Advertisement

ކޮމަންވެލްތު ގޭމްސް: ސިންގަލްސް އާއި ޑަބަލްސްގައި ނިބާލް އާއި އަޖުފާން ގަދަ 16 ގައި

5 އޮގަސްޓު 2022 - 05:36 1

ފިރިހެން ޑަބަލްސް މެޗުގައި ރާއްޖޭގެ ނިބާލް (ކ) އާއި އަޖުފާންގެ ޕެއާ މެޗެއް ކުޅެނީ.--- ފޮޓޯ؛ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ކޮމަންވެލްތު ގޭމްސް: ސިންގަލްސް އާއި ޑަބަލްސްގައި ނިބާލް އާއި އަޖުފާން ގަދަ 16 ގައި

5 އޮގަސްޓު 2022 - 05:36 1

އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ބެޑްމިންޓަން އިވެންޓްގެ، ފިރިހެން ސިންގަލްސް އާއި ޑަބަލްސް ކެޓަގަރީގެ ގަދަ 16 ބުރުން ގައުމީ ބެޑްމިންޓަން ޓީމުގެ މުހައްމަދު އަޖުފާން ރަޝީދު އާއި ނިބާލް އަހުމަދު ފުރުސަތު ހޯދައިފި އެވެ.

ފިރިހެން ސިންގަލްސްގެ ދެ ވަނަ ބުރުގައި ނިބާލް ވަނީ އިއްޔެ ސިއެރަ ލިއޯންގެ އިބްރާހިމް އިޒާގޯ ކޮންޓޭ އަތުން ފަސޭހަކަމާ އެކު 21-04، 21-03 އިން މޮޅުވެފަ އެވެ.

ފިރިހެން ސިންގަލްސްގައި އަޖުފާން ވަނީ ގާނާގެ އަހުމަދު އަބްދުއް ސަމަދު ބަލިކޮށްފަ އެވެ. ސެޓުތައް ގެންދިޔައީ 21-16 އާއި 21-14 އިންނެވެ.

ސިންގަލްސް މެޗުގެ ތެރެއިން ނިބާލް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


މިއަދު ކުޅޭ ފިރިހެން ސިންގަލްސްގެ ގަދަ 16 ބުރުގައި އަޖުފާން ބައްދަލުކުރާނީ މެލޭޝިއާގެ ޒީ ޔޮން އެންޖީއާ އެވެ. އަދި ނިބާލް ބައްދަލުކުރާނީ ޖެމެއިކާގެ ސަމިއުލް ރިކެޓްސްއާ އެވެ.

ނިބާލް އާއި އަޖުފާންގެ ޕެއާ ވަނީ ގަދަ 16 ބުރުން ފުރުސަތު ހޯދައިފަ އެވެ. އެއީ ފޯކްލަންޑް އައިލެންޑްގެ ޗާޓާ ބެން އާއި ޖޯޝުއާ ޑްވައިޓް އަތުން 21-11، 21-14 އިން މޮޅުވެގެންނެވެ.

ގަދަ 16 ބުރުގައި އަޖުފާން އާއި ނިބާލް ކުޅޭނީ ސްރީ ލަންކާގެ ވަރުގަދަ ޕެއާއަކާ އެވެ. އެއީ ޑިއާޒް ސަޗިން އާއި ގޫނެތިލޭކާ ބުވަނޭކާގެ ޕެއާއާ އެވެ.

އިއްޔެގެ މެޗަށް ފަހު ސިންދޫ (ވ) އާއި ނަބާ ސަލާމްކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ކޮމަންވެލްތު ގޭމްސްގައި ދެން ވާދަކުރި ރާއްޖޭގެ އައިމިނަތު ނަބީހާ، ފާތިމަތު ނަބާހާ، ޒަޔާން ޒަކީ އަދި ރިޝްވާން ޝިޔާމަށް ވަނީ މުބާރާތް ނިމިފަ އެވެ.

އެ ގޮތުން އިއްޔެ އަންހެން ސިންގަލްސްގައި ނަބާހާ ނުކުތީ އިންޑިއާގެ ތަރި ޕީވީ ސިންދޫއާ ދެކޮޅަށެވެ. ދުނިޔޭގެ ރޭންކިން އަށް ބަލާއިރު މި ވަގުތު ހަ ވަނައިގައި އޮތް ސިންދޫއާ ދެކޮޅަށް ކުޅުނު މެޗުން ނަބާހާ ދެ ސެޓުން ބަލިވި ނަމަވެސް ދެ ވަނަ ސެޓުގެ ކުރީކޮޅުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ.

އެންމެ ފަހުން 2018 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ސިންގަލްސް އިން ރިހި މެޑަލް ހޯދި، ސިންދޫ އިއްޔެ ނަބާހާ ކައިރިން ސެޓުތައް ގެންދިޔައީ 21-04، 21-11 އިންނެވެ.

އަންހެން ސިންގަލްސްގައި ނަބީހާ ބައްދަލުކުރީ ސިންގަޕޫރުގެ ހާން އިންސީޔިރާއާ އެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-10، 21-12 އިންނެވެ.

ކޮމަންވެލްތު ގޭމްސްގައި އިއްޔެ ކުޅުނު ޑަބަލްސް މެޗުގެ ތެރެއިން ރިޝްވާން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ފިރިހެން ޑަބަލްސްގައި އިއްޔެ ދެން ކުޅުނު ރާއްޖޭގެ ޕެއާ، ޒަޔާން އާއި ރިޝްވާންގެ ޕެއާ ކުޅުނީ ސްކޮޓްލެންޑްގެ ދެބެންގެ ޕެއާއެއް ކަމަށްވާ، ކްރިސްޓޮފާ ގްރިމްލީ އާއި މެތިއު ގްރިމްލީ އެވެ. ކްރިސްޓޮފާ އާއި މެތިއުގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 05-21، 07-21 އިންނެވެ.

މިއީ ރިޝްވާން ބައިނަލްއަގުވާމީ ގޭމްސްއެއްގައި ކުޅުނު ފުރަތަަމަ މެޗެވެ. ފުރަތަމަ ފެނިލުމާ ބަލާއިރު، ޕްރެޝަރުގައ މެޗެއްގައި ރިޝްވާން ރަނގަޅަށް މަސައްކަތް ކުރި އެވެ.