Advertisement

ޔާމީންގެ ޖަވާބު؛ ފަސް މިލިއަން ޑޮލަރު ލިބުނު ގޮތް "ބުނަން ނުޖެހޭ"

12 އޮގަސްޓު 2022 - 10:00 6

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ޕޯޑިއަމްގައި ހުންނަވައި ސުވާލަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޔާމީންގެ ޖަވާބު؛ ފަސް މިލިއަން ޑޮލަރު ލިބުނު ގޮތް "ބުނަން ނުޖެހޭ"

12 އޮގަސްޓު 2022 - 10:00 6

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސިޔާސީ މަސައްކަތްތަކަށް ކުރުމަށް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވާ ފަސް މިލިއަން ޑޮލަރު ލިބުނު ގޮތާއި މެދު ތަކުރާރުކޮށް "އަދަދު" އިން ސުވާލުކުރުމުން ވެސް އެ ފައިސާ ލިބުނު ގޮތް "ބުނަން ނުޖެހޭ" ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް މީގެ ކުރިން ހައިކޯޓުގައި ކުރި ހުކުމުގެ އިސްތިއުނާފުގައި ޔާމީން ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތްތަކަށް އެ މަނިކުފާނު ފަސް މިލިއަން ޑޮލަރު ހޯއްދެވި އެވެ. އެ ފައިސާ ބަލައި ދިޔައީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށް ވެސް ޔާމީން އެއިރު ވިދާޅުވެފައިވެ އެވެ.

އެ ފައިސާ ލިބުނު ގޮތާ ގުޅޭ ގޮތުން ޔާމީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ސުވާލު ކުރުމުން ޔާމީން ވިދާޅުވީ ފަސް މިލިއަން ޑޮލަރު ލިބުނު ގޮތް ހާމަނުކުރެއްވޭނެ ކަމަށާއި އެހެންނަމަވެސް އެއީ ސައްހަ ގޮތުގައި ހޯދި ފައިސާ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"މި ފައިސާއަކީ އޭގެ ޒާތުގައި އެއްވެސް ކަހަލަ މައްސަލައެއް އުޅޭ ފައިސާއެއް ނޫން، އަދި އެ ފަސް މިލިއަން ޑޮލަރަކީ ވެސް ރައީސް ޔާމީން އަތުގައި ހުރި އެއްޗެއް ނޫން، އެ ލާރިއާ ހަވާލުވީ އަދީބު، އެ ލާރި ނުލިބިގެން ދެއްތޯ އަޅުގަނޑު މަސައްކަތް ކުރަނީ، އޭގެ ތެރެއިން އަޅުގަނޑަށް ލިބުނީ އެއް މިލިއަން ޑޮލަރު،" ޔާމީން ވިދާޅުވި އެވެ.

އެ ފައިސާއަކީ އޭގެ ޒާތުގައި ހޯދަން މަސައްކަތް ކުރާ ވަރު އެއްޗެއް ވެސް ނޫން،

"... ބުނަން ނުޖެހޭ އެއްޗެއް ބުނާކަށް ނުޖެހޭނެ ނޫންތޯ، އެ ފަސް މިލިއަނުގެ މައްސަލައެއް އުޅޭ ކަމަށް ވަންޏާ އެއީ މައްސަލައެއް ކަމަށް ބުނާ މީހުން އެ ހޯދާނީ، އަޅުގަނޑު އެކަންޏެއް ނޫން ދެއްތޯ ސިޔާސީ ހުރިހާ އެންމެނަށް ފައިސާ ލިބޭ، އެ ފައިސާ ހޯދާ ގޮތް ބުނެދޭކަށް ނުޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް ފައިސާ ދިނީ ކޮން ބައެއް ކަން ބުނެފި ކަމަށް ވަންޏާ އަޅުގަނޑަށް ފައިސާއެއް ނުދޭނެ ދޯ، އެ ވަރު ކަމެއް އަޅުގަނޑު ލައްވާ ކުރުވަން ތިއުޅެނީ،"

ހައިކޯޓުގައި ޔާމީން ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ ލޯންޗުކޮޅު ގޮއްވައިލި ހާދިސާއާ ހަމައަށް، އެ ފައިސާ ހުރީ އަދީބުގެ ބެއްލެވުމުގެ ދަށުގައި ކަމަށާއި އެސްއޯއެފް ކުންފުނިން ޖަމާކުރީ އޭގެ ތެރެއިން އެއް މިލިއަން ޑޮލަރެވެ.

އަދި، އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތީ 2018 ގެ ރިިޔާސީ އިންތިހާބަށް ނުކުމެވަޑައިގަންނަވާއިރު، ދައުލަތުގެ ފައިސާއެއް އެ މަނިކުފާނު ބޭނުން ކުރައްވާ ކަމުގެ ޝައްކެއް ރައްޔިތުން މެދުގައި އުފެދުނު ނުދޭން ކަމަށެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ މިދިޔަ ނޮވެންބަރު މަހުގެ ފަހުކޮޅު އެ ހުކުމް ބާތިލްކޮށްފަ އެވެ.

އެ ހުކުމް ބާތިލްކޮށްފައިވަނީ ފައިސާ ޖަމާކުރި ޑިޕޮސިޓް ސްލިޕްގައި، މޮރިޝަސް ކޮމާޝަލް ބޭންކްގެ ނަންބަރު 0000000000048593 އެކައުންޓުން ދޫކޮށްފައިވާ ކަމަށް ބުނާ ޗެކް ނަންބަރާއި، މި މައްސަލައިގައި ހުށަހަޅާފައިވާ އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އެއް މިލިއަން ޑޮލަރުގެ މުއާމަލާތުގެ ތަފުސީލުގައި ހިމެނިފައިވާ ޗެކް ނަންބަރު ދިމާ ނުވުމުންނެވެ.