Advertisement

"އެ ފައިސާ، މި ފައިސާ"އަށް ނުވާ ސިޔާސީ ފައިސާ!

17 އޮގަސްޓު 2022 - 09:41 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


"އެ ފައިސާ، މި ފައިސާ"އަށް ނުވާ ސިޔާސީ ފައިސާ!

17 އޮގަސްޓު 2022 - 09:41 2

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ "އެ ފައިސާ މި ފައިސާ"ގެ ތިއަރީ މުޅި ރާއްޖެ މިހާރު ފަރިތަ ތިއަރީ އެކެވެ. ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ތެރެއިން އެމަނިކުފާނުގެ އަމިއްލަ އެކައުންޓަކަށް ޖަމާވި ފައިސާ އާއި، އެ ފައިސާއާ ގުޅުވައި ދައުލަތުން ކުރި ދައުވާ އަދި އިއްވި ޖަލު ހުކުމް ވެސް ނޭނގޭ މީހަކު ނެތެވެ. ދެން އެއާ ވިދިގެން، އެންމެ ދެ ހިސާބު އަކުރުގެ ތަފާތަކުން ޔާމީން މިނިވަންވުމަކީ އެންމެން ދަންނަ މާޒީ އެވެ.

އެމްއެމްޕީއާރުސީގެ ހުތުރު ހިޔާނާތުގައި ޔާމީންގެ އަތްޕުޅު ސާފުކަމަށް ވިދާޅުވެ އެ މަނިކުފާނު ސާބިތުކަމާއެކު ހުންނެވީ "ސިޔާސީ" ފައިސާގެ ދިފާއުގެ މަތީގަ އެވެ. އެމަނިކުފާނުގެ އަމިއްލަ އިއުތިރާފުން، ސިޔާސީ މަސައްކަތްތަކަށް އެ މަނިކުފާނު ހޯއްދެވި ފައިސާގެ އަދަދު ފަސް މިލިއަން ޑޮލަރަށް އަރަ އެވެ. ޖަލު ހުކުމެއްގެ ކޮޅުކެހި ލިބިވަޑައިގަތީ ވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުގައި ހުރި އެ ފައިސާ ހޯއްދަވަން އުޅުއްވުމުންނެވެ.

"މި ފައިސާއަކީ އޭގެ ޒާތުގައި އެއްވެސް ކަހަލަ މައްސަލައެއް އުޅޭ ފައިސާއެއް ނޫން، އަދި އެ ފަސް މިލިއަން ޑޮލަރަކީ ވެސް ރައީސް ޔާމީން އަތުގައި ހުރި އެއްޗެއް ނޫން، އެ ލާރިއާ ހަވާލުވީ އަދީބު، އެ ލާރި ނުލިބިގެން ދެއްތޯ އަޅުގަނޑު މަސައްކަތް ކުރަނީ، އޭގެ ތެރެއިން އަޅުގަނޑަށް ލިބުނީ އެއް މިލިއަން ޑޮލަރު،" ނޫސްވެރިންނާ އެންމެ ފަހުން ޔާމީން ބައްދަލުކުރެއްވި ދުވަހު ޔާމީން ވިދާޅުވީ މިހެނެވެ.

އެކަމަކު އެ ދުވަހު ވެސް އެމަނިކުފާނު ހަރުކޮށްލައްވައިގެން ހުންނެވި ފައިންޕުޅު މަތިން ގުޑުވާލެވޭ ގޮތެއް ނުވި އެވެ. އެ ބައްދަލުވުމަށް ދިޔަ "އަދަދު"ގެ ނޫސްވެރިޔާ ހިތްވަރާއެކު، ދޫނުދީ، ތަކުރާރުކޮށް ސުވާލު ކުރުމުންވެސް އެ ފަސް މިލިއަން ޑޮލަރުގެ ހަގީގަތެއް ހާމަ ނުކުރެއްވި އެވެ.

"... ބުނަން ނުޖެހޭ އެއްޗެއް ބުނާކަށް ނުޖެހޭނެ ނޫންތޯ، އެ ފަސް މިލިއަނުގެ މައްސަލައެއް އުޅޭ ކަމަށް ވަންޏާ އެއީ މައްސަލައެއް ކަމަށް ބުނާ މީހުން އެ ހޯދާނީ، އަޅުގަނޑު އެކަންޏެއް ނޫން ދެއްތޯ ސިޔާސީ ހުރިހާ އެންމެނަށް ފައިސާ ލިބޭ، އެ ފައިސާ ހޯދާ ގޮތް ބުނެދޭކަށް ނުޖެހޭނެ،" އެއީ ޔާމީން ޖަވާބު ދެއްވި މިންވަރެވެ.

ނުކުޅެދޭ ގާނޫނުތައް

ޔާމީންގެ އެ ދިފާއު، އާންމު މީހާއަށް ކިތަންމެ ގަބޫލުކުރަން ދަތި ނަމަވެސް، އެމަނިކުފާނު ވިދާޅުވީ ހެޔޮކޮށެވެ. ފަރުދީ ގޮތުން ސިޔާސީ ބޭފުޅުންނަށް ލިބޭ "ސިޔާސީ" ފައިސާއާ މެދު ކަންވާންވީ ގޮތް ގާނޫނުތަކުގައި އޮތީ ކިލަނބު ކަމެއްގެ ތެރޭގަ އެވެ.

ސިޔާސީ ޕާޓީތަކާ ގުޅޭ އުސޫލުތައް ކަނޑައަޅައި ޕާޓީތަކުން ތަބާވާންޖެހޭ ހަމަތައް ބަޔާންކޮށް، 2013 ވަނަ އަހަރު ސިޔާސީ ޕާޓީގެ ގާނޫނު ވުޖޫދު ކުރި އެވެ. މިގޮތުން، ސިޔާސީ ޕާޓީތައް އުފެއްދުމާއި ޕާޓީތަކުގެ މެންބަރުންގެ ހައްގުތަކާއި ދަފްތަރާއި ޕާޓީ ރަޖިސްޓްރީކުރުމާއި ޕާޓީ އުވާލުމާއި ޕާޓީގެ މާލީ ކަންކަމާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި، އެހެނިހެން ސުލޫކީ މިންގަނޑުތައް ލިޔެފައި އޮތީ މި ގާނޫނުގަ އެވެ.

މި ގާނޫނުގެ ދަށުން ސިޔާސީ ޕާޓީތައް ތަބާވާންޖެހޭ ހަމަތައް ބަޔާންކޮށް ސިޔާސީ ޕާޓީގެ ގަވާއިދު އެކުލަވާލައި 2019 ވަނަ އަހަރު، އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވެ އެވެ. މީގެ އިތުރުން، އިންތިހާބުތަކާބެހޭ އާންމު ގާނޫނުން ވެސް ޕާޓީތަކުގެ ފިކުރާއި ސިޔާސަތުތައް ހާމަކޮށް ތާއީދު ހޯދުމާއި ޕާޓީތަކަށް ނިސްބަތްވާ ކެނޑިޑޭޓުން އަމަލުކުރަންޖެހޭ އުސޫލުތައް ގާނޫނަކަށް ތިރި ކުރި އެވެ.

އެކަމަކު 2005 ވަނަ އަހަރު ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އުފެއްދި ފަހުން، ހާއްސަކޮށް މާލީ ކަންކަމާ ގުޅިގެން ހުރި މައްސަލަތައް ހުރީ ހައްލު ނުކުރެވި އެވެ. ސިޔާސީ މައިދާނުގައި އަހަރުން އަހަރަށް ވާދަވެރިކަން ބޮޑުވަމުންދާއިރު، ކޮރަޕްޝަނާއި ނުފޫޒު އޮތީ މެކުހަށް ޖަހާފަ އެވެ. އެއިރެއްގައި ވެރިކަމުގައި އޮންނަ ޕާޓީއެއް ދައުލަތުގެ ވަސީލަތްތައް، ހިތުހުރި ގޮތަކަށް ކެމްޕޭނުތަކުގައި ބޭނުންކުރެ އެވެ. ތިބި މެމްބަރުންގެ ނިސްބަތުން ޕާޓީތަކަށް ދޭ ފައިސާއަށް ހަދާ ގޮތެއް ނޭނގޭއިރު، އޭގެން އެއް ކަމެއް ވެސް ނުބެލެ އެވެ. މާލީ ބަޔާންތަކާއި، އޮޑިޓު ރިޕޯޓު ހުށަހަޅަން ގާނޫނުން ލާޒިމުކުރާއިރު، އެކަން ވެސް ކުރަނީ ނަމެއްގަ އެވެ. ފާރަވެރިވެ، ފިޔަވަޅެއް އެޅޭނެ ނިޒާމެއް ނޯވެ އެވެ.

"ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމު ހަރުދަނާކޮށް ފުރިހަމަ، ވަށައިޖެހޭ ގާނޫނީ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކުރުމަށްޓަކައި ސިޔާސީ ޕާޓީގެ ގާނޫނާއި އިންތިހާބާ ބެހޭ ގާނޫނުތަކާއި ގުޅުންހުރި ގަވާއިދުތަކާއި އުސޫލުތައް އިތުރަށް މުރާޖައާކޮށް އިސްލާހުކުރަންޖެހޭ،" މިއީ މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެކުލަވައިލި ކަރުދާހެއްގައި ބުނި ވާހަކަ އެވެ.

ފަރުދީ ގޮތުން ހުރަހެއް ނެތް

އޭސީސީން ބުނި ގޮތަށް، މިހާރު ހުރި ގާނޫނުތައް އިސްލާހު ކުރިޔަސް، ފަރުދީ ގޮތުން ލިބޭ ސިޔާސީ ފައިސާގެ މައްސަލައަށް ހައްލެއް އަންނާނެ ތަނެއް ނުފެނެ އެވެ. ސަބަބަކީ، އެ ގާނޫނުތަކުގައި ނަން ގަނެފައި އޮތީ ސިޔާސީ ޕާޓީތައް ކަމަށްވާތީ އެވެ. ފަރުދީ ގޮތެއްގައި އެ ގާނޫނުގެ އަތް ކިރިޔާވެސް ފޯރަނީ އިންތިހާބުތަކަށް ކުރިމަތިލާ ކެނޑިޑޭޓަކަށް ވާ ހިސާބުންނެވެ. އޭރުން ވެސް، ގާނޫނު ފާރަވެރިވަނީ އެ ކެނޑިޑޭޓަކު ކެމްޕޭނަށް ކުރާ ހަރަދަށެވެ. ސިޔާސީ މަސައްކަތަށް ލިބޭ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާނުކުރެވޭނެ ވާހަކައެއް ނެތެވެ. ޔާމީން ވެސް އެ ވިދާޅުވާ ގޮތަށް އެ ފައިސާއަށް ޖަވާބުދާރީވާންޖެހޭނެ ޝަރުތެއް ވެސް ގާނޫނުގައި ނޯވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސް ފުއާދު ތައުފީގު ވެސް ފާހަގަކުރައްވަނީ އެ ނުކުތާ އެވެ.

"ގާނޫނުތަކުގައި އެކަން އޮންނަނީ އެހާ ސާފުވާ ގޮތަކަށް ނޫން ހަގީގަތުގަ. ގާނޫނުގައި މި ބުނަނީ އިންތިހާބަކާ ދިމާކޮށް ކެމްޕޭނަށް ހަރަދުކުރާ ފައިސާ ވަކި އެކައުންޓަކަށް ލާންޖެހޭ ވާހަކަ. ދެން އެކައުންޓުގައި ހުންނަ ފައިސާ އިލެކްޝަންސްއިން މި ބަލަނީ. އޭގެން އަމިއްލަ އެކައުންޓަށް ޖަމާކުރާ ފައިސާ އިލެކްޝަންސްއަށް ވެސް ބެލޭނެ މަގެއް [ގާނޫނުގައި] ނޯވޭ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ހަރަދުކުރާ ގޮތާއި ވަކިވަކި ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާންތަކަށް ވެސް އެކަށީގެންވާ މިންވަރަށް އިލެކްޝަންސްއަށް ވެސް ފާރަވެރިއެއް ނުވެވެ އެވެ. ވަސީލަތްތައް މަދުވީމަ އެވެ. އެކަމަކު މި ހުރިހާ ކަމެއް ވެސް ހަރުދަނާ ކުރަންޖެހޭ ކަމަށް ފުއާދު ގަބޫލުކުރައްވަ އެވެ.

އެ ފިޔަވަޅުތައް އެޅުމަށް ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން ކުރެވެމުންދާ ކަމަށް ފުއާދު ވިދާޅުވާއިރު، އެ މަސައްކަތް ބޭނުންވާ މިންވަރަށް ވުރެ ލަސްކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެން ބޭނުންވާ ވަރަށް ވުރެ ސްލޯކޮށް މިކަންކަން މިދަނީ. އެކަމަކު އޭޖީ އޮފީހާ ގުޅިގެން މަސައްކަތްތަކެއް އެބަ ކުރެވޭ،" ފުއާދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ފަރުދީ ގޮތުން ސިޔާސީ ފަރާތްތަކަށް ލިބޭ ފައިސާއަށް ފާރަވެރިވެ، ޖަވާބުދާރީވާން، ކެމްޕޭން ފައިނޭންސިންއާ ގުޅޭ ހާއްސަ ގާނޫނެއް ވުޖޫދުކުރުމުގެ ވާހަކައަކީ ޒަމާނުއްސުރެ އިލެކްޝަންސް ކޮމިޝަނުން ދައްކާ ވާހަކައެކެވެ.

އެކަމަކު އެފަދަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ވެސް އޮތީ ކުރަންޖެހިފައި އޮތް ކަންކަން ތަރުތީބު ކުރާއިރު، ތަންކޮޅެއް ފަހަތުގަ އެވެ.

"ކެމްޕޭނު ފައިނޭންސިންގެ ގާނޫނުގެ ކަންތައް މިއަހަރު ފަހުކޮޅު އަޅުގަނޑުމެން ހާއްސަ އިސްކަމެއް ދީގެން ކުރާން ވިސްނުމުގަ އޮތީ،" ފުއާދު ވިދާޅުވި އެވެ.

ސިޔާސީ ފައިސާ، ސިޔާސީ ޕާޓީތަކާ ވަކި ނުކުރެވޭނެ

ނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ އެ ވާހަކަތައް، ކުރީގެ ޑެޕިޔުޓީ ބަންޑާރަ ނައިބު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމަށް ގަބޫލުކުރައްވަން އުނދަގުލެވެ.

އޭނާ ވިދާޅުވާ ގޮތުގައި، ސިޔާސީ މަސައްކަތަށް ލިބޭ ފައިސާއާ މެދު އަމަލުކުރަންޖެހޭ ގޮތްތައް، އެންމެ ފުރިހަމަ ނޫނަސް، މިހާރު ހުރި ގާނޫނުތަކާއި ގަވައިދުތަކުގައި ވެސް އެބަހުއްޓެވެ. ސަބަބަކީ، ސިޔާސީ މަސައްކަތަށް ލިބޭ ފައިސާ އަކީ ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާ ކަމަށް އޭނާ ގަބޫލުކުރައްވާތީ އެވެ.

"ހުރިހާ ވެރިންނަށް ބެއްލެވިޔަސް، ވެރިކަމަށް އައިސްފައި މިތިބެނީ ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ތެރެއިން. ޕާޓީއެއްގެ ޓިކެޓުގައި. އެހެންވީމާ، ސިޔާސީ މަސައްކަތަށް ދޭ ފައިސާއަކީ ވެސް ޕާޓީއަށް ދޭ އެއްޗެއް. ވަކި މީހަކަށް ދޭ އެއްޗެއް ނޫން. މިސާލަކަށް ރައީސް ޔާމީން، ރައީސް ޔާމީނަށް މިވަނީ ޕީޕީއެމްގެ ލީޑަރަށް ވާތީ،" އެ ދެބައި ވަކި ނުކުރެވޭނެ ކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި، މިހާ ހާމަކަން ބޮޑު ގޮތެއްގައި ޕާޓީތަކަށާއި ސިޔާސީ ފަރާތްތަކަށް އަމުލުކުރެވެނީ އިލެކްޝަންސް ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް ވާންޖެހޭ މިންވަރަށް ފާރަވެރިނުވާތީ އެވެ.

ކޮންމެ އިންތިހާބަކާ ދިމާކޮށް، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ބޭރު ގައުމުތަކުން ފައިސާ ދީގެން އިންތިހާބަށް ނުފޫޒު ފޯރުވުމާއި، ޕާޓީތަކުގެ އޮޑިޓު ރިޕޯޓުގެ އިތުރުން ކެންޑިޑޭޓުން ހުށަހަޅަންޖެހޭ މާލީ ބަޔާންތައް މުއައްސަސާތަކުން ރަނގަޅަށް ބާލަނަމަ، މިފަދަ ކަންކަން މަދުކުރެވޭނެ ކަމަށް އުޝާމް ގަބޫލުކުރައްވަ އެވެ.

"ރައީސް ޔާމީންގެ މިސާލު ނަގާނަމަ، ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން ދޭ ސިޔާސީ ފައިސާއާމެދު ވެސް އަމަލުކުރާނެ ގޮތް އެބަ އޮވޭ ގާނޫނުގަ. އެބަ ބުނޭ އެ ފައިސާ ގަބޫލުކުރެވޭނީ އިލެކްޝަންސް ކޮމިޝަނުގެ ހުއްދަ ލިބިގެން ކަމަށް. އެހެންވީމާ ގާނޫނުތަކުގަ އެބަހުރި މިކަންކަން މިހާރު ވެސް ބަޔާންކޮށްފައި،" އޭނާ ފާހަގަކުރެއްވި އެވެ.

ކަމާގުޅޭ މުއައްސަސާތަކާ މެދު އުޝާމްގެ ޝަކުވާ ހުއްޓަސް، ފުއާދު ވިދާޅުވި އެއް ވާހަކައަށް އޭނާ ވެސް އިއްތިފާގުވެ އެވެ.

އެއީ، އަންނަ އަހަރު ރިޔާސީ އިންތިހާބެއް އަނެއްކާވެސް ރައްޔިތުންނާ އަރާ ހަމަކުރާއިރު، ކެމްޕޭނު ފައިނޭންސިންގެ ހާއްސަ ގާނޫނެއް ވުޖޫދުކުރަންޖެހޭ ކަމެވެ. އެކަމަކު އިތުރު ގާނޫނެއް އުފަންވިޔަސް، މިހާރު ވެސް ކަން ހިނގާ ގޮތަށް އެ ގާނޫނު ވެސް ތަންފީޒު ނުކުރެވޭނެނަމަ، އެއްވެސް ކަމެއް ހައްލު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުޝާމް ވެސް އިޝާރާތް ކުރެއްވި ފަދައިން، ފެންމަތިވެގެން މިއުޅެނީ ޔާމީންގެ އެކައުންޓަށް ވަތް ފައިސާ ނަމަވެސް، މި މައްސަލަ އެމަނިކުފާނާ ހިސާބުން ނުނިމެ އެވެ. މިއީ ސިޔާސީ މައިދާނަށް ނުކުންނަ ހުރިހާ މީހުނާ ގުޅޭ ހައްސާސީ މައްސަލައެކެވެ. އާންމުކޮށް ފަސް އަހަރުގެ ދައުރަކަށް ނުކުންނަ ސިޔާސީ މިހާގެ އަމިއްލަ އެކައުންޓަށް، ސިޔާސީ ފައިސާގެ ނިވާފަތްގަނޑުގައި މިލިއަނުން ފައިސާ ވެއްދުން ހުއްޓުވޭނެ މަގެއް ހޯދަންޖެހެ އެވެ. އެ ފައިސާ ދިން މީހަކާއި، ދިން ސަބަބާއި، ބަދަލުގައި ދޭން ވައުދުވި ނަފާ ވެސް ރައްޔިތުންނަށް އެނގެންޖެހެ އެވެ.

"ބުނަން ނުޖެހޭނެ"އޭ ބުނެ ފަރުޖައްސާނުލެވޭނެ ގޮތެއް އެބަ ހަދަންޖެހެ އެވެ!

ސަބަބަކީ ސިޔާސީ މީހުން، ސިޔާސީ މައިދާނަށް ނުކުންނަނީ، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި، ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ބޮޑު ފައިދާއެއް ލިބޭ "ވިޔަފާރިއެއް" ކުރުމުގެ ނިޔަތުގައި ކަމަށްވާނަމަ، ގައުމުގައި ހުރި އެއްވެސް މައްސަލައަކަށް ހައްލެއް ނާންނާނެތީ އެވެ.