Advertisement

އެލައިޑުން ކޮމިއުނިޓީ ފަންޑާއި ތައުލީމު ފަންޑު ތައާރަފުކޮށް, ފައިސާގެ އެހީ ދެނީ

8 އޮގަސްޓު 2022 - 13:12 1

އަމަން ހަލީމް

އަމަން ހަލީމް

އެލައިޑް އިންޝުއަރެންސްގެ އެޑިއުކޭޝަން ފަންޑާއި ކޮމިއުނިޓީ ފަންޑު ތައާރަފުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މިއީ އެލައިޑުގެ އިޖުތިމާ ޒިންމާގެ ދަށުން މުޖުތަމައުއަށް ފައިދާހުރި ޕްރޮޖެކްޓުތަކަށް އެހީ ދޭން ހުޅުވާލި ފުރުސަތެއް. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެލައިޑުން ކޮމިއުނިޓީ ފަންޑާއި ތައުލީމު ފަންޑު ތައާރަފުކޮށް, ފައިސާގެ އެހީ ދެނީ

8 އޮގަސްޓު 2022 - 13:12 1

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން "އެލައިޑް ކޮމިއުނިޓީ ފަންޑް" އާއި "އެލައިޑް އެޑިޔުކޭޝަން ފަންޑް" މިއަދު ތައާރަފުކޮށްފި އެވެ.

"ޕްރިމިއަމް ފޯ ގުޑް"އަކީ އެލައިޑް ކުންފިނިން 2018 ވަނަ އަހަރު ލޯންޗްކޮށްފައިވާ އެލައިޑްގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. މި އޮނިގަނޑުގެ ދަށުން އެލައިޑުން ދަނީ ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގަ އާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން "އެލައިޑް ކޮމިއުނިޓީ ފަންޑް"އަކީ ހަ ދާއިރާއެއް ހިމެނޭ ގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެ ހަ ދާއިރާއަކީ:

  • ސިއްހީ ދުޅަހެޔޮކަން،
  • އިޖުތިމާއީ ހިދުމަތް،
  • ތިމާވެށި ރައްކާތެރިކުރުން،
  • އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް،
  • ތައުލީމާއި
  • ތާރީހެވެ.

އެލައިޑުން ވަނީ މި ދާއިރާތަކުން ހެޔޮ ބަދަލުތަކެއް ގެންނަން ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފަ އެވެ. މި ހުށަހެޅުންތައް ފޮނުވުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވަނަ ދުވަހުގެ 16:00 އެވެ. ހުށަހެޅުންތައް ފޮނުވާނީ އީމެއިލް [email protected] އީމެއިލްއަށެވެ.

މި ހުށަހެޅުންތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށަހަޅާ ހަތަރު ފަރާތަކަށް 50،000ރ. ގެ ފައިސާގެ އެހީ ލިބޭނެ އެވެ.

އަލަށް ފެށި އަނެއް ފަންޑިން ޕްރޮގްރާމް، "އެލައިޑް އެޑިޔުކޭޝަން ފަންޑް"އަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި އެލައިޑުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރުވި ބޮޅެކެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ފަންޑިންއަށް އެދުމަށް ހުރި ފުރުސަތުތަކަކީ ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށެވެ. މިކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ވެސް މި މަހުގެ ނިޔަލަށެވެ.

މި ހުށަހެޅުންތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ އަށް ފަރާތަކަށް 25،000ރ. ގެ ފައިސާގެ އެހީ ލިބޭނެ އެވެ.

އާ ފަންޑިން ޕްރޮގްރާމަތައް އިއުލާނުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލައިޑުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ މި ޕްރޮގްރާމްތަކަކީ އެލައިޑުން ވަރަށް އުއްމީދާއި އެކު ރާވަމުން އައި ޕްރޮޖެކްޓެއް ކަމަށެވެ.

އެގޮތުން އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިއްބަވާ ފަރާތްތަކަށް ވެސް އެމުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުން ކަމަށް ފިރުޝާން ވިދާޅުވި އެވެ. އަދި މި ޕްރޮގްރާމްތަކުން ރައްޔިތުން ބާރުވެރިވެ ދުޅަހެޔޮ މުޖްތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިޔުމަކީ މި ޕްރޮގްރާމް ހިންގުމުގެ މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެލައިޑުން ވަނީ "ޕްރިމިއަމް ފޯ ގުޑް" ޕްރޮގްރާމުގެ ދަށުން އެކި ދާއިރާތަކަށް އެހީވެދީފަ އެވެ. މިދިޔަ ޖޫން މަހު ވެސް އެ ކުންފުނިން ވަނީ "ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް" މެދުވެރިކޮށް ހަތަރު ސްކޫލަކަށް ޒަމާނީ ތައުލީމު ދިނުމަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފަ އެވެ.