Advertisement

ހުލާސާކޮށް އިއްޔެ: އެމްޑީޕީގެ ރޫހު ހުރީ ނަޝީދަށް ހިތް ހަލާސްކުރަން

19 ޖޫން 2025 - 06:22 0

2022 ގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި އޭރު އެމްޑީޕީގެ ރައީސް އަކަށް ހުންނެވި މުހައްމަދު ނަޝީދު. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: އެމްޑީޕީގެ ރޫހު ހުރީ ނަޝީދަށް ހިތް ހަލާސްކުރަން

19 ޖޫން 2025 - 06:22 0

އެންމެ ބޮޑު އިދިކޮޅު އެމްޑީޕީގެ ރޫހު ހުރީ އިހުލާސްތެރިކަމާއެކު ހިތް ހަލާސްކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ކިޔުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވިތާ ދެ އަހަރު ފަހުން، އެ މަނިކުފާނު ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީން އަންގާރަ ދުވަހު ނިންމީ އެ ޕާޓި އުވާލައި މެންބަރުން އެމްޑީޕީއާ ގުޅުމަށެވެ.

އެމްޑީޕީ 2023 ގައި ބޭއްވި ރިޔާސީ ޕްރައިމަރީ ނަޝީދަށް ގެއްލިގެން ދިޔުމުން، އެމްޑީޕީގެ އާންމު މެންބަރުންގެ އެ ނިންމުން ބޮލާލައި ޖަހއި، ޑިމޮކްރެޓިކް އުސޫލު ދޫކޮށްލައި، އެމްޑީޕީ ރޫޅައިލާނެ ކަމަށް ވިދާޅުވި އެވެ. ދަ ޑިމޮކްރެޓްސް އުފައްދައި، އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެ، އެމްޑީޕީގެ ކެންޑިޑޭޓު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް ހޯދަން ކެމްޕޭނު ކުރެއްވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރިޔާސީ އިންތިހާބު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފަހިވެގެން ދިޔުމުގެ ބާރަކަށެވެ.

ޑިމޮކްރެޓްސް އުވާލައި، ނަޝީދާއި އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމުމާއެކު، ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމަށްފަހު އަދަދު އާ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ނަޝީދު އަދި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ އަލުން ގުޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

"[ގައުމީ މަޖިލީހުގެ މެންބަރުންގެ] ރޫހު ހުރީ އަޅުގަނޑުމެން ހަމަ އިހުލާސްތެރިކަމާއެކު ހިތް ހަލާސްކޮށް މަރުހަބާ އެބޭފުޅުންނަށް ދަންނަވަން. ވަރަށް އުފާކުރަން އެ ބޭފުޅުން އަޅުގަނޑުމެންނާ ގުޅެން ނިންމެވި ނިންމެވުމާމެދު،" ފައްޔާޒު ވިދާޅުވި އެވެ.

ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އެނބުރި ވަޑައިގަތުމަކީ އެމްޑީޕީގެ ކުރިމަގު ބިނާކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެއްކޮށް ދިވެހިރާއްޖެ އަލުން އަނބުރާ ރަނގަޅު މިސްރާބަކަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެންނާ ގުޅެންތިބި ހަމަ ހުރިހާ އެންމެންނާ އެއްކޮށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.

ނަޝީދާއި ޑިމޮކްރެޓުންނަށް މަރުހަބާ ކިޔުމަށް ހާއްސަ ކަމެއް ރާވަމުން ގެންދޭތޯ ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ އެކަން ނިންމާނީ އެބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ނަޝީދު އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އީވާ އަބްދުالله ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައި ވާއިރު އެ ބޭފުޅުންނާއެކު ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ބައެއް އެހެން ބޭފުޅުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަން ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ނަޝީދު އާއި އީވާގެ އިތުރުން ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި މިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން އެމްޑީޕީ ތެރޭގައި ބޮޑުވެފައި ވަނިކޮށެވެ.

ނަމާދު ވަގުތު

  • ފަތިސް 04:36
  • އިރުއަރާ 05:55
  • މެންދުރު 12:11
  • އަޞްރު 15:35
  • މަޣްރިބް 18:20
  • ޢިޝާ 19:39

މުހިއްމު ބައެއް ހަބަރު