮންގްރެސް ހޯލުން ބޭރުގައި ހުންނަވާ ފިރުޝާން "އަދަދު" އަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފިރުޝާން ވިދާޅުވި ގޮތުގައި އެ ނިންމުމުން ހާމަވެގެން ދަނީ ދެ ރައީސުން ވެސް އެމްޑީޕީއަށް ދެރަ ގޮތެއް މެދުވެރިވުމަށް ނޭދޭ ކަމެވެ.

މޫސަ ވެސް ވިދާޅުވި ގޮތުގައި މިއީ ވަކި ބޭފުޅަކަށް ލިބުނު ކާމީޔާބީއެއް އަދި ނާކާމިޔާބީއެއް ވެސް ނޫނެވެ. ބަދަލުގައި މިއީ ޕާޓީއަށް ލިބުނު ކުރިއެރުމެކެވެ. އެކަން ތަފްސީލް ކޮށްދެއްވަން ރީކޯ ނެންނެގެވީ މިސާލެކެވެ. މީގެ ކުރިން އެމްޑީޕީގެ ތެރޭގައި ކަންކަން ހިނގަމުން އައި ގޮތެވެ؛ ނަޝީދާ ހިޔާލު ތަފާތުވާ ކޮންމެ ބޭފުޅަކު ޖެހެނީ ޕާޓީއިން ދުރަށް ދާށެވެ.

އެހެންނަމަވެސް އޭނާ ފާހަގަކުރެއްވީ މިއަދު އެ މަންޒަރު ބަދަލުވެއްޖެ ކަމެވެ.

"ރައީސް ނަޝީދާ ހިޔާލުތަފާތުވާ ހުރިހާ މީހުން [މީގެކުރިން] ތިބޭނީ ޕާޓީއިން ދުރުގައި، މި ފަހަރު ހިޔާލުތަފާތުވި އެންމެން އެތެރޭގައި ތިބެގެން ގޮތަކަށް ނިންމުނީމާ އަޅުގަނޑަށް ހީވަނީ އެމްޑީޕީ އަބަދުވެސް ބުނާ ރަނގަޅު ފެންވަރުގެ ގޮތުގައޭ އެމްޑީޕީ އެ އޮތީ ނިމިފަ. އެހެންވީމާ މިހާރު ގަބޫލުކުރެއްވިއްޖެ އެމްޑީޕީ ތެރޭގައި އޮތް ހިޔާލުތަފާތުވުންތަކަކީ ވެސް އޮންނަން ޖެހޭނެ ހިޔާލުތަފާތުވުންތަކެއް ކަމަށް،" ނަޝީދަށް މިފަހުން ވަރަށް ބޮޑަށް ފާޑުވިދަޅުވަމުން އައި މޫސަ ވިދާޅުވި އެވެ.

"އެއްވެސް މީހަކަށް ލިބުނު ނާކާމިޔާބީއެއް ނޫން، ޕާޓީއަށް ލިބުނު ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އެއިރު ޕާޓީ ދޫކުރައްވާ ވަޑައިގެންނެވި ބޭފުޅުން ވަޑައިގަތީ ނަޝީދާއެކު މަސައްކަތް ނުކުރެވިގެން ނޫނެވެ. އެއާހިލާފަށް ޕާޓީގެ މަސްލަހަތު އިސްކޮށްގެން، ޕާޓީއަށް ރަނގަޅު ގޮތް ހޯދުމަށެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ: ކޮންގްރެސް ނިމުނު ވަގުތު އެ ސަރަހައްދަށް އޭނާ ވަޑައިގެންނެވި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"މިފަހަރު ހިޔާލުތަފާތުވުންތައް އަޔަސް އެއްގޮތް ކުރެއްވިއްޖެއެ އޭރަކު ނުހުރޭ އަޅުގަނޑުމެންގައިގައި އެ އެއްގޮތް ކުރާނެ ހިތްވަރެއް، އެހެންވީމާ އަޅުގަނޑުމެންތާ ބަލިކަށީ، އަޅުގަނޑުމެންގެ ލީޑާޝިޕުގައި ވަކިވެގެން ދިޔަ ކޮންމެ މީހަކު ދިޔައީ ރައީސް ނަޝީދާ ތަޅާނުފޮޅާން ވެގެން، އެ ބޭފުޅާ އަބަދުވެސް ހިޔާލު ތަފާތުވާނެ،" އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ފާޑުކިޔުން އަބަދުވެސް އަމާޒުވާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވި ގޮތުގައި ދެ ރައީސުންގެ ނިންމުމުން ފެނިގެން ދިޔައީ ޕާޓީގެ އާންމު މެންބަރުންގެ ކުޅަދާނަ ކަމެވެ.

"ޕާޓީ އެކަތިގަނޑަކަށް ހެދުމަށް ޓަކައި ދެ ރައީސުން ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ، ޕާޓީ ބައިބައި ނުވެ އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުމަށް ޓަކައި، މިއީ ހަމަ ޕާޓީގެ މެންބަރުންގެ ކުޅަދާނަ ކަން، ޕާޓީގެ މެންބަރުންގެ ހުރި ވަރުގަދަކަމާއި އިހުލާސްތެރިކަން،" ސައީދު ވިދާޅުވި އެވެ.

ފެނަކަ އެމްޑީ ސައީދު: ވިދާޅުވީ ބަރުލަމާނީ ގަރާރުގެ ވާހަކަ އިތުރަށް ދައްކަން ނުފެންނަ ކަމަށް-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބަރުލަމާނީ ގަރާރު އެނބުރި އަންނާނެ؟

ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަދަލުކުރުމަކީ ވަރަށް ގިނަ މަރުހަލާތަކަކުން ކުރެވެން އޮތް މަސައްކަތެއް ނަމަވެސް ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި އެ ބަދަލުގެންނެވުމަށް ކޮންގްރެސްގެ ވެސް ކުރިން ނަޝީދު ހުންނެވީ ކަމަރު ބަންނަވައިގެންނެވެ.

ދެ ރައީސުން ސުލްހަވެ، ބަރުލަމާނީ މަސައްކަތް ފަސްކޮށްލަން އެއްބަސްވެވަޑައިގެންނެވިކަން ހާމަ ކުރެއްވި ނަމަވެސް އެކަން ހުއްޓާލައްވާނެ ކަމަށް ވިދާޅު ނުވެ އެވެ. ވިދާޅުވީ އިހަށް ބަހުސް ނުކޮށް މަޑުކޮށްލަން ބޭނުންފުޅުވާ ވާހަކަ އެވެ.

"އަޅުގަނޑުމެން ގަސްތުކުރަނީ މި މަޝްވަރާތައް އަދި ކުރުމަށް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މިހާރު މި ގަރާރު، މިތަނުގައި މިއޮތް ގޮތަށް އިހަށް ބާއްވާ އަޅުގަނޑުމެން މިއާ ދޭތެރޭގައި ބަހުސްނުކޮށް،" ނަޝީދު ވިދާޅުވި އެވެ.

ގަރާރު ކޮންގްރެސްއަށް ހުށަނާޅުއްވާނެ ކަން އިއުލާނުކުރައްވަމުން ނަޝީދު ވިދާޅުވީ މިހެންނެވެ. އަދި، އެންމެ ބޭފުޅުންނާ މަޝްވަރާކޮށް ރަނގަޅުގޮތެއް ފެންނާނެ ކަމަށެވެ.

ނަމަވެސް، ނަޝީދުގެ މި ވާހަކަފުޅަށް ފަހު އެއް މޭޒެއްގައި އިންނެވި ރައީސް ސޯލިހަށް އެރުވި ފުރުސަތުގައި ނިޒާމީ ވާހަކައެއް ނުދައްކަވަ އެވެ. މުޅިން ވެސް ދެއްކެވީ، 2023ގެ ރިޔާސީ އިންތިހާބަށް އެކުގައި އޮވެ އެމްޑީޕީއަށް ކާމިޔާބު ހޯދުމާ ގުޅޭ ގޮތުންނެވެ.

ބަރުލަމާނީ މަސައްކަތުގައި ވެސް މަސައްކަތް ކުރެއްވި އަހުމަދު "ދޮންބިލެތް" ހަލީމް ވިދާޅުވީ ބަރުލަމާނީ ގަރާރުގެ މަސައްކަތް އަދިވެސް ކުރިއަށް ދާނެ ކަމަށެވެ.

"އެ ގަރާރު ހަމަ ކުރިއަށް ދިރި އެބައޮތް، އެ ގަރާރު ހަމަ އިތުރަށް ކުރިއަށް ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރާއި އެކީގައި މި ޕާޓީގެ މެންބަރުންނާއި ކޮންގްރެސްގެ މެންބަރުންނާއި ހުރިހާ ގުނަވަންތަކަކާ އެކީގައި އަދިވެސް އަޅުގަނޑުމެންނަށް އިތުރަށް އެ ގަރާރު ފުރިހަމަ ކުރުމަށް މަޝްވަރާ ކުރާނެ ޖާގައެއް އަޅުގަނޑުމެންނަށް ލިބިގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ގަރާރު އެނބުރި އަންނާނެ ވަކި ތާރީހެއް ބުނަން އަދި ދަތިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވާއިރު އެކަން ނުވެ އޮވެއްޖެ ނަމަ ގަރާރު ބޭއްވުމަށްފަހު ކުރިއަށް ދާނީ ރިޔާސީ އިންތިހާބައިގެން ކަމަށެވެ.

ނަޝީދަށް ތާއީދުކުރައްވާ ބައެއް މަޖިލިސް މެންބަރުން ރައީސް ސޯލިހާއެކު މަޝްވަރާ ކުރައްވަނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"އަޅުގަނޑުމެންގެ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން އަޅުގަނޑުމެން 2023 ކާމިޔާބު ކުރާނެ ވިސްނުމަކާ އެކީގައި މަސައްކަތް ކުރާއިރު ވެސް މި ގަރާރާ ޕާޓީ ދާން ބޭނުންވާ ބަރުލަމާނީ ނިޒާމަށް ދިއުމުގެ ފުރުސަތު މި ދިޔައީ ވަރަށް ބޮޑަށް ހުޅުވިގެން،" އޭނާ ވިދާޅުވި އެވެ.

ޝިފާޒްގެ ތާއީދާއެކު ހުށަހެޅު ގަރާރު ކުރިއަށްދާނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ. ވިދާޅުވީ "ހުރިހާ ކަމެއް ވެސް ހަމަ އަޅުގަނޑުމެން ބޭނުންވާ ގޮތަށް ކުރިއަށް ގެންދެވޭނެ" ކަމަށެވެ.

އެެހެންނަމަވެސް މި ހިޔާލުތަކާ ސައީދު އަދި ރީކޯ މުޅިން އެއްބަސްވެ ނުލައްވަ އެވެ.

ސައީދު ވިދާޅުވި ގޮތުގައި އިތުރަށް ނިޒާމާ ގުޅިގެން ބަހުސެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އިތުރަކަށް ކުރަން ޖެހޭ ބަހުސެއް އޮތް ކަމަކަށް، ދެން ވަރަށް ސާފުހެން އަޅުގަނޑަށް ހީވަނީ މިކަން، އަޅުގަނޑު ގަބޫލު ކުރަނީ [ކުރިއަށް އޮތް ތަނުގައި] މާ ބޮޑު ހިޔާލުތަފާތުވުމެއް ނޯންނާނެ ކަމަށް، އެމްޑީޕީއަކީ ހިޔާލުތަފާތުވުންތަކާ އެއްކޮށް ހައްލު ގެނެވޭ ޕާޓީއެއް އެހެންވީމަ އެގޮތުގައި މިކަން ވެސް ކުރިއަށް ދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ" ސައީދު ވިދާޅުވި އެވެ.

މޫސަ ފާހަގަކުރެއްވި ގޮތުގައި ޕާޓީގެ ވިޕްލައިންތަކާއި އެހެނިހެން ކަންކަމާ ދެކޮޅު ހެދި މީހުން މީގެ ކުރިން ވެސް ހުރީ ޕާޓީއިން ވަކިކޮށްފަ އެވެ. ކޮންގްރެސްގެ ބޭރުން ބަރުލަމާނީގެ ކަންކަން ކުރަން މަސައްކަތްކުރާ ބޭފުޅުންނަށް ވެސް އެ އުސޫލުން އަމަލު ކުރަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ކޮންގްރެސްގެ ތެރޭގައި ތިބި ބޭފުޅުން ވިސްނަން ޖެހޭނެ މި ވިސްނުން ކޮންގްރެސް އިން އިތުރަށް ކުރިއަށް ގޮސްގެން ނުވާނެ، އެއީ އެމްޑީޕީގެ ވިސްނުމަކީ" މޫސަ ވިދާޅުވި އެވެ. "މި ތަނުން ނިންމި ނިންމުމަކާ ހިލާފުވި ކޮންމެ މީހަކު ޖެހޭނީ ޕާޓީއިން ވަކިކުރަން."

ދެ ރައީސުން ވެސް އަދި މެންބަރުން ވެސް ފާހަގަކުރެއްވީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ، 2023 ހާސިލް ކުރަން މަސައްކަތް ކުރަން ޖެހޭ ކަމުގެ މުހިންމު ކަމެވެ. އެ އަޒުމުގައި ޕާޓީތެރޭގައި އޮތް ހޫނުކަން ފިނިކޮށްލައި ނަމޫނާ ދެއްކެވިއިރު، ދެން ކުރިއަށް އޮތީ ޕާޓީގެ ޕްރައިމަރީގެ ހޫނު ކަމަށް ބެލެވެ އެވެ.