Advertisement

ކޮމަންވެލްތު ގޭމްސް: އަންހެން ރިލޭ ޓީމުން ގައުމީ ރެކޯޑް އާކޮށްފި

7 އޮގަސްޓު 2022 - 19:34 0

ކޮމަންވެލްތު ގޭމްސްގައި ދުވި އަންހެން ރިލޭ ޓީމު، ރިފާ، ލަޔާނާ، އަލްހާ އަދި ހިމްނާ.--


ކޮމަންވެލްތު ގޭމްސް: އަންހެން ރިލޭ ޓީމުން ގައުމީ ރެކޯޑް އާކޮށްފި

7 އޮގަސްޓު 2022 - 19:34 0

އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ އެތުލެޓިކްސް އިވެންޓްގައި، ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ރާއްޖޭގެ އަންހެން ރިލޭ ޓީމުން ގައުމީ ރެކޯޑް އާކޮށްފި އެވެ.

އިއްޔެ، އަލެކްސަންޑަ ސްޓޭޑިއަމްގައި ބޭއްވި ރޭހުގައި ރާއްޖޭގެ އަންހެން ރިލޭ ޓީމު، އައިޝަތު ހިމްނާ ހަސަން، މަރިޔަމް އަލްހާ ހުސައިން، އާމިނަތު ލަޔާނާ މުހައްމަދު އަދި ރިފާ މުހައްމަދު ވަނީ ހީޓު އެކެއްގައި ވާދަކޮށް 49.19 ސިކުންތުން ރޭސް ނިންމައިފަ އެވެ.

މިއީ މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި އެތުލެޓިކްސް އިން ހެދި ދެ ވަނަ ރެކޯޑެކެވެ. ވޯލްޑް ޗެމްޕިއަންޝިޕްގައި މީގެ 21 އަހަރު ކުރިން ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެއް ދުވުންތެރިޔާ، ސަމްހާ އަހުމަދު ހެދި ރާއްޖޭގެ އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް، ކޮމަންވެލްތް ގޭމްސްގައި ހިމްނާ ވަނީ މުގުރާލައިފަ އެވެ.

އަންހެން ރިލޭ ޓީމުން އެންމެ ފަހުން ދެ ފަހަރު ހަތަރެއް ގުނަ 100 މީޓަރު ރޭހުން ރެކޯޑް ހެދީ ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ ގޮތުން، 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ގައުމީ ރެކޯޑް ހެދި ރިލޭ ޓީމުގައި ހިމެނުނީ، އަފާ އިސްމާއިލް، އައިމިނަތު ނަޒްރާ، ސަމްހާ އަދި މިރުފަތު އަހުމަދު އެވެ. އެ ފަހަރުގެ ޓައިމިން އަކީ 51:32 ސިކުންތެވެ. އެ ރެކޯޑް އާ ކުރީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެއީ 50:16 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ފަހަރުގެ ޓީމުގައި ހިމެނެނީ ހިމްނާ، ރިފާ، އަލްހާ އަދި ސާރާ މައްސޫދު އެވެ. މި ފަހަރު ރިލޭ ޓީމުގައި ސާރާ ނެތްއިރު، ޓީމުގައި ހިމެނިގެން ދުވީ ލަޔާނާ އެވެ.

ކޮމަންވެލްތު ގޭމްސްގެ އެތުލެޓިކްސް އިވެންޓްތައް ނިންމާލުމަށް ފަހު، މި ވަގުތު ގައުމީ އެތުލީޓުން ތިބީ ތުރުކީގެ ކޮންޏާގަ އެވެ. އެއީ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރުމަށެެވެ.