Advertisement

ރެނާޓޯ ސަންޗޭސް ޕީއެސްޖީ އަށް

5 އޮގަސްޓު 2022 - 02:28 0


ރެނާޓޯ ސަންޗޭސް ޕީއެސްޖީ އަށް

5 އޮގަސްޓު 2022 - 02:28 0

ޕެރިސް (އޮގަސްޓް 4) - ފްރާންސްގެ ލިލް އަށް ކުޅެމުންދިޔަ ޕޯޗުގަލްގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ޕީއެސްޖީ އަށް ސޮއިކޮށްފި އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި 15 މިލިއަން ޕައުންޑް (18 މިލިއަން ޑޮލަރު)ގެ ޓްރާންސްފާއެއްގައި ލިލް އިން ޕީއެސްޖީ އަށް ސަންޗޭސް ،24، ބަދަލުވީ ފަސް އަހަރު ދުވަހުގެ ކޮންޓުރެކްޓެއްގެ ދަށުން ކަމަށެވެ.

ލިލްއާ އެކު 2020/2021 ވަނަ އަހަރުގެ ސީޒަންގެ ފްރާންސް ލީގު ކާމިޔާބުކުރި ސަންޗޭސް ވަނީ އެ ކްލަބަށް ޖުމްލަ އެކު 90 މެޗު ކުޅެފަ އެވެ.

ޔޫރޯ 2016 ގެ ޗެމްޕިއަންކަން ހޯދިއިރު ޕޯޗުގަލްގެ ގައުމީ ޓީމުން ވިދާލައި، ބޮޑު އަގެއްގައި ބަޔާން މިއުނިކް އަށް ސަންޗޭސް ބަދަލުވި ނަމަވެސް، އެ ޓީމުގައި އޭނާ އަށް ފައިހަރުކޮށްލެވޭ ގޮތެއްނުވި އެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ސަންޗޭސް ސްވަންސީ ސިޓީއާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ކުޅެފަ އެވެ. އެކަމަކު، އޭނާގެ ކްލަބު ކެރިއަރު އަލުން ހަމައަކަށް އެޅުނީ 2019 ވަނަ އަހަރު ލިލް އަށް ބަދަލުވި ފަހުންނެވެ.

ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ލިލްގެ ކޯޗަކަށް ހުރިއިރު، ސަންޗޭސް ވަނީ އޭނާގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ. ޕީއެސްޖީގެ ވެރިން ސަންޗޭސް އަށް ބިޑްކުރަން ފުރަތަމަ ބޭނުންނުވި ނަމަވެސް ފަހުން އެކަމަށް ރުހުންދިނީ ގަލްޓިއޭ ދިން ޔަގީންކަމާ އެކު އެވެ.

ސަންޗޭސް އަކީ ގަލްޓިއޭ ޕީއެސްޖީއާ ހަވާލުވި ފަހުން، އެ ޓީމަށް ސޮއިކުރި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ޕޯޗުގަލްގެ މިޑްފީލްޑަރު ވިޓީނިއާ އާއި ފްރާންސްގެ ޒުވާން ފޯވަޑް ހޫގޯ އެކިޓީކޭ އާއި ފްރާންސްގެ ޑިފެންޑަރު ނޯޑީ މުކިއޭލޭ ވަނީ އެ ޓީމަށް ސޮއިކޮށްފަ އެވެ.

ގަލްޓިއޭ ބުނީ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އަދި އިތުރު ތިން ކުޅުންތެރިން ޕީއެސްޖީއާ ގުޅޭނެކަމަށް އުންމީދުކުރާ ކަމަށެވެ.