21 އޮގަސްޓު 2022 - 09:25 0
ނަސްރު ޔޫރަޕްގެ މެރަތަން އެއްގައި ދުވަނީ.--
21 އޮގަސްޓު 2022 - 09:25 0
ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑް އޮތް ނަސްރުﷲ އަހުމަދު (ނަސްރު)، ޔޫރަޕްގެ ތިން މެރަތަން އެއްގައި ދުވަން ތައްޔާރުވެއްޖެ އެވެ.
ނަސްރު ދުވަން ހަމަޖެހިފައިވަނީ އަންނަ މަހު 17 ވަނަ ދުވަހު ނޯވޭގެ އޮސްލޯގައި ބާއްވާ މެރަތަން އާއި އަންނަ މަހުގެ 25 ވަނަ ދުވަހު ބާލިންގައި ބާއްވާ މެރަތަން އަދި އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ޖަރުމަނުގެ ކޮލޯންގައި ބާއްވާ މެރަތަން އެވެ.
ނަސްރުގެ 83، 84 އަދި 85 ވަނަ މެރަތަން ޔޫރަޕްގެ ވަރުގަދަ ތިން ގައުމެއްގައި ފުރިހަމަ ކުރަން އޭނާ ނިންމާފައިވާއިރު، މި ތިން ރޭސް އޮތީ ވިދިވިދިގެން ތިން ހަފްތާގެ އާދިއްތަ ދުވަހުގަ އެވެ.
ނަސްރު އެންމެ ފަހުން ދުވި މެރަތަން އަކީ އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ބޭއްވި މެރަތަންގައި މިދިޔަ ޖޫން މަހު އެވެ. ވިދިވިދިގެން ތިން އާދިއްތަ ދުވަސް ތެރޭ ތިން މެރަތަން ދުވުމަކީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމަށް ނަސްރު ގަބޫލުކުރަނީ ތަޖުރިބާގެ އަލީގަ އެވެ.
އާންމުކޮށް މެރަތަން އެއް ދުވުމަށް ފަހު ރިކަވަރީ މުއްދަތަކީ ތިން ހަފްތާ ކަމަށްވާއިރު، އެ ވަރުގެ ރިކަވަރީއެއް ނުނަގައި، މީގެ ކުރިން ވެސް ނަސްރު ވަނީ އެ ގޮތަށް ތިން މެރަތަން ދުވެފަ އެވެ. މި ގޮތަށް މެރަތަން ދުވާއިރު، ހުރި ކަންކަން ނަސްރު އަށް ވަނީ ރަނގަޅަށް އިހުސާސް ކުރެވިފަ އެވެ. އޭގެ އަލީގައި އޭނާ ބޭނުންވަނީ މި ޗެލެންޖް މި ފަހަރު ކުރިއަށް ވުރެން ރަނގަޅަށް ނެގުމަށެވެ.
"ބޭނުންވަނީ ތިން މެރަތަން ވެސް ހަތަރު އަވާސް (ގަޑިއިރު) ތެރޭގައި ނިންމާލަން. މީގެ ކުރިން ވެސް ވާނެ ތިން އާދިއްތަ ދުވަހު ތިން މެރަތަން ދުވެފައި. އެއީ ސިންގަޕޫރުގައި ދުވެފައި ތައިލެންޑްގައި ދުވެފައި އަނެއްކާ ވެސް ސިންގަޕޫރުގައި ދުވީ،" ނަސްރު ބުންޏެވެ.
ދިގު ރާސްތާ ދުވުމަަށް އެތުލީޓުން ނެރުމަށް ކޯޗިންގައި ވެސް އިސް މަސައްކަތްތަކެއް ކުރަމުން އަންނަ ނަސްރު ބުނީ ކުރިން ވިދިވިދިގެން ތިން ހަފްތާގައި މެރަތަން ދުވިއިރު، ބޭނުންވާ ޓައިމިންގައި ނުނިންމުނު އެންމެ ބޮޑު ސަބަބަކީ ހޫނުގަދަ ދުވަސްވަރެއްފައި ދުވަން ޖެހުން ކަމަށެވެ.
"އެކަމަކު، މި ފަހަރު ޔޫރަޕްގައި ބޭނުންވާ ޓައިމް އަށް ދުވެވޭނެ ކަމަށް މި ބަލަނީ. ސީދާ އެ އަށް ޓާގެޓް ކޮށްފައި އަޅުގަނޑުމެން ޓްރެއިނިން މި ހަދަނީ،" ނަސްރު ބުންޏެވެ.
ނަސްރު ވަނީ އޭނާގެ މި މަސައްކަތްތަކުގައި ވަޒީފާ އަދާކުރާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަރާތުން ދޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
Comment