Advertisement

ނުރައްކާތެރި މެޑިކަލް ވޭސްޓު މަދު ކުރަން ޖަޕާނުގެ އެހީގައި މަޝްރޫއެއް ފަށަނީ

11 އޮގަސްޓު 2022 - 12:30 0

ނިމާ ހަސަން

ނިމާ ހަސަން

ކޮވިޑް-19އަށް ޓެސްޓުކުރާ ޕީސީއާރް ސާމްޕަލްއެއް؛ ނުރައްކާތެރި މެޑިކަލް ވޭސްޓް މަދު ކުރުމަށް މަޝްރޫއެއް ފަށަން ވަނީ ނިންމާފައި


ނުރައްކާތެރި މެޑިކަލް ވޭސްޓު މަދު ކުރަން ޖަޕާނުގެ އެހީގައި މަޝްރޫއެއް ފަށަނީ

11 އޮގަސްޓު 2022 - 12:30 0

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ގައިންގަޔަށް އަރާ ސިއްހީ ފަރުވާގެ ކުނި އިންތިހާއަށް އިތުރުވެފައިވާތީ ޖަޕާނު ސަރުކާރާއި ޔޫއެންޑީޕީއާ ގުޅިގެން މަޝްރޫއެއް އިފްތިތާހުކޮށްފި އެވެ.

މި މަޝްރޫއު އިން ބަންގްލަދޭޝް، ބޫޓާން އަދި ރާއްޖޭގައި ގައިންގަޔަށް އަރާ ސިއްހީ ފަރުވާގެ ކުނި މެނޭޖްކުރުމަށް ނެޝަނަލް ހެލްތު އެޖެންސީތަކާއި، އެހެނިހެން ކަމާ ގުޅޭ އިދާރާތަކަށް އެހީތެރިވާނެ އެވެ. ދެ އަހަރުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއަކީ 11 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

މި މަޝްޜޫއު އިފްތިތާހު ކުރަމުން ޖަޕާނުން އދ.އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަނުން ބުނީ، ސިއްހީ ފަރުވާގެ ކުނި މެނޭޖްކުރުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމު ކުރުމަށް ބަންގްލަދޭޝް، ބޫޓާން އަދި ރާއްޖެއަށް އެއްބާރުލުން ދިނުމަކީ ޖަޕާނު ސަރުކާރުން ފަހުރުވެރިވާ ކަމެއް ކަމަށެވެ.

މިކަމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނާއި، ބަލިމީހުންގެ އިތުރުން ފުޅާ ދާއިރާއެއްގައި މުޖުތަމައުއަށް ދިގު މުއްދަތުގެ ފައިދާތަކެއް ހޯދައިދިނުމުގެ އިތުރުން އިންސާނީ ރައްކާތެރިކަން ހިމާޔަތް ކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އެ މިޝަނުން ބުނެ އެވެ.

ޔޫއެންޑީޕީން ބުނީ ނުރަނގަޅު ގޮތުގައި ނައްތާލާ ސިއްހީ ފަރުވާގެ ކުންޏަކީ ޕޮލިއުޓަންޓްސްގެ ވަސީލަތެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އާންމު ކުންޏާއި ލޭންޑްފިލް ސައިޓުތަކަށް ސިއްހީ ފަރުވާގެ ތެރެއިން އުފެދޭ ނުރައްކާތެރި ބާވަތުގެ ކުނި އެޅުމުގެ ސަބަބުން ވެއްޔާއި ފެން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވެސް ޔޫއެންޑީޕީން ބުނެ އެވެ.

އެ ޖަމްއިއްޔާއިން ބުނީ މެޑިކަލް ވޭސްޓް އެކަށީގެންވާ މިންވަރަށް ހަނަފަސްވުމަކީ "ޕާސިސްޓަންޓް އޯގެނިކް ޕޮލިއުޓަންޓްސް" ޖައްވުގެ ތެރެއަށް ދޫވެދާނެ ކަމެއް ކަމަށެވެ.

ޔޫއެންޑީޕީން ބުނީ ކުދި އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގިނަ ގައުމުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމުތަކަށް ޕަބްލިކް އަދި ޕްރައިވެޓް އިންވެސްޓްމަންޓްތައް މަދު ކަމަށެވެ. އަދި ކުނި މެނޭޖްކުރުމުގެ ކެޕޭސިޓީއަށް ވުރެ ސިއްހީ ފަރުވާގެ ކުނި ގިނަވުމުގެ ހާލަތު މިހާރު ވަރަށް ގޯސްވެފައިވާ ކަމަށެވެ.

"ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުތައް އަދިވެސް ދަނީ، ރިކަވަރީ އާއި ދެމެހެއްޓެނިވި ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ކޮމްޕައުންޑް ޗެލެންޖުތައް ކުރިމަތިކުރަމުން. އެކަށީގެންވާ މިންވަރަށް ސިއްހީ ފަރުވާ ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ނެތުމުގެ ސަބަބުން ކުރިމަތިވާ ނުރައްކަލަކީ މިފަދަ އެއް ގޮންޖެހުން، މިއީ މިހާރުން މިހާރަށް ވެސް ސަމާލުކަން ދޭން ޖެހިފައިވާ ކަމެއް، އެހެންކަމުން އަޅުގަނޑުމެންގެ ސިއްހަތުގެ އިތުރުން ތިމާވެށީގެ ރައްކާތެރިކަމަށް ވެސް މިހާރަށް ވުރެ ރަނގަޅަށް ރައްކާތެރިވެވޭނެ" ޔޫއެންޑީޕީގެ އެސިސްޓަންޓް ސެކެޓްރީ ޖެނެރަލް ކަންނީ ވިގްނަރާޖާ ވިދާޅުވި އެވެ.

ކުނި މަދު ކުރުމުގެ މި މަޝްރޫއު އިން ބަންގްލަދޭޝް، ބޫޓާން އަދި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އިންސާނުންގެ ސިއްހަތު ރައްކާތެރި ކުރުމަށާއި، ބަލިމަޑުކަމުގެ ސަބަބުން ތިމާވެއްޓަށާއި އިޖުތިމާއީ ގޮތުން ކުރާ އަސަރުތައް ކުޑަކުރުމަށެވެ. އެގޮތުން މި މަޝްރޫއު ހިންގުމުގައި އެކަށީގެންވާ ސިއްހީ ފަރުވާގެ ކުނި މެނޭޖްކުރުމުގެ ޕްރެކްޓިސްތަކާއި ޓެކްނޮލޮޖީތައް ބޭނުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއު އިން އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައި ވަނީ ބަންގްލަދޭޝްގެ 26 ސަބް ޑިސްޓްރިކްޓަކާއި، ބޫޓާންގެ ހަތަރު ސިޓީއެއްގެ 15 ޑިސްޓްރިކްޓެއްގެ އިތުރުން، އަދި ރާއްޖޭގެ ހަ އަތޮޅެއްގައި ހުރި ސިއްހީ ހިދުމަތްދޭ ތަންތަނަށެވެ.

މި މަޝްރޫއުގެ ދަށުން ގައިންގަޔަށް އަރާ ސިއްހީ ފަރުވާގެ ކުނި އެކަށީގެންވާ ގޮތެއްގައި މެނޭޖުކޮށް ނައްތާލުމަށް ސިއްހީ ހިދުމަތްތެރިންނަށް ހާއްސަ ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ ސަބަބުން ބަލި މީހުނާއި ހޮސްޕިޓަލުގެ މުވައްޒަފުންނާއި ކައިރި މުޖުތަމައުތަކަށް ބަލި ފެތުރުމުގެ ފުރުސަތު ނެތްކަން ކަށަވަރު ކުރުމަށް ހާއްސަ ފަރުވާގެ ޕްރޮސެސްތަކެއް ބޭނުންވާނެ ކަމަށް ޔޫއެންޑީޕީން ބުނެ އެވެ.

އަދި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ސްޕެޝަލައިޒްޑް ހެލްތު ކެއާ ވޭސްޓް ޑިސްޕޯސަލް އިކުއިޕްމަންޓާއި ޑިޖިޓަލް މެނޭޖްމަންޓް ސިސްޓަމްތައް ގާއިމްކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.