Advertisement

ކޮމަންވެލްތު ގޭމްސްއަށް ދިޔަ ލަންކާގެ 10 މީހުން ގެއްލިއްޖެ

8 އޮގަސްޓު 2022 - 07:55 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮމަންވެލްތު ގޭމްސްއަށް އިނގިރޭސިވިލާތަށް ދިޔަ ލަންކާގެ އެތުލީޓުން.


ކޮމަންވެލްތު ގޭމްސްއަށް ދިޔަ ލަންކާގެ 10 މީހުން ގެއްލިއްޖެ

8 އޮގަސްޓު 2022 - 07:55 0

ކޮމަންވެލްތު ގޭމްސްއަށް އިނގިރޭސިވިލާތުގެ ބާމިންގްހަމްއަށް ދަތުރު ކުރި ސްރީލަންކާގެ ކޮންޓިންޖެންޓުގައި ހިމެނޭ 10 މީހުން ގެއްލިއްޖެ އެވެ.

ސްރީލަންކާގެ އޮފިޝަލަކު ބުނީ ނުވަ އެތުލީޓުންނާއި މެނޭޖަރު ގެއްލުނީ އެ މީހުންގެ ކުޅިވަރު އިވެންޓުތައް ނިމުނު ފަހުން ކަމަށެވެ.

އޭގެ ތެރެއިން ތިން މީހުން ގެއްލުނީ މިދިޔަ ހަފްތާގަ އެވެ. އެއީ ޖޫޑޯ އެތްލީޓު ޗަމީލާ ދިލާނީ އަދި އޭނާގެ މެނޭޖަރު އަސޭލާ ޑެ ސިލްވާ އާއި ރެސްލިން އެތްލީޓު ޝަނިތު ޗަތުރަންގަ އެވެ.

އެ މީހުން ގެއްލުމުން އިނގިރޭސި ފުލުހުންނަށް މައްސަލަ ހުށަހެޅީ ލަންކާ އޮފިޝަލުންނެވެ. އޭގެ ފަހުން އިތުރު ހަތް މީހުން ގެއްލިފައިވެ އެވެ.

"އަޅުގަނޑުމެންނަށް ޝައްކު ކުރެވެނީ އެނބުރި ގައުމަށް ނުގޮސް، އެ މީހުން އިނގިރޭސިވިލާތުގައި ތިބެން ބޭނުންވާ ކަމަށް. ބޮޑަަށް ބެލެވެނީ އެއީ ވަޒީފާ ހޯދަން ކަމަށް،" ލަންކާގެ އޮފިޝަަލް ވިދާޅުވި އެވެ.

ފުރަތަމަ ގެއްލުނު ތިން މީހުން އިނގިރޭސި ފުލުހުން ހޯދާފައިވާ އިރު، އެ މީހުންގެ އަތުގައި ހަ މަހުގެ ވިސާ އޮތުމުން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް އޭއެފްޕީއިން ބުންޏެވެ.

އާދީއްތަަ ދުވަހުގެ ހަވީރާ ހަމައަށް ލަންކާއިން ވަނީ ކޮމަންވެލްތު ގޭމްސްގައި އެއް ރިހި މެޑަލް އާއި ތިން ބްރޮންޒް މެޑަލް ހޯދާފަ އެވެ.

މީގެ ކުރިން ވެސް ބައިނަލްއަގްވާމީ އިވެންޓުތަކުން ލަންކާގެ އެތްލީޓުން ގެއްލިގެން ރިޕޯޓުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އޮސްލޯގައި އޮތް ރެސްލިން ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތުގައި މެނޭޖަރެއް ޓީމު ދޫކޮށްލާފައި ފިލި އެވެ.އޭގެ ކުރިން 2014 ވަނަަ އަހަރު ދެކުނު ކޮރެއާގައި އޮތް އޭޝިއަން ގޭމްސްގައި ދެ އެތްލީޓުން ގެއްލުނެވެ.