2 ޖޫން 2022 - 07:03 0
މެރަތަން ޓީމުގެ ސްޕޮންސަރަކަށް ހަމަޖެއްސި މާޒިޔާ އާއި ދުވުންތެރިން އިވެންޓްގައި ބޭނުންކުރާ ބިބް ދައްކާލަނީ
2 ޖޫން 2022 - 07:03 0
ތައިލެންޑްގެ ފުކެޓްގައި ކުރިއަށްދާ ލެގޫނާ ފުކެޓް މެރަތަން 2022 ގައި ވާދަކުރަން ދިވެހި ސިފައިންގެ މެރަތަން ޓީމުން ތައްޔާރުވެއްޖެ އެވެ.
މި މަހު 11-12 ގައި ފުކެޓްގައި ކުރިއަށްދާ މެރަތަންގައި ދިވެހި ސިފައިންގެ ޓީމުން ވާދަކުރަނީ ނަސްރުﷲ އަހުމަދު (ނަސްރު) އާއި މުހައްމަދު ރަޝީދު (މޯޑު)ގެ އިތުރުން އައިޝަތު ރާނިޔާ އެވެ. ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑް އޮތް ނަސްރު، ފުކެޓްގެ މި މެރަތަންގައި، ފުލް މެރަތަން ދުވުމުގެ އިތުރުން 5 ކިލޯމީޓަރު ރޭހުގައި ވެސް ދުވާނެ އެވެ.
ފަސް ކިލޯ މީޓަރުގެ ރޭހުގައި ނަސްރު ދުވާނީ ރާނިޔާގެ ޕޭސްމާކަރެއްގެ ގޮތުގަ އެވެ. ފަސް ކިލޯ މީޓަރުގެ އިތުރުން ރާނިޔާ، ހާފް މެރަތަންގައި ދުވާނެ އެވެ.
މީގެ ކުރިން ވެސް ފުކެޓް މެރަތަންގައި ވާދަކޮށް، ދިވެހި ދުވުންތެރިން ވަނީ ކާމިޔާބު ހޯދައިފަ އެވެ. އެ ގޮތުން މޯޑު ވަނީ 2019 ވަނަ އަހަރު ފަސް ކިލޯމީޓަރު ކެޓަގަރީން އެއް ވަނަ ހޯދައިފަ އެވެ. މި ފަހަރު ވެސް، މޯޑު ވަނީ ފަސް ކިލޯމީޓަރުގެ އިތުރުން ހާފް މެރަތަންގައި ވާދަކުރަން ނިންމައިފަ އެވެ.
ނަސްރު ބުނީ އެެހެން މެެރަތަން އެކޭ އެއްގޮތަށް މި ފަހަރު ފުކެޓްގެ މެރަތަންގައި ވެސް ބައިވެެރިވުމުގެ އެންމެ ބޮޑު އަޒުމަކީ ރާއްޖެ އަށް ރީތި ނަން ހޯދައިދިނުން ކަމަށެވެ. އަދި އެމްއެންޑީއެފްގެ ލީޑަޝިޕުން މެރަތަން ދުވުމުގައި އުޅޭ ދުވުންތެރިންނަށް ދޭ އެއްބާރުލުމަށް ނަސްރު ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މިއީ ނަސްރުގެ 81 ވަނަ މެރަތަން އެވެ.
މި އިވެންޓްގައި ސިފައިންގެ މެރަތަން ޓީމު ސްޕޮންސަކޮށްފައިވަނީ، މާޒިޔާ ޕްރައިވެޓް ލިމިޓެޑާއި މެރަތަން ޝޮޕް އެވެ.
Comment