22 އޮގަސްޓު 2022 - 08:39 1
މުހައްމަދު އުޝާމް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު
22 އޮގަސްޓު 2022 - 08:39 1
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދު ދެމެދު އޮތް ހިޔާލު ތަފާތުވުމަކީ ވެރިކަމުގެ ބާރަށް ކުރެވޭ "ހަނގުރާމައެއް" ކަން ވަރަށް ސާފެވެ. ވެރިކަމުގެ ނިޒާމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުން ވެސް ގޮސް ހުއްޓެނީ ވެރިކަން ލިބޭން ޖެހޭ ބޭފުޅަކާ މެދު އޮތް ބަހުސާ ދިމާއަށެވެ.
ވެރިރަށް މާލޭގެ އެންމެ ހުޅަނގުން، ސޯޝަލް ސެންޓަރުގައި ތިން ދުވަހުގެ މުއްދަތަކަށް ދެމިގެންދިޔަ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްއަކީ މި ހަނގުރާމަ ހިނގަން އޮތް އެންމެ ބޮޑު "މައިދާން" އެވެ. ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލުމަށް ނަޝީދު އޮތީ ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އޭގެ ބަހުސް އެޖެންޑާ ކުރެވުނެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ، ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި "ދެ ރައީސުން" ގެ ވާހަކަފުޅު ފެށިގެން އައި ގޮތުން، ހާމަކޮށް އެ ހިޔާލު ތަފާތުވުމަށް ބަހުސްކޮށް ނަތީޖާއެއް ނެެރެން ތައްޔާރަށް ތިއްބެވި ކަމަށް ބެލެވުނެވެ. "ޑިމޮކްރެޓިކް" ސުލްހަވެރި ބަހުސެއް ނޫނީ "ހައިޖާނުގަނޑެއް" ކޮޅުމަތީގައި އޮތް ކަހަލަ އެވެ.
ނަމަވެސް ހިޔާލު ތަފާތުވުން ބޮޑުވެފައިވާ ނިޒާމު ބަހުސް ފަށަން އޮތް ދުވަހު، ކޮންގްރެސްގެ ހާވާސާއިން ބޭރުން، ރައީސް ސޯލިހާއި ނަޝީދު ވާހަކަ ދައްކަވަން ފެއްޓެވި އެވެ. ކޮންގްރެސްއަށް ހުށަހެޅިފައި އޮތް ކަންކަމާ މެދު ގޮތެއް ނިންމަން ވޯޓަށް އަހާނެ ގޮތަކާ މެދު ވޯޓު ލުން ކުރިއަށް ގެންދިޔަ ދަނޑިވަޅަކަށް ވިޔަސް، މަންދޫބުންގެ ނަޒަރު ވެސް ހުއްޓިފައި ތިބީ ދެ ރައީސުންނަށެވެ. ފަހުން ސްޓޭޖް މައްޗަށް އެރުއްވުމަށް ފަހު، ކޮންގްރެސްގެ ރިޔާސަތު ބަލަަހައްޓަވަމުން ގެންދެވި ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ ދެ ރައީސުން މަޝްވަރާ ކުރައްވަން ފެއްޓެވި އެވެ. ކޮންގްރެސްގެ މަންދޫބުން މަންޒަރު ބަލަން ތިބެ ތަރުހީބު ދެމުން ގެންދިޔަ އެވެ. އޭރު ވެސް ކޮންމެ ވެސް އެއް ބޭފުޅަކު ދޫދެއްވަނީ ކަމުގައި ބެލެވުނެވެ.
"ރައީސް ނަޝީދާއެކު މަޝްވަރާކޮށް ހައްލެއް ހޯދިއްޖެ،" މި މަޝްވަރާތަކަށް ފަހު ކޮންގްރެސް ހިނގަމުން ދިޔަ ހޯލު ދޫކުރައްވައި ރައީސް ސޯލިހް ވަޑައިގަންނަވަނިކޮށް، "އަދަދު" އިން ސުވާލު ކުރުމުން އެމަނިކުފާނު އޭގެ ޖަވާބުގައި ވިދާޅުވި އެވެ.
ވާދަވެރި ބަހުސެއް ނެތެވެ. ވެރިކަމުގެ ބާރަށް ކުރެވޭ "ހަނގުރާމަ" ކާމިޔާބުވާނެ ފަރާތެއް ބަލައިލަން އެ ކަމަށް ހަމަޖެއްސި މައިދާނުގައި އޭގެ އެއްވެސް ކަމެއް ނުހިނގަ އެވެ. ނަޝީދު ގަރާރު އަނބުރާ ގެންދަވަން ނިންމެވީ އެވެ. އެމްޑީޕީއަށް ކާމިޔާބު ހޯއްދަވަން ހިޔާލުތައް އެއްގޮތްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އާންމު މެންބަރުންނަށް ދެ ލީޑަރުން ދެއްވީ އެވެ.
"ރައިސުލްޖުމްހޫރިއްޔާއާއެކު މަޝްވަރާކޮށްގެން އަދި ޕާޓީގެ އެހެން ވެސް ގުނަންތަކާ މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ހިމުން އެއްގޮތް އުސޫލުތަކާއި ހަމަތަކެއް ހޯދޭނެ, އެއީ އަޅުގަނޑުގެ ހިތުގަ ޝައްކު ހިނގާނެ ކަމެއް ނޫން," ގަރާރު އަނބުރާ ގެންދެވިކަން އިއުލާން ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
މަތީ ފަޑިން ފެށިގެން އާންމު މެންބަރުންނާ ހަމައަށް، އެމްޑީޕީގެ އެތެރޭގައި އުފެދިފައި އޮތް "ހިލާފުތައް" އެއްގޮތްކުރަން، އުތުރުން ފެށިގެން ދެކުނާ ހަމައަށް އުފައްދާފައި އޮތް އެ ޕާޓީގެ ގޮފިތަކުގެ މަންދޫބުން ވެރިރަށް މާލެއަށް ޖަމާވީ އުންމީދުތަކާ އެކީގަ އެވެ. ދެ ލީޑަރުންނަށް ވެސް މި މަންދޫބުންގެ ޝުއޫރުތަކާ ކުރިމަތިލާން ޖެހުނެވެ. ސަރުކާރުގެ މަސައްކަތްތައް ކިޔައިދިނުމުގެ ސެޝަންތައް ދިޔައިރު ނަޝީދު ވެސް އެ ވަގުތުކޮޅުގެ ބޭނުން ހިއްޕެވީ، މަންދޫބުން ކައިރިއަށް ގޮސް، ގަރާރަ ތާއީދު ހޯއްދެވުމުގެ މަސައްކަތުގަ އެވެ.
ނަމަވެސް ޕާޓީތަކުގެ ގޮފިތަކެއް ބާކީވެ، ގޮފިތަކުގެ ރައީސުންނަށް ކޮންގްރެސްގައި ބައިވެރިނުކުރާ އިސްލާހެއް ޕާޓީގެ ސެކްރެޓިއޭޓުން ހުށަހެޅުމުން ކޮންގްރެސްގެ ތެރެ ހޫނު ވެގެން ދިޔަ އެވެ. އެ އިސްލާހަކީ ކޮންގްރެސްގެ ސައްހަކަން ޔަގީންކުރުމުގެ ބޭނުމުގައި ކަމަށް ބުނެ ޗެއާޕާސަންގެ އިސްނެންގެވުމުގެ މަތިން ހުށަހެޅި އިސްލާހެކެވެ. ނަޝީދު ވެސް ގަވާއިދާ ހިލާފަށް ގޮފިތަކެއް ހަދައިގެން ބަޔަކު ކޮންގްރެސްއަށް ވަން ކަމަށް ވިދާޅުވުމުން، ގިނަ މަންދޫބުންގެ ނުރުހުން އެމަނިކުފާނަށް އަމާޒުވެގެން ދިޔަ އެވެ. އޭގެ ފަހުން ގިނަ މަންދޫބުން ވަނީ ލީޑާޝިޕްއަށް ގޮފިތައް ބާކީނުކުރެވޭނެ ކަމަށް ބުނެ ޝުއޫރު ފާޅުކޮށްފަ އެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެ މަގާމަށް އާދެވުނީ، ޕާޓީގެ ރައީސަށް ވެސް މަގާމަށް އާދެވުނީ، އަޅުގަނޑުމެންގެ ގޮފިތަކުން ވޯޓުލައި, ގޮފިތަކުން ކުރި މަސައްކަތްތަކުގެ ސަބަބުން،" ވަރަށް އަސަރާއެކު، ކޮންގްރެސްގައި ބައިވެރިވި އައްޑޫ ސިޓީގެ ގޮތްޕަކަށް ނިސްބަތްވާ އަންހެން ރައީސަކު ބުންޏެވެ.
ސިޔާސީ މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ކޮންގްރެސްގެ ތެރެއިން އެނގުނު އެއް ކަމަކީ ޕާޓީގެ އެއްވެސް ލީޑަރަކަށް ޕާޓީގެ ކޮންޓްރޯލް އެހާ ފަސޭހަކޮށް ނެގެން ނެތް ކަމެވެ. އަދި ޕާޓީ ދެކަފިވާކަށް، ޕާޓީގެ ވަކި ލީޑަރަކު ބާކީވެގެންދާކަށް، އަދި އަމުދުން ޕާޓީގެ އެންމެ އާންމު މެންބަރުން އުފައްދާފައިވާ ގޮފިތައް ބާކީވެގެންދާކަށް މަންދޫބުންް ބޭނުން ނުވާކަން ވެސް ހާމަވި ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
"ރައީސް ނަޝީދަށް ވެސް އިހުސާސްކޮށްލެވޭނެ އެ ދަނޑިވަޅު، އަބަދަކު ވެސް އެމަނިކުފާނުގެ ބަސް ޕާޓީ މެންބަރުން ތެރޭގައި ނުހިނގާނެކަން، މިހާރު އަމުދުން ހިޔާލުތަފާތުވާ ކަންކަމުގައި ދޫދެން ޖެހޭނީ އެމަނިކުފާނުކަން، ކުރިއެރުމެއް ނުލިބޭނެކަން، އެހެންވެ ދޫދިނުމުގެ ވިސްނުމަކަށް ދާން އެ ޖެހުނީ،" ސިޔާސީ މަސްރަހު ދިރާސާކުރާ އެނަލިސްޓަކު ފާހަގަކުރި އެވެ.
ރައީސް ސޯލިހް، މިހާތަނަށް މަސައްކަތް ކުރައްވާފައިވާ ގޮތަށް ބަލާއިރު، ފެންނަ އެއް ކަމަކީ ބާރުތައް ދަމަހައްޓަން އެމަނިކުފާނު ގެންގުޅުއްވާ މައިގަނޑު އުކުޅަކީ އެހެން ލީޑަރުންގެ ތާއީދު އެމަނިކުފާނަށް ބޭއްވުން ކަމަށް ބައެއް މީހުން ދެކެ އެވެ.
ރިޔާސީ އިންތިހާބެއް އެއް ޝަހްސިއްޔަތަކަށް އެކަނި މިހާތަނަށް ކާމިޔާބު ކުރެވިފައެއް ނެތެވެ. އެ ވަގުތަކަށް އެންމެ މަގުބޫލު ޝަހްސިއްޔަތަކަށް ވެސް ގާނޫނު އަސާސީގައި ބުނާ ރޮނގު "50 އިންސައްތައާއި އިތުރު އެއް ވޯޓު" ހުރަސް ކުރެވިފައެއް ނެތެވެ.
ސިޔާސީ މަސްރަހު ދިރާސާކުރަމުން ގެންދަވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފާހަގަ ކުރެއްވި ގޮތުގައި ރައީސް ސޯލިހްގެ ފޯމިއުލާއަކީ އެއީ އެވެ. އަދި ނަޝީދަކީ ރައީސްގެ "ޖިގްސޯ ޕަޒްލް" ގެ އެއް ހިއްސާ އެވެ. އޭގެ އެންމެ "ޕީސް" އެއް މަދުވިޔަސް ރައީސްގެ މަގުބޫލު ކަން ދިޔައީ އެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަކީ އޭގެ ޒާތުގައި އަމިއްލަފުޅަށް ލީޑަރެއް ނޫން، އެއީ އެހެން ގިނަ ލީޑަރުންގެ ތާއީދު އޮވެގެން ލީޑަރަކަށް ވެވޭ ބޭފުޅެއް، އެ ޖިގްސޯ ޕަޒްލް މި ހަމަވަނީ ގާސިމް އާއި މައުމޫން އާއި ދީނީ އިލްމުވެރިން ހިމެނޭ އަދާލަތުގެ އިތުރަށް ނަޝީދު ވެސް ލައިގެން،" އުމަރު ވިދާޅުވި އެވެ.
ސިޔާސީ ބޭފުޅުން އެ ބޭފުޅެއްގެ ވިސްނުމާ ހިޔާލު ހޯއްދެވުމުގެ މަސައްކަތް ކުރައްވާއިރު އަދި ބާރު ދަމަހައްޓަން މަސައްކަތްތަކެއް ކުރައްވާއިރު ހިސާބުތަކެއް ވެސް ޖައްސަވާނެ އެވެ. ނަޝީދާއި ރައީސް ސޯލިހް ވެސް މިހާރު އެންމެ ބޮޑަށް ބައްލަވާނެ ހިސާބަކީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބެވެ.
ބެލެވޭ ގޮތުގައި ދެ ރައީސުން ކެންޑިޑޭޓުން ނެރުއްވައިގެން ކުރެއްވި ހަމައެކަނި މަސައްކަތަކީ ކާމިޔާބު ހޯދޭނެ ރައީސަކު އެކަނި ބެއްލެވުމެއް ނޫނެވެ. ކޮންމެ ރައީސަކަށް ވެސް ޕާޓީގެ ތެރޭގެ ހިއްސާ ބެހިފައި އޮތް ވަރެއް ވެސް ބަލައިލުމެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި، ފައްޔާޒަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 58 ޕަސެންޓް ވޯޓެވެ. ނަޝީދުގެ ތާއީދާއެކު އެ އިންތިހާބުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީއަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 42 ޕަސެންޓް ވޯޓެވެ.
މި ނިސްބަތުން ކިރައިގެން ނަޝީދު ވެސް ވާހަކަ ދައްކާވަފައިވެ އެވެ. އެމަނިކުފާނު އިސްވެ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި, ނިޒާމީ ވޯޓަށް ސަރުކާރުން ފުރުސަތު ނުދީފި ނަމަ އެމްޑީޕީގެ 42 އިންސައްތަ ސަރުކާރާ ފެއަށް ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވި ގޮތުގައި ދެ ރައީސުން ވެސް މިހާރު އެ ބައްލަވަނީ އެ ހިސާބުތަކަށެވެ. އޭގައި މެންބަރުން ވޯޓުލީ ނިސްބަތުން ފެށިގެން، ކޮންމެ ރައީސަކަށް ވެސް ވޯޓު ލިބިފައި ވަރެވެ.
"ސިޔާސީ ބޭފުޅުން ނިންމެވުމެއް ނިންމެވުމުގެ ކުރިއަށް ހިސާބުތައް ޖައްސަވާނެ، މިހާރު އެ ޖައްސަވާ ހިސާބަކީ ޗެއާޕާސަން އިންތިހާބުގެ ނަތީޖާ، އެއީ ނަޝީދަށް އެމްޑީޕީގައި އޮތް ވަރު ކަމަށް މި ބަލަނީ، އެެހެންވެ ސާފުކޮށް ފެނޭ ނަޝީދު ނުލައި ސޯލިހް ނުނިކުންނަވާނެ ކަން،" ޝިޔާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވެސް ސިފަ ކުރެއްވި ގޮތުގައި، ބަރުލަމާނީ ނިޒާމުގެ ގަރާރު އަނބުރާ ގެންދެވުމަށް ނަޝީދު ނިންމެވުމަކީ ރައީސް ސޯލިހް އިތުރު ދައުރަކަށް އިންތިހާބުކުރަން ބޭނުންވި އެމްޑީޕީގެ މެންބަރުންނަށް ލިބުނު ފުރިހަމަ ކާމިޔާބީ އެކެވެ.
"މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ދެ ވަަނަ ދައުރެއް ދިނުމަށް އަޒުމު ކަނޑައަޅައިގެން ތިބި މެންބަރުން ކުރެއްވި ބުރަ މަސައްކަތުގެ ހެޔޮ ނަތީޖާއެއް،" ޝަރީފް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވިދާޅުވެފައިވާ ގޮތުގައި، އެމްޑީޕީއަށް ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރަން އަދިވެސް ނަޝީދުގެ ތާއީދު އޮތުން މުހިންމު ވާނެ އެވެ.
"ރައީސް ނަޝީދަކީ އެމްޑީޕީގެ މޫނުމަތި، އެމްޑީޕީގެ މި އިސްލާހީ މަސައްކަތުގެ މައި އެއް ތަނބު، ރައީސް ނަޝީދުއާ ނުލާ އިންތިހާބު ކާމިޔާބު ކުރާކަށް ފަސޭހައެއް ނުވާނެ. 2023 އައިސް ޖެހޭ ވާހަކަ ދޯ އަޅުގަނޑުމެން އެންމެން ވެސް މި ދައްކަނީ،" ވައްޑެ ވިދާޅުވެފައިވެ އެވެ.
ބެލެވޭ ގޮތުގައި މާޒީވެ ދިޔަ ތަނަށް ރައީސް ސޯލިހް ވެސް ވިސްނަވާނެ އެވެ. ނަޝީދުގެ މަގުބޫލުކަން އޮތް ދުވަސްވަރު އެމަނިކުފާނު އެކަނި ނުކުމެ ކުރެވުނު ކަމެއް ނެތެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަަށް އެކަނި ނިކުމެވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެއްވުނެވެ.
އެހެންކަމުން ބެލެވެނީ ރައީސް މަސައްކަތް ކުރައްވާނީ ނަޝީދު ހިމެނޭހެން ކޯލިޝަންގެ އެހެން ހުރިހާ ބައިވެރިން ވެސް ރުއްސައިގެން 2023 ގެ ރިޔާސީ ރޭހަށް ނުކުންނެވުމަށެވެ. އެމަނިކުފާނަށް ކޮންމެ ތުހުމަތެއް ކުރި ނަމަވެސް ކޯލިޝަން ދަމަހައްޓަން ބޭނުންވާ ކަން ކޮންގްރެސް އިން ވެސް ފެނިގެން ދިޔަ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވެރިކަމަށް އަންނަ މީހަކު ވެރިކަމަށް އަންނަންވަނީ 50 ޕަސަންޓުގެ ރައްޔިތުންގެ ތާއީދާއެކު، އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް، މި ތިއްބެވި ބޭފުޅުން [ކޯލިޝަން]އާއެކު ނުކުމެ އިންތިހާބު އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމަށް،" ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.
Comment