Advertisement

އެމާ، 24 ގަޑިއިރު ތެރޭ ދެ ޗެމްޕިއަނުން ބަލިކޮށްފި

18 އޮގަސްޓު 2022 - 09:18 0

ސިންސިނާޓީ މާސްޓާސް މެޗެއްގެ ތެރެއިން އެމާ: އޭނާ އަންނަނީ އަލުން ކުރީގެ ފޯމުގައި ކުޅެން މަސައްކަތް ކުރަމުން.


އެމާ، 24 ގަޑިއިރު ތެރޭ ދެ ޗެމްޕިއަނުން ބަލިކޮށްފި

18 އޮގަސްޓު 2022 - 09:18 0

ސިންސިނާޓީ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 18) - މިހާރު ކުރިއަށްދާ ސިންސިނާޓީ މާސްޓާސްގައި އިނގިރޭސި އެއް ވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ، އެމާ ރަޑުކާނޫ، 24 ގަޑިއިރުތެރޭ ދުނިޔޭގެ ޓެނިހުގެ ދެ ޗެމްޕިއަނުން ބަލިކޮށްފި އެވެ.

ސިންސިނާޓީ މުބާރާތުގެ ފުރަތަމަ ބުރުގައި އެމާ، 19، ވަނީ ސެރީނާ ވިލިއަމްސް ބަލިކޮށްފަ އެވެ. މި ފަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތަށް ފަހު ރިޓަޔާކުރާނެ ކަމަށް އިއުލާނުކޮށްފައިވާ ސެރީނާ އަތުން، އެމާ މޮޅުވީ 6-4، 6-0 އިންނެވެ.

ސެރީނާއާ ދެކޮޅަށް މެޗު ކުޅުނުތާ 18 ގަޑިއިރު ފަހުން އެމާ ނުކުތީ ސިންސިނާޓީ މުބާރާތުގެ ދެ ވަނަ މެޗުގައި ބެލަރޫސްގެ ވިކްޓޯރިއާ އަޒަރެންކާއާ ދެކޮޅަށެވެ. އަޒަރެންކާ އަތުން އެމާ މޮޅުވީ 6-0، 6-2 އިންނެވެ.

ދުނިޔޭގެ އެއް ވަނައިގައި މީގެ ކުރިން އޮތް ސެރީނާ އާއި އަޒަރެންކާއާ ދެކޮޅަށް އެމާ ދެއްކި މޮޅު ކުޅުމާ އެކު މި މަހު ފަހުކޮޅުގައި ފަށާ ޔޫއެސް އޯޕަން ޓެނިސް މުބާރާތް ދިފާއުކުރަން އޭނާ އަށް ވަނީ ހިތްވަރު ލިބިފަ އެވެ.

ސިންސިނާޓީ މާސްޓާސް މެޗެއްގެ ތެރެއިން އެމާ ބޯޅަ ފޮނުވާލަނީ: ޔޫއެސް އޯޕަން ތަށި ދިފާއުކުރަން އެމާ ބޭނުންވޭ.--- ފޮޓޯ: އޭއެފްޕީ


"ހަމަޖެހިގެން މި މުބާރާތް ނިންމާލެވިއްޖެނަމަ، އަހަންނަށް މި ކުޅުން ކުރިއަށް އޮތް ޔޫއެސް އޯޕަންގައި ވެސް ދެއްކޭނެ،" ސިންސިނާޓީ މާސްޓާސްގައި ރަނގަޅު ކާމިޔާބަކަށް އުންމީދުކުރާ އެމާ ބުންޏެވެ.

މި ފަހަރުގެ ޔޫއެސް އޯޕަން ފަށާނީ މި މަހު 29 ވަނަ ދުވަހު އެވެ.

އުމުރުން އެންމެ 18 އަހަރުގައި އެމާ މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދުމާ އެކު، އެއީ 44 އަހަރަށް ފަހު، އިނގިރޭސި އަންހެން ކުުުޅުންތެރިއަކަށް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ކާމިޔާބު ކުރުމުގެ ޝަރަފް ލިބުނު ފުރަތަމަ ފަހަރެވެ.

އެކަމަކު، އެ ކާމިޔާބީ އަށް ފަހު އެމާގެ ފޯމު ގެއްލި ގިނަ މުބާރާތްތަކެއްގައި މާ ދުރަށް ނުދެވި ޕްރެޝަރާ ކުރިމަތިލާން ޖެހުނެވެ. ސިންސިނާޓީ މާސްޓާސްއާ މި ފަހަރު އެމާ ކުރިމަތިލިއިރު، އޭނާގެ މި ސީޒަނުގެ ރެކޯޑް އެހާ ރަނގަޅެއް ނޫނެވެ. ސީޒަނުގެ ހުރިހާ މުބާރާތަކަށް ބަލާއިރު އެމާ އަށް މޮޅުވެވުނީ 11 މެޗުންނެވެ. ސާދަ މެޗުން ވަނީ ބަލިވެފަ އެވެ.

އަނިޔާގެ ސަބަބުންނާއި ގާތްގާތުގައި ކޯޗުން ބަދަލުކުރާތީ އެމާ އަށް ކުރީގެ ކުޅުން ނުދެއްކިގެން އުޅޭއިރު، ފަހަކަށް އައިސް އެމާ އަންނަނީ ރަނގަޅަށް ފޯކަސް ކޮށްގެން ކުޅުން އިމްޕްރޫވް ކުރަން މަސައްކަތްތަކެއް ކުރަމުންނެވެ.

އަޒަރެންކާ އަތުން ސިންސިނާޓީގައި މި ހޯދި މޮޅަކީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން އަށް ފަހު ޓެނިހުގެ ރޭންކިން ގަދަ 30 ކުޅުންތެރިއަކު އަތުން އެމާ އަށް ލިބުނު ފުރަތަމަ މޮޅެވެ.