Advertisement

ޝަމީމްގެ މޫނާއި މެޔަށް ވެސް ޒަހަމް ލިބުނު ކަމަށް ބެލެވެނީ އެއް ހަމަލާއަކުން: ޑޮކްޓަރު

8 އޮގަސްޓު 2022 - 16:43 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޝަމީމް މަރާލި ކަމުގެ ދައުވާ އުފުލިފައިވާ ޚާންޖީ ރެސްޓޯރަންޓްގެ ކައްކާ އާބިދު


ޝަމީމްގެ މޫނާއި މެޔަށް ވެސް ޒަހަމް ލިބުނު ކަމަށް ބެލެވެނީ އެއް ހަމަލާއަކުން: ޑޮކްޓަރު

8 އޮގަސްޓު 2022 - 16:43 0

ހުޅުމާާލޭގެ ޚާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމްގެ މޫނުމައްޗާއި މޭމައްޗަށް ތޫނު އެއްޗަކުން ލިބިފައިވާ ޒަހަމްތަކަކީ އެއް ހަމަލާއަކުން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ބެލެވޭ ކަމަށް މެޑިކަލް ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރު މިއަދު ބުނެފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ޚާންޖީ ރެސްޓޯރަންޓްގެ ބަދިގެ ތެރޭގައި ހިނގި މާރާމާރީގެ ތެރެއިން ޝަމީމް މަރާލި ކަމުގެ ދައުވާ ކޮށްފައިވާ ޕާކިސްތާނު ޝެފު، މުހައްމަދު އާބިދުގެ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

މިއަދު އެންމެ ފުރަތަމަ ހާޒިރުކޮށް ހެކިބަސް ނެގީ ޝަމީމް މަރުވެދިޔަ ގޮތް ދެނެގަތުމަށް ޓަކައި އޭނާގެ ހަށިގަނޑު ތަހުލީލުކޮށް މެޑިކަލް ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރު އުމަރެވެ. އުމަރު ބުނި ގޮތުގައި ޝަމީމަށް ލިބިފައިވަނީ ވެސް އެ ދެ ޒަހަމް އެކަންޏެވެ.

އުމަރު ވަނީ ޒަހަމްތަކުގެ ތަފްސީލްތަކެއް ވެސް ދީފަ އެވެ.

މޫނުމައްޗަށް ލިބިފައިވާ ޒަހަމަކީ ހަތަރު ސެންޓި މީޓަރު ދިގު، ދެ ސެންޓި މީޓަރު ފުޅާ، އަދި އެއް ސެންޓި މީޓަރު ފުން ޒަހަމެއް ކަމަށާއި މޭމައްޗަށް ލިބިފައިވާ ޒަހަމަކީ ތިން ސެންޓި މީޓަރު ދިގު، ދޮޅު ސެންޓި މީޓަރު ފުޅާ ޒަހަމެއް ކަމަށް އޭނާ ބުންޏެވެ.

މަރުވި ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ބޭރުވުމާއި، ފުއްޕާމެޔަށް ލޭ އެޅި ފުއްޕާމޭ ތާށިވުން ކަމަށް އޭނާ ބުންޏެވެ. އެ ގޮތަށް ދިމާވީ މޭމައްޗަށް ލިބުނު ޒަހަމުގެ ސަބަބުން ކަމަށް ޑޮކްޓަރު ބުންޏެވެ.

މޭމައްޗަށް ލިބިފައިވާ ޒަހަމާއި މޫނުމައްޗަށް ލިބިފައިވާ ޒަހަމަކީ އެއް ހަމަލާއަކުން ލިބިފައިވާ ޒަހަމެއްތޯ ދައުލަތުގެ ވަކީލު ސުވާލު ކުރުމުން ޑޮކްޓަރު ބުނީ ދެ ޒަހަމް ވެސް ލިބިފައިވާ ގޮތުން، ދެ ޒަހަމް ވެސް ލިބިފައިވަނީ އެއް ލައިންއަކުން އައި ހަމަލާއަކުން ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ދެން ހެކިބަސް ނަގަން ހާޒިރުކުރީ ސީން އަށް ދިޔަ ފުލުހެކެވެ. އޭނާ ބުނި ގޮތުގައި ސީންއަށް ދިޔައިރު މުޅި އެ ތަން އޮތީ ދޮވެ ސާފުކޮށްފަ އެވެ. އެކަމަކު ސިންކު ތެރޭގައި ލޭ ހުރި ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރަށް ޚާންޖީ ރެސްޓޯރަންޓްގައި ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއް ކަމަށްވާ ރަސިލްގެ ހެކިބަސް ވެސް ނެގި އެވެ. އޭނާއަށް ވެސް ޝަމީމްގެ މޭމައްޗަށް ލިބިފައިވާ ޒަހަމް ފެނިފައެއް ނުވެ އެވެ.

ޝަރީއަތަށް މިހާތަނަށް ހެކިބަސް ދިން މީހުންގެ ތެރެއިން ޚާންޖީ ރެސްޓޯރަންޓްގައި މަސައްކަތް ކޮށްފައިވާ އެއްވެސް މީހަކަށް ޝަމީމްގެ މޭމައްޗަށް ލިބިފައިވާ ޒަހަމް ފެނިފައެއް ނުވެ އެވެ. އެ އެންމެން ވެސް ބުނި ގޮތުގައި، މޭމައްޗަށް ޒަހަމެއް ލިބިފައިވާކަން އެނގުނީ ހޮސްޕިޓަލުން އެކަން އެންގުމުންނެވެ.

މިހާރު ހެކިބަސް ނުނެގި ބާކީ ތިބީ ޕާކިސްތާނުގެ ތިން މީހަކާއި ތަހުގީގު މުހިންމު ރިޕޯޓްތަކެއް ތައްޔާރު ކުރި އޮފިސަރެކެވެ. އެ އެންމެން ހާޒިރުކުރަން އަދި އެއް ފުރުސަތު ދިނުމަށް ދައުލަތުން އެދުމުން، މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ ފަހު ފުރުސަތެއް ދެއްވައިފަ އެވެ.

މައްސަލައިގެ ފަސްފަހަތް

އާބިދަށް ކުރާ ދައުވާގައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅިގައި ހުންނަ ޚާންޖީ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝާމީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށެވެ.

އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ގޮނޑުދޮށުގައި ފިލައިގެން އުޅެނިކޮށެވެ. އާބިދު އަތުލައިގަތީ ވެއިޓަރަށް ހަމަލާދިނުމަށް ފަހު ފިލައިގެން އުޅޭތާ ނުވަ ވަރަކަށް ގަޑިއިރު ފަހުންނެވެ. އޭނާ ހޯދަން ވެގެން އޭނާގެ ފޮޓޯ ވެސް ފުލުހުން އޭރު އޮތީ އާއްމުކޮށްފަ އެވެ.

އާބިދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. މީގެ ކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި އޭނާ މާރާމާރީއެއް ހިންގާފައިވެ އެވެ.

ޚާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝާހިން މަރާލީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި އާބިދުއާ އެ ވެއިޓަރާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު އެވެ. އާބިދު އޭނާ މަރާލިކަމަށް ތުހުމަތު ކުރެވެނީ ވަޅިއަކުން ކަރަށާއި މެޔަށް ހަމަލާދީގެންނެވެ.