12 ޖޫން 2022 - 10:45 1
12 ޖޫން 2022 - 10:45 1
ތައިލެންޑްގެ ފުކެޓްގައި ކުރިއަށްދިޔަ ލެގޫނާ ފުކެޓް މެރަތަން 2022 ގައި ވާދަކުރި ރާއްޖޭގެ އައިޝަތު ރާނިޔާ އަށް ފަސް ކިލޯމީޓަރާއި ހާފް މެރަތަންގެ އުމުރުފުރާ ބައިން އެއް ވަނަ ލިބިއްޖެ އެވެ.
ސިފައިންގެ މެރަތަން ޓީމުގައި ހިމެނިގެން ޕުކެޓްގައި ކުރިއަށްދިޔަ ލެގޫނާ މެރަތަންގައި ބައިވެރިވެފައިވަނީ ރާނިޔާގެ އިތުރުން ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑް ހޯލްޑަރު، ނަސްރުﷲ އަހުމަދު (ނަސްރު) އާއި ބައިނަލްއަގުވާމީ ލެވަލްގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ކުޅަދާނަ ދުވުންތެރިޔާ، މުހައްމަދު ރަޝީދު (މޯޑު) އެވެ. މިއީ ނަސްރުގެ 81 ވަނަ މެރަތަން އެވެ.
ފަސް ކިލޯ މީޓަރުގެ ރޭހުގައި ނަސްރު ވަނީ ރާނިޔާގެ ޕޭސްމާކަރެއްގެ ގޮތުގައި ދުވެފަ އެވެ. ރާނިޔާ ފަސް ކިލޯމީޓަރުގެ ރޭސް ފުރިހަަމަ ކުރީ 21 މިނިޓާއި 30.9 ސިކުންތުންނެވެ. އަދި ރާނިޔާ، ހާފް މެރަތަންގެ އުމުރުފުރާ ބައިގެ އެއް ވަނަ ހޯދީ، 1 ގަޑިއިރާއި 54.01 މިނިޓުން ރޭސް ފުރިހަމަ ކޮށްގެންނެވެ. ރާނިޔާ އަށް މި ބައިގެ އެއް ވަނަ ލިބުނީ ދެ ވަނަ އަށް ނިންމި ދުވުންތެރިޔާ، މިރަންޓީ ކަޕްސަޕް އަށް ވުރެ 19 ސިކުންތު އަވަހަށް ރޭސް ނިންމައިގެންނެވެ.
ރާއްޖޭގެ މޯޑު ވަނީ ފަސް ކިލޯ މީޓަރު އޯވަރޯލް ބަޔާއި އޯޕަން ކެޓަގަރީގެ ދެ ވަނަ ހޯދައިފަ އެވެ. އަދި ހާފް މެރަތަންގެ އޯވަރޯލް އާއި އުމުރުފުރާބައިގެ ދެ ވަނަ ވެސް މޯޑަށް ލިބުނެވެ. ފަސް ކިލޯމީޓަރުގެ ރޭސް، މޯޑު ފުރިހަމަކުރީ 16 މިނިޓް 31.9 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ހާފް މެރަތަން ބައިން އޯޕަން ކެޓަގަރީ އާއި އުމުރުފުރާ ބައިން މޯޑަށް ދެ ވަނަ ލިބުނުއިރު، ރޭސް ނިންމީ 1 ގަޑިއިރާއި 19 މިނިޓުންނެވެ. އުމުރުފުރާބަޔާއި އޯޕަން ކެޓަަގަރީން އެއް ވަނަ ލިބުނު، ސާރްގޭއި ޒިރިޔާނޯފް ރޭސް ނިންމީ 1 ގަޑިއިރާއި 13.20 މިނިޓުންނެވެ.
މި އިވެންޓްގައި ސިފައިންގެ މެރަތަން ޓީމު ސްޕޮންސަކޮށްފައިވަނީ، މާޒިޔާ ޕްރައިވެޓް ލިމިޓެޑާއި މެރަތަން ޝޮޕް އެވެ.
Comment