Advertisement

ބޮޑު ހިޔާނާތުގެ އިތުރު ދައުވާތަކެއް ކުރަން ފޮނުވަން އޭސީސީން ތައްޔާރުވެއްޖެ

21 އޮގަސްޓު 2022 - 09:48 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އޭސީސީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ މެމްބަރުން މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ: އޭސީސީ


ބޮޑު ހިޔާނާތުގެ އިތުރު ދައުވާތަކެއް ކުރަން ފޮނުވަން އޭސީސީން ތައްޔާރުވެއްޖެ

21 އޮގަސްޓު 2022 - 09:48 0

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުވެއްޖެ އެވެ.

ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން "އަދަދު" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެކަމުގައި އެދެވޭ ނަތީޖާތަކެއް ނެރެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ އަންނަ މަހުގެ މެދެއްހާތަނުގައި އެކަށީގެންވާފަދަ ނަތީޖާތަކެއް [ދައުވާކުރަން ފޮނުވޭނެކަމަށް] މިކަމުގައި ނެރެވިގެން ދިއުން،" ޝާމިލް ވިދާޅުވި އެވެ.

ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ވެރިޔަކަށް ހުންނެވި އަބްދުﷲ ޒިޔަތާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އެކަންޏެވެ.

ދައުލަތުގެ ޕީއާރު ކުންފުނި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތް ތަހުގީގުކުރީ އޭސީސީ އާއި ފުލުހުންގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެނެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމުން އެ ކޮމިޝަނުގައި ހުރި އެ މައްސަލައިގެ ހެކިތައް ބަދަލުކޮށް، އެމްއެމްޕީއާރުސީގެ މައްސަލައިގެ ބައެއް ކަންކަން އަލުން މުރާޖައާ ކުރުމުގެ މަސައްކަތް އޭސީސީން ފެށީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ލިސްޓުގައި އޮތީ 267 ނަމެވެ. ނަމަވެސް، އެ ހިޔާނާތުގެ މައުލޫމާތު އެއް ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި އެ އަދަދު 281 އަށް އަރަ އެވެ.

އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި މަގާމުގައި މިހާރު ތިބި 119 މީހެއްގެ ނަން ހިމެނެ އެވެ.

އޭސީސީން އޭރު ބުނެފައިވަނީ އާ ލިސްޓެއް އެކުލަވާލުމުގެ ވިސްނުމެއް ނެތް ކަމަށާއި ނަމަވެސް މިހާރު އާންމުކޮށްފައިވާ ވަކި ލިސްޓަކަށް ވެސް ބަރޯސާނުވާނެ ކަމަށެވެ.

ނަމަވެސް، މިހާރު ދައުވާ ކުރަން ތައްޔާރުވެފައިވަނީ ކިތައް މީހުންގެ މައްޗަށް ކަމެއް ޝާމިލް ވިދާޅެއްނުވެ އެވެ. އަދި އޭގެ ތެރޭގައި ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި އެއްވެސް މީހަކު ހިމެނޭ ކަމެއް ވެސް ހާމަނުކުރައްވަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންނާއި އެ ހިޔާނާތް ހިންގުމަށް ނުއަގުގައި ވިއްކާފައިވާ ރަށްތަކާއި ފަޅުތަކުގެ މައްސަލައިގެ ތަހުގީގު އެކުގައި ކުރިއަށް ގެންދަން އޭސީސީން ވަނީ ނިންމައިފަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ނުއަގުގައި ވިއްކި ރަށްތަކާއި ފަޅުތަކުގެ ހަމަ އަގު މިދިޔަ އަހަރުގެ ތެރޭގައި އޮޑިޓު އޮފީހުން އެކުލަވައިލި ރިޕޯޓެއްގައި ވަނީ ހިމަނައިފަ އެވެ.

އެހެންކަމުން އެ މައުލޫމާތުގެ އަލީގައި އެ ރަށްތަކަށް ހަމަ އަގު ހޯދައި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުގެ އެދުމަކަށް އޮޑިޓު އޮފީހުން މިދިޔަ އަހަރު އެކުލަވައިލި ރިޕޯޓުގައި ވަނީ އެމްއެމްޕީއާރްސީން 37 ރަށާއި 12 ފަޅު ނުއަގުގައި ވިއްކާލުމުން ދައުލަތަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ ކަމަށް ބުނެފަ އެވެ.