Advertisement

ޔޫއެސް އޯޕަން އަށް ފަހު ސެރީނާ ޓެނިހުން ރިޓަޔާ ކުރާނެކަން އިއުލާނުކޮށްފި

10 އޮގަސްޓު 2022 - 07:28 0


ޔޫއެސް އޯޕަން އަށް ފަހު ސެރީނާ ޓެނިހުން ރިޓަޔާ ކުރާނެކަން އިއުލާނުކޮށްފި

10 އޮގަސްޓު 2022 - 07:28 0

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 10) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް, ކުރިއަށް އޮތް ޔޫއެސް އޯޕަން އަށް ފަހު ރިޓަޔާކުރަން ތައްޔާރުވެއްޖެ އެވެ.

ސާޅީސް އަހަރުގެ ސެރީނާ ޓެނިހުން ރިޓަޔާކުރަން ނިންމާފައިވާކަން އިއުލާނުކުރީ ވޯގު މެގަޒިންގެ ކަވަރު ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރުމަށް ފަހު ލިޔެފައިވާ ޕޯސްޓެއްގަ އެވެ.

ސެރީނާ ބުނީ އޭނާގެ ހަޔާތުގެ ބޮޑުބައި ގުޅިފައިވާ ޓެނިހަށް "އަލްވަދާއު" ކިޔަން ޖެހޭ ދުވަހަށް ވަގުތު ގުނަން ފަށާފައިވާ ކަމަށެެވެ.

"ދިރިއުޅުމުގައި ބައެއް ހާލަތްތައް އަންނާނެ ވަކި މިސްރާބަކަށް ބަދަލުވާން ޖެހޭ. ބަދަލުވާން ޖެހޭ އެ ހާލަތަކީ ގިނަ ފަަހަރު ވަރަށް އުނދަގޫ ވަގުތެއް. އެއީ ދޫކޮށްލަން ޖެހެނީ ވަރަށް ލޯބިވި ކަމެއް ކަމަށް ވާނަމަ. އަހަރެން ޓެނިސް ކުޅުނީ ވަރަށް ގަޔާވެގެން. އެކަމަކު، ޓެނިހާ ދުރުވެލައި، މަންމައެއްގެ ރޯލުގައި އުޅެލައި ދިރިއުޅުމުގެ އެހެން ކަންކަން ތަޖުރިބާ ކޮށްލަން އަހަރެން ކުރިއަށް އޮތް ހަފްތާތަކަށް ފަހު ނިންމާނަން،" 23 ގްރޭންޑް ސްލޭމް ތަށި އުފުލާލާފައިވާ ސެރީނާ ބުންޏެވެ.

މި ފަހަރުގެ ޔޫއެސް އޯޕަން އަކީ ސެރީނާގެ ޕްރޮފެޝަނަލް ކެރިއަރުގެ ފަހު މުބާރާތަށް ވުމުގެ ފުރުސަތު ބޮޑު.


މިދިޔަ އަހަރުގެ ވިމްބަލްޑަންގައި ފަލަމަސްގަނޑު އިރައިގެން ގޮސްގެން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު މި އަހަރު އެނބުރި އައިސް ސެރީނާ ވަނީ ވިމްބަލްޑަންގެ ފުރަަތަމަ ބުރުގައި ވާދަކޮށް ކަޓައިފަ އެވެ.

ސެރީނާ މިހާރު ތައްޔާރުވަމުން އަންނަނީ، އޭނާގެ ވަދާއީ މުބާރާތަށް ވުމުގެ ބޮޑު ފުރުސަތެއް އޮތް ޔޫއެސް އޯޕަން އަށެވެ. ޔޫއެސް އޯޕަންގެ ކުރިން އެމެރިކާގެ އެކި މުބާރާތްތަކުގައި ސެރީނާ ކުޅޭނެ އެވެ.

މިދިޔަ ހޯމަ ދުވަހު ސެރީނާ ވަނީ ޔޫއެސް އޯޕަން އަށް ތައްޔާރުވުމުގެ ގޮތުން ޓޮރޮންޓޯގައި ކުޅުނު ޑަބްލިއުޓީއޭ އިވެންޓެއްގައި ސްޕެއިނުގެ ނޫރިއާ ޕަރިޒާސް ޑިއާޒް ބަލިކޮށްފަ އެވެ. މިއީ ހަރު ކޯޓުގައި ކުޅުނު ޑަބްލިއުޓީއޭ ލެވަލްގެ މެޗަކުން މިދިޔަ 18 މަސް ދުވަސް ތެރޭ ސެރީނާ އަށް ލިބުނު ފުރަތަމަ މޮޅެވެ.

ސެރީނާ އެންމެ ފުރަތަމަ ޔޫއެސް އޯޕަން ކާމިޔާބުކުރީ 1999 ވަނަ އަހަރު އެވެ. އޭރު އުމުރަކީ 17 އަހަރެވެ. އެންމެ ފަހުން ސެރިނާ އަތްލި ގްރޭންޑް ސްލޭމް ތަށްޓަކީ 2017 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އެވެ. ސެރީނާ ދެން ހޯދާ ގްރޭންޑް ސްލޭމާ އެކު، ރެކޯޑަކާ ހަމަކުރެވޭނެ އެވެ. އެއީ 24 ގްރޭންޑް ސްލޭމް ހޯދައިގެން އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ، މާގަރެޓް ކޯޓް ހަދާފައިވާ ރެކޯޑާ އެވެ. މާގަރެޓްގެ ރެކޯޑާ ހަމަކުރަން ސެރީނާ އަށް ޔޫއެސް އޯޕަންގައި ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ އެވެ.

ޔޫއެސް އޯޕަން ފަށާނީ މި މަހު 29 ވަނަ ދުވަހު އެވެ.