Advertisement

ބަސްކޮށާރު ކޮށި މަގުން ލާފައި ބެއްޔަތުއްތުގެ ހިތުގެ އެންމެ ފުނަށް

19 އޮގަސްޓު 2022 - 09:06 2

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


ބަސްކޮށާރު ކޮށި މަގުން ލާފައި ބެއްޔަތުއްތުގެ ހިތުގެ އެންމެ ފުނަށް

19 އޮގަސްޓު 2022 - 09:06 2

ޅެމެއް ހަދަން ގަލަން އުފުލާލާ ގިނަ ޅެންވެރިން ކުރާ އެންމެ ބުރަ އެއް މަސައްކަތަކީ ބައިތުތަކުގެ އެކި ދިމަދިމާލުގައި އަތުރާލާނޭ ލަފުޒުތައް ކަނޑައެޅުން ކަމުގައި ދެންނެވިދާނެއެވެ. ޅެންވެރިޔާ އިޚުތިޔާރުކުރާ ކޮންމެ ލަފުޒެއްގެ އަޑުތަކާއި، އެ ލަފުޒު ޅެމުގެ ވަޒަނަށް ނުވަތަ ލަވައިގެ ރާގާ އެކުލެވިގެން ދާ ގޮތާއި، ފިލިތަކުގެ މިއުޒިކާއި އަޑުތަކުގެ އޮމާންކަމާއި ކުރަކި ކަމަށް ފިކުރު ހިންގަންޖެހެއެވެ. އަދި މި ހުރިހާ ގޮތަކުން ކަމުދާ ލަފުޒެއް އަތުޖެހުނުކަމުގައިވިޔަސް، އެ ލަފުޒު ޅެމުގެ މާނައަށް ދެނީ ކޮންކަހަލަ ބާރެއްތޯ، މިނެކިރަން އެބަޖެހެއެވެ. ކުޑަ މަސައްކަތެއް ނޫނެވެ. "ޅެމާއި ޅެންވެރިކަން" މި ފޮތުގައި އަޅުގަނޑުމެންގެ އުސްތާޛުލް ޖީލު ސިފަކުރައްވާފައިވާ ގޮތުން އެއީ "ޅެންވެރިއަކަށް ކުރިމަތިވާނެ އެންމެ އުނދަގޫ މަސައްކަތެވެ".

އެހެން ނަމަވެސް، މޮޅު ޅެންވެރިއެއްގެ ޅެން ބައިތެއް ކިޔާލާއިރު ނުވަތަ އަޑުއަހާލާއިރު މި ހުރިހާ ޝަރުތުތައް ހަމަވާ ލަފުޒުތައް ގަތާލާފައި އެ ހުންނަ އޮމާންކަމުގެ ސަބަބުން، އެ މަސައްކަތުގެ މޭވާގެ ފޮނި މީރުކަން އިހުސާސްކުރެވެއެވެ. ޅެންވެރިކަމާމެދު އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ. "މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައި" ކަމަށެވެ. އެހެން ނަމަވެސް، ޅެމުގެ ތެރެއަށް ފީނަމުން، އަތްފުނާއަޅައި ހޯދަމުންދާ ވަރަކަށް، އެ މާނަ ތިލަކުރަން ފަސޭހަވެއެވެ.

އެ ލަވަ އަޅުގަނޑަށް ފުރަތަމަ އަޑުއިވުނީ، މިހާރު ލަވަޔާއި މިއުޒިކުގެ ދުނިޔެއަށް އަލްވަދާޢު ވިދާޅުވެފައިވާ ކުރީގެ ނަން މަޝްހޫރު ލަވަކިޔުންތެރިއެއްގެ "ރީމިކްސް"އެއްގެ ގޮތުގައެވެ. އަސްލަކީ ދިވެހި މޫޝީޤާރު ނައިފަރު ދޮހޮއްކޮގެ އަޑުން ވިދާޅުވެފައިވާ އަސަރުގަދަ ލަވައެކެވެ. އޭރުވެސް، މިހާރުވެސް، އިންސާނުންނަށް އެ އިހުސާސަކާ ބައިވެރިވެވޭފަދަ އިހުސާސްތަކެކެވެ. ހިތުގައިވާ އެދުމެއް ނުފުދިގެން އެ ހިތާމައިގައި ދުނިޔެ އުމުރު ވޭތުކުރާ ލޯބިވެރިއެއްގެ ވާހަކައެވެ. ބެއްޔަ ތުއްތުގެ އަސަރުގަދަ ޅެންވެރިކަމާއި، ނައިފަރު ދޮހޮއްކޮގެ ޖަޒުބާތީ އަޑު އެކުވެ އެ ދައްކާ ނެށުމުން ސިފަކޮށްދެނީ އެ "ބުލާޝަމް" މަލަށް އެދެވޭ މިންވަރެވެ. އެ މާ ނުލިބުމުން، ލިބިފައިވާ ހިތާމަތަކެވެ.

ބަނޑުވައް އަކުރާއި، ކާފިޔާ އާއި ފިލިކޯޅި އެއްގޮތް ކުރުމުގައި ވެސް ނަމޫނާ ދައްކަވަމުން، ޅެމުގެ ކޮންމެ ލަފުޒަކުން އެ އިހުސާސްތަކުގެ މިންވަރު ދައްކުވައިދީފައިވާ ރީތި ޅެމެކެވެ. ކާފިޔާގެ ވާހަކަ ދައްކާއިރުވެސް، ގިނަ ޅެންވެރިން ހަމަކުރާ ފަހު ދެ އަކުރާއި ފިލި ހަމަކުރުމުގެ ބަދަލުގައި ކޮންމެ ބައިތެއްގެ ނިންމުން އެއްގޮތްކުރައްވާފައިވާ ވަނީ ފަހު ތިން އަކުރާއި ފިލިންނެވެ. "ފޫދިފައި"، "ވީދިފައި"، "ފޯދިފައި"، "ލޫދިފައި" މިއިން ކޮންމެ ލަފުޒެއްގައި ފަހު ތިން އަކުރު އެއްގޮތްވެއެވެ. އަދި އެއިން ކޮންމެ ލަފުޒަކުން ޅެމުގެ މާނައަށް އިތުރު ބާރެއް ލިބެއެވެ.

ބަސްކޮށާރަށް ފުންކޮށް ފީނަން ފުޅިއެޅުމުގެ ކުރިން، މުޅި ޅެމުގައި އެ ދައްކާ ވާހަކަ ޚުލާސާކޮށްލާނަމެވެ. މި ޒަމާނުގެ ބަސްމަގުން ދަންނަވަނީ ނަމަ ޅެންވެރިޔާ އެ ސިފަކުރައްވަނީ ކުރިން ސެޓުވެފައިހުރި ބިޓަކާމެދު އޭރު އެއްވެސް ސަމާލުކަމެއް ނުދީ ހުރެމެ، ވަގުތު ފާއިތުވީ ފަހުން އެ "ބިޓު" ސެޓުކުރަން އުޅެ، އެކަން ކާމިޔާބު ނުކުރެވުމުން، އެ ހިތާމައިގައި އުމުރު ދުވަސް ހޭދަކުރަން ޖެހިފައިވާ ވާހަކައެވެ. ބުނެވޭ ގޮތުގައި މިއީ ޅެންވެރިޔާގެ އަމިއްލަފުޅު ތަޖުރިބާއެއްގެ ވާހަކައެވެ. އެހެނަސް އެ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށްދެވޭނީ ހަމައެކަނި ޅެންވެރިޔާއަށެވެ. ފަހަރަކު ބައިތަކުން ކިޔަމުން ދަމާހިނގާށެވެ.

"ހުންނަންތަވީ އުމުރަށް މިހެން ހިތުގައި އެދުންވާ ނުފުދިފައި

ހުންނަންތަވީ ކަރުނުގެ ތެރޭ ތެމި ފޯވެގެން ގޮސް ފޫދިފައި"

ޅެންވެރިޔާ މި އުފައްދަވަނީ ސުވާލެކެވެ. ކުރައްވަނީ އާދޭހެކެވެ. ހިތުގައި ވާ އެދުން ނުފުދި، އުމުރު ދުވަސް ވެސް ހޭދަކުރަންވީތޯ ކުރައްވާ ސުވާލެކެވެ. އަދި އެ އިންތިޒާރީގައި ހުންނަން މި ޖެހެނީ ހިތާމައިން ރޮއެ، އެ ފޭބި ކަރުނައިން އުފެދެނު ކޯރެއްގެ ތެރޭ "ތެމި ފޯވެގެންގޮސް ފޫދިފައި" ކަމުގައެވެ. ކޮމާކޯޅިއަށް މި ލީ ލަފުޒުތަކުގެ މާނަތަކަށް ވަކިވަކީން ބަލާލަމާތޯއެވެ. ދިވެހި ބަސްފޮތް ބުނާ ގޮތުން ތެމުމަކީ "ތެތްވުމެވެ". ތެތްވުމަކީ ފެނުގެ އަސަރު އުފެދުން ނުވަތަ ފާޅުވުމެވެ. ފޯވުމަކީ ފެން ވަދެގެން ފުފުމެވެ. އަދި ފޫދުމަކީ ފެނުގައި ގިނަ އިރު އޮތުމުގެ ސަބަބުން އަތްފައި މޭލިވުމެވެ. ކުޑަކުޑަ އިބާރާތެކެވެ. އެހެން ނަމަވެސް އެ ދައްކަނީ ހާދަ ވާހަކައެކެވެ. ޞަދުރުގައި އުމުރަށް މިހެން އޮންނަންވީހޭ ސުވާލުކުރެއްވުމުން، އެއިން ޒަމާނާއި ވަގުތު އެބަ އެނގެއެވެ. ޢަޖުޒުގައި ޒަމާނާއި ވަގުތު އުމުރަށް ދެމިގެންދާކަން ދައްކުވައިދެނީ އިސްވެ ދެންނެވި ޢިބާރާތުގައި ބޭނުންކުރައްވާފައިވާ ލަފުޒުތަކުންނެވެ. މީހަކު ފޯވާނީ، ތެމޭތާ އެތައް އިރެއް ފަހުންނެވެ. އަދި މީހަކު ފޫދޭނީ ފޯވާތާ އެތައް އިރެއް ފަހުންނެވެ. މި ދައްކުވައިދެނީ އެ ކަރުނައިގެ ކޯރުގައި އޭނާ ހުންނަނީ އެ ހުރިހާ މަރުހަލާތައް ކަޑައްތުކޮށް، އަދި އިތުރުވަމުންދާއިރުވެސް ކަން އެ ލަފުޒުތަކުން ސާފުވެއެވެ.

"ފަހެ ދެން ނެތީހޭ މޮޅު ޙަކީމެއް ބޭހަކުން ފަރުވާޔަކުން

ފޮހެލައިދެވޭފަދަ ޑޮކްޓަރެއް ވާ ހިތުގެ ބައްޔަށް އުފެދިފައި"

ވަރަށް ސާދާ ޢިބާރާތްތަކަކުން ޅެންވެރިޔާ މި ވިދާޅުވެ ދެއްވަނީ ކުރިން އިޝާރާތްކުރެއްވި އެދުމުގެ ޙަޤީޤަތެވެ. "ހިތުގެ ބައްޔެއް" ކަމެވެ. ސުވާލު ކުރައްވަނީ އެ ބައްޔަށް ބޭހެއް ނުވަތަ އެނޫން ފަރުވާއަކުންވެސް، އެ ބައްޔަށް ޝިފާއެއް ހޯދައިދެވޭފަދަ ޙަކީމެއް ނުވަތަ ޑޮކުޓަރެއް އުފެދިފައިވެސް ނުވޭތޯއެވެ.

"ނާ މާކުރިން ދުށްކަމު ވަނީ މިކަމުގެ ދަވާއެއް ހުވަފެނުން

ޖާމާސްގެ ފޮތްގަނޑަކުން އެކީއެކުގައި މުޅިން އޮތް ވީދިފައި"

ދެވަނަ ބައިތުގައި އެ ކުރައްވާ ސުވާލަށް ޖަވާބު މި ދެއްވަނީ ޚުދު ޅެންވެރިޔާއެވެ. އެ ބަލީގެ ދަވާ ނުވަތަ ފަރުވާ، މުޅިން ވީދި ހަލާކުވެފައި އޮތް "ޖާމާސްގެ" ފޮތްގަނޑެއްގައި އޮތަތީ، މާ ކުރީން ހުވަފެނެއްގައި ފެނިފައިވާ ވާހަކަ ވިދާޅުވަމުންނެވެ. މިހާ ހިސާބުން މަޑުޖައްސާލާނަމެވެ. "ޖާމާސްގެ ފޮތް" މިއީ ކޮންއެއްޗެއްތޯ ހޯދުމަށް ކުރި މަސައްކަތުން ފެނުނު ބައެއް ޝައުޤުވެރިކުރުވަނިވި ހޯދުންތައް ހިއްސާކުރުމަށެވެ. ތަންކޮޅެއް ދޮށީ، އިސް ޅެންވެރިންނާއި އުރުދޫ ބަސް ދަންނަ ދެތިން އިސްރަށްވެހިންގެ އަރިހުން ޖަވާބެއް ލިބޭތޯ ކުރި މަސައްކަތުން އެ ބޭފުޅުން އިއްތިފާޤުވެ ވަޑައިގަންނަވަނީ އެއީ އުރުދޫ ލަފުޒެއްކަމުގައިވާ "ޒާމޫސް" ދިވެހިކުރައްވާ ލިޔުއްވާފައިވާ ގޮތް ކަމުގައެވެ. ޒާމޫސްއަކީ ގޮދަން ރައްކާކުރަން އަޅާ ފޮށިގަނޑުގެ އެންމެ އަޑީގައި ހުންނަ އެންމެ ފީ ގޮދަނަށް ކިޔާ ނަންކަމުގައި އެ ބޭބޭފުޅުން ސިފަކުރެއްވިއެވެ. އަދި ބެއްޔަ ތުއްތު އެ ލަފުޒު ބޭނުންކުރައްވާފައިވަނީ އެ ފޮތް ވީރާނާވެފައި އޮތް މިންވަރު ސިފަކުރެއްވުމަށް ކަމުގައި އެ ބޭފުޅުން ވިދާޅުވެއެވެ.

އެހެން ނަމަވެސް އަޅުގަނޑުގެ ހިތް ބުނަމުން ދިޔައީ މި ވާނީ ކޮންމެވެސް ފޮތަކަށް ކުރާ އިޝާރާތަކަށް ކަމުގައެވެ. އިތުރަށް ސާފުކުރަން އަޅުގަނޑު ސުވާލުކުރީ ބެއްޔަތުއްތުގެ ދަރިކަލުން މަޝްހޫރު ޅެންވެރިޔާ ޢީސާ ޝަރީފާއެވެ. ޢީސަ ވިދާޅުވީ، އެ ބައިތުގައި އެ އިޝާރާތް ކުރައްވަނީ ޢަރަބި، ފާރިސީ ހިސާބުގެ ޙަކީމީ ބޭސް ފޮތަކަށް ކަމުގައެވެ.

މިހާ ހިސާބުން އަޅުގަނޑުގެ ދިރާސާ ދެން ފުޅާކޮށްލީ ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމުގެ އުރުދޫ "ޚަޒާނާ" އޭގައި ހިމަނާލުމަށެވެ. އިސާހިތަކު ހިތްހަމަ ޖެހޭ ޖަވާބެއް ދެއްވައިފިއެވެ. ޑރ. އަޝްރަފް ވިދާޅުވަނީ އެ އިޝާރާތް ކުރައްވާ ފޮތަކީ "ޖާމާ ސަބް ނާމާ" ނުވަތަ "ޖާމާސް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ފާރިސީ، ފަލަކީ އަދި ޙަކީމީ ފޮތަކަށް ކަމަށް ޔަޤީނާ ގާތަށް ދެންނެވިދާނޭ ކަމަށެވެ. ފޮތުގެ ގޮތް ބާވަތުގެ ސަބަބުންނާއި، އޮތް ބަހާއި، މުޞައްނިފުންގެ ސަބަބުން، މިއީ އެ ޒަމާނުގެ ދިވެހިންނަށް ފަރިތަ ފޮތަކަށް ވުން އެކަށީގެންވާ ކަމަށް ޑރ. އަޝްރަފު ދެކެވަޑައިގަންނަވައެވެ. އަޅުގަނޑަށްވެސް ބޮޑަށް ބުރަވެވެނީ މި ރަޢުޔަށެވެ.

ކޮންމެއަކަސް، އިޝްޤީ ބައްޔަށް އޮތް ފަރުވާ މި ފެނިފައިވަނީ ބާވެ ވީދިފައި އޮތް ޖާމާސްގެ ފޮތުންނެވެ. އަދި އެއީ ވެސް ހުވަފެނުންނެވެ. ހައްތަހާވެސް އެ ފަރުވާ ލިބުމަށްވުރެ، ނުލިބުން ގާތްކުރާ ޢިބާރާތްތަކެވެ. ދެން އޮތް ބައިތުގައި ޅެންވެރިޔާ ވިދާޅުވަނީ،

"އޭ މާމެލާމެލިތަކުތެރޭން ފަރިވާ ވަގުތުގައި ދެކިލުމަށް

އޭ މާ ބުލާޝަމް ފަހެ ވަނީ ކޮންތާކުގައިހޭ ފޯދިފައި"

މިބައިތުން ފާހަގަކުރެވޭ ދެ ލަފުޒެއް ވެއެވެ. އެއީ "ބުލާޝަމް" އަދި "ފޯދިފައި" އެވެ. ފޯދުމަކީ، ގަސްގަހާގެހި ހެދެމުން އައިސް ބޮޑުވެ ފުރިހަމަ ވުމަށްފަހު މާ ނުވަތަ މޭވާ އެޅުމެވެ. އެހެންކަމުން ޅެންވެރިޔާ މި ހޯދަނީ، ފުރާފުރިހަމަވެފައި އިން ލޯބިވެރިއެއްކަން އެބަ ސާފުވެއެވެ. އަދި އެއީ މާމެލާމެލީގެ ބަގީޗާތަކުގައި ތަދު މަލެއްކަން އެބަ އިނގެއެވެ. ނިސްބަތްކުރައްވަނީ "ބުލާޝަމް" މަލުގެ ނަމުންނެވެ.

ޢީސާ ޝަރީފު ވިދާޅުވާގޮތުގައި "ބުލާޝަމް" ނުވަތަ "ބުލާސަމް" އަކީ، މަޝްހޫރު "ޗެރީ ބުލޮސޮމް" މަލަށް ނިސްބަތްކުރައްވާ ބެއްޔަ ތުއްތު އުފެއްދެވި ބަހެކެވެ. އަދި އެ މަލަށް ކުރައްވާ އިޝާރާތްތައް ބެއްޔަ ތުއްތުގެ ޅެންވެރިކަމުން މެނުވީ ނުފެންނަ ކަމަށްވެސް ޢީސަ ވިދާޅުވެއެވެ. އެހެން ކަމަށް ވާނަމަ، ރާއްޖޭގެ ބަގީޗާއެއްގައި ބުލާޝަމް މަލެއް؛ އަދި އަމުދުން ފަރިވެ ފޯދިފައި އިން ބުލާޝަމް މަލެއް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. މި ލަފުޒުތަކުން ދޭހަކޮށްދެނީ މަލަށް ދެއްވާފައިވާ މަޤާމާއި ޤަދަރު ނޫންތޯއެވެ.

"ކިތަކަށް އަހަރުތޯ ތިޔަ މަލެއް ފަރިވީ ފަހުން މިއަދަށް މިވީ

ހިތަކަށް ލިބެން އޮތްއިރު އެތަން މިތަކުން އެޔަށް ހިތް ނޭދިފައި"

ސާދާ، ތިލަ ޢިބާރާތްތަކަކުން ޅެންވެރިޔާ މި ކިޔައިދެއްވަނީ ވަގުތުގެ ކެހިވެރިކަމުގެ ވާހަކައެވެ. އެ "މާ" ފަރިވީ ފަހުން މިހާރު އެތައް ދުވަހެއް ވެފައިވާއިރު، އޭގެ ތެރޭގައި، ޅެންވެރިޔާ ބޭނުންނަމަ، އެ މާ ހިތަކަށް ލިބެން އޮތް ޒަމާނެއްވެސް ދިޔަ ކަމެވެ. ނަމަވެސް އޭރު އެ މަލަށް ޅެންވެރިޔާގެ ހިތް ނޭދޭ ކަމެވެ. އެހެން ނަމަވެސް، ޅެންވެރިޔާގެ ހިތް އެނބުރި، އެ "ބުލާސަމް މަލަކީ" ޅެންވެރިޔާއަށް ނުފުދިފައިވާ ހިތުގެ އެދުމަށް ވީ އިރު، ވަގުތު ފާއިތުވެފައިވާކަމެވެ.

"މި ދިމާލަކުން ފަރިވާ ބުލާޝަމް މާ ފޮޅޭ ގުލްޒާރަކަށް

އަދި ފިރުކިގެން ވެސް ދާނަމޭ ދެކެލަން ދެކަކުލުން ލޫދިފައި"

މި ބައިތުން ދައްކުވައިދެނީ ކޮންމެ ޒަމާނަކުން، ކޮންމެ ޙާލަތެއްގައި ޅެންވެރިޔާ ހުއްޓައިވެސް އެ ބުލާޝަމް މާ ބަގީޗާއަކުން ފެނިއްޖެނަމަ، އެ ދިމާއަކަށް ދާން ތައްޔާރަށް ހުރިކަމެވެ. "ފިރުކިގެންވެސް"، "ދެކަކުލުން ލޫދިގެން"ވެސް ދާނަމޭ ވިދާޅުވުމުން ޢުމުރުން ދުވަސްވެ ގައިބާރު ދެރަވެ، ހިނގާބިނގާ ނޫޅެވޭ ހިސާބަށް ހިނގައްޖެނަމަ ހަތަރުމޮއްގަނޑު ޖަހައި ފިރުކިގެންކަމުގައިވިޔަސް، އަދި ދެކަކޫ މަތީ ލޫދިފައި ނަމަވެސް، އެ މަލެއްގެ ކައިރިއަށް ދާން ތައްޔާރަށް ހުރި ކަމެވެ.

"މެކިގެން އިހަށް އުޅުމުގެ ސަބަބު ހެކި ދައްކަ ދައްކާ ހުވަފެނުން

އެކި ރޭރެއަށް "ތިކިތައް" ގޮތުން ދެކެލާ ހިތުންވެސް ނުނިދިފައި"

މިންހެޔޮ ޅެމެއްގެ ނިންމުން އަބަދުވެސް ބާރުގަދަ ވާނޭކަމަށް ބުނެ އުޅެއެވެ. މިއީ ވަރަށް އާދަޔާ ޚިލާފު ސިފަތަކެއް ލިބިގެންވާ ބައިތެކެވެ. މެކުމަކީ ކޮބައިތޯއެވެ؟ އެކުވުން ނުވަތަ ހޭކުމެވެ. މަޖާޒީ ގޮތުން ނަމަ ކަމެއްގެ ތެރޭގައި ހިސާބަކަށް އުޅެލެވުމެވެ. ހުވަފެނުން، އެ ސަބަބު ފެންނާތީ، ހުވަފެނުން އެ ސަބަބު ފެނޭތޯ ނިދުމަށް ކެތްމަދުވެފައިވާ ވާހަކައެވެ. މި ޅެމުގެ ފަހު ބައިތުގެ ޢަޖުޒު ތަފާތު ގޮތަކަށް ލިޔެފައި އޮއްވާވެސް ފެނިފައިވެއެވެ. އެއީ

އެކި ރޭރެއަށް "....." ގޮތުން ދެކެލާ ހިތުންވެސް ނުނިދިފައި"

ބެއްޔަ ތުއްތުގެ އެކުވެރި މޮސްކޯ ޖަލީލާ ހަވާލާދެއްވާ ޢީސާ ޝަރީފު ވިދާޅުވަނީ، ބެއްޔަ ތުއްތު އެ ލަފުޒު ބޭނުންކުރައްވާ ގޮތްތަކުގެ މައްޗަށް ބިނާކުރައްވައި ތިން މަޤްޞަދެއް ޙާސިލުކުރައްވާފައިވާކަމަށެވެ. އެއްގޮތަކީ ފުރަތަމަ އެ ވާ ގޮތަށް "ތިކިތައް" މިހެން ބުނުމުން، "މެކިގެން" އުޅޭ ދެ ލޯބިވެރިއެއްގެ އެދުން ފުދޭ ހިނދު ނިކުންނަ ނަތީޖާ ސިފަކުރައްވައިގެން ކަމަށް ވިދާޅުވިއެވެ. ދެވަނަ ގޮތަކީ ތާނައިން "ތިކިތައް" ޖެހުމުގެ ބަދަލުގައި "...." ޖެހުމުން، ރޭރެއަށް ދެކެލަން އެދޭ ގޮތް، ކިޔުންތެރިޔާ ނުވަތަ އަޑުއަހާ މީހާއަށް ދޫކޮށްލުމެވެ. ތިން ވަނަ ގޮތަކީ، "ތި" އަދި "ކިތައް" ވަކީން ލިޔެގެން މިންވަރެއް ދޭހަވާ ގޮތަށް ސިފަކުރުމެވެ. މިވެސް ޅެންވެރިކަމުގެ އޭރުގެ ވައްޓަފާޅިއެކެވެ. ލަފުޒަކުން ތިލަކުރާނެ މާނަ، ޅެން އަޑުއަހާ މީހާއަށް ދޫކޮށްލުމެވެ.

ކުރީގެ ޅެމެކެވެ. އެހެން ނަމަވެސް ދިރުންހުރި އިހުސާސްތަކެކެވެ. މާނަކުރުމުގައި މިއީ ހަމައެކަނި އިޝްޤީ ލޯތްބަށް އޮތް ޅެމެއް ކަމަށް މާނަނުކޮށް، ނުފުދިފައިވާ ކޮންމެ އެދުމެއް ސިފަކުރަން ވެސް މި ޅެންވެރިކަމާއި ބަސްމަގު ފުދެއެވެ. ކުޑަ މިސާލެކެވެ. ޤައުމުތައް ހަމަނުޖެހުމުގެ ތެރެއަށް ގެނބެމުންދާ ހިނދު، ނުފޯރާ ފަށުގައި އޮތް އެންމެ ބޮޑު އެދުމަކީ ސުލްޙަ މަސަލަސްކަން ކަމުގައި ވިސްނައިގެން، މިޅެމުގައި އެ ވިދާޅުވާ "ބުލާޝަމް" އަކީ އެއީ ކަމުގައި ބެލޭނޭ ޖާގަ ނެތްތޯއެވެ. އެހެން ނަޒަރަކުން މި ޅެން މާނަ ކުރަނީ ނަމަ، އެ ބުލާޝަމް މަލަކީ ޖާހާއި މަޤާމުގެ ގޮތުގައި ބަލާނޭ ޖާގަ ނެތްތޯއެވެ. އެ ކަންކަން ހޯދުމަށް، ފިރުކިގެން، ދެކަކުލުން ލޫދިފައި، ދާން ތައްޔާރަށް ތިބޭ ބަޔަކަށްވެސް ވާނެއެވެ. އެފަދަ ޙާލަތްތަކުގައިވެސް ޖާމާސްގެ ފޮތްތަކުން ފަރުވާ ހޯދަން މީހުން ނޭދޭނެބާވައެވެ؟

މިއަދު، މި ޅެމުގެ ލަފުޒުތަކުގެ ރޭލުން މި ދަތުރުކުރީ މަޝްހޫރު ޅެންވެރިޔާ ބެއްޔަ ތުއްތުގެ ހިތުގެ އެންމެ ފުންމިނަށެވެ. މުއްސަނދި ބަސްކޮށާރެއްގެ މޮޅު ކަމަކީ މިއީއެވެ. އެކި ދިމަ ދިމާލުން އެ ލަފުޒުތަކަށް ނަޒަރު ހިންގާލާ ހިނދު، އެ މީހެއް އެވަގުތު ތަޙައްމަލުކުރަމުންދާ ކޮންމެވެސް ޖަޒުބާތަކާ އެ ލަފުޒުތައް ގުޅި ލާމެހިގެން ދިޔުމެވެ. ޒަމާނާއި ވަގުތުގެ ދަބަރުން ރައްކާތެރިކުރެވިފައިވުމެވެ.