21 އޮގަސްޓު 2022 - 18:46 0
ނިމާ ހަސަން
އެމްޑީޕީގެ ރައީސް، އިސްލީޑަރު އަދި ޗެއާޕާސަން: ޕާޓީތެރޭގެ ހިޔަލުތަފާތުވުންތައް އެއްގޮތް ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
21 އޮގަސްޓު 2022 - 18:46 0
އެމްޑީޕީ ތެރޭގައިވާ ދެބަސްވުންތައް ނައްތާލާ، އެއްގޮތަކަށް ކުރިއަށް ދިއުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި އެއްވެސް ހުރަހެއް ނެތި ހުންނަވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އިސްމާއިލް ފައްޔާޒް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރެއިއްސުރެ ކުރިއަށްދާ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ޕާޓީ ތެރޭގައި ހުރި ހިޔާލު ތަފާތުވުންތައް އެއްގޮތް ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށެވެ. އަދި އެކަމުގައި ރަނގަޅު ނަތީޖާތަކެއް ގެންނަވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
މިއަދުން ފެށިގެން އިތުރަށް މި ޕާޓީ ވަރުގަދަކޮށް، ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބު ކުރުމަށް އަޅުގަނޑުމެން މަސައްކަތް މިފެށީ
ފައްޔާޒް ވިދާޅުވީ އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުންތައް އޮތް ނަމަވެސް ނަތީޖާ ނެރެވޭ ކަމަށެވެ. އަދި އެމްޑީޕީއަށް ކާމިޔާބު ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ފަސްނުޖެހި ހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީދާކޮށް ވިދާޅުނުވި ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އެ އިޝާރާތް ކުރެއްވީ ދެ ރައީސުންގެ ދެމެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ނައްތާލާ، ގުޅިގެން ކުރިއަށް ދާނެ ގޮތެއް ހޯއްދަވާނެ ކަމަށެވެ.
އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްއަށް ހުށަހެޅި އެންމެ ބޮޑު ކަމަކީ، ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް ބަދަލުކުރަން ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރެވެ. ނަމަވެސް ކޮންގްރެސްގެ ދެވަނަ ސެޝަންގައި ދެ ރައީސުންގެ ދެމެދު ހިނގި މަޝްވަރާތަކަކަށް ފަހު ނަޝީދު ވަނީ ދޫދެއްވާ، ގަރާރު އަނބުރާ ގެންދެވާފަ އެވެ.
މި ގަރާރު އިހަށް ބާއްވާއި ބަހުސްނުކޮށް ރައީސް ސޯލިހާއި އަދި ތިބޭފުޅުންނާ އެކުގައި މަޝްވަރާކޮށްގެން ކުރިއަށްދާން. އިރާދަކުރެއްވިއްޔާ އެންމެނަށް ގަބޫލުކުރެވޭ ގޮތެއް އަޅުގަނޑުމެނަށް ފެނިގެންދާނެ
ނަޝީދަށްފަހު ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މުޅި ކޮންގްރެސްގެ ތެރޭން ވެސް އެ ގަރާރާމެދު ނުތަނަވަސް ކަމެއް އުފެދިފައި އޮތް ކަމަށެވެ.
"އެ ގަރާރު އަނބުރާ ގެންދަވަން ނަޝީދު ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމުމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
Comment