4 އޮގަސްޓު 2022 - 15:35 0
ފާތިމަތު އަޖްފާން
ދަރަވަންދޫ އެއާޕޯޓުގައި ފްލައިމީގެ ބޯޓެއް--
4 އޮގަސްޓު 2022 - 15:35 0
ރާއްޖޭގައި ދުއްވާ ޑޮމެސްޓިކް އެއާލައިންތަކުގެ ބޯޓުތަކުގައި ބަލިމީހުން އުފުލޭ ގޮތަށް ތިން މަސް ތެރޭ ބަދަލުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އަންގައިފި އެވެ.
މިނިސްޓްރީން އެ ގޮތަށް އެންގާފައި މި ވަނީ މިދިޔަ ހޯމަ ދުވަހު ދ. ކުޑަހުވަދޫން ބަލިމީހަކު މަންޓާ އެއާގެ ބޯޓަކުން އިމަޖެންސީކޮށް މާލެ ނުފޮނުވިގެން، އެ ރަށު އެއާޕޯޓުގައި މުޒާހަރާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ބަލި މީހުން އުފުލޭ ގޮތަށް ބަދަލު ކުރަން އަންގާފައި ވަނީ ރާއްޖޭގައި ހިންގާ އަމިއްލަ ދެ އެއާލައިން ކަމަށްވާ މަންޓާ އެއާ އާއި ވިލާ އެއާގެ ފްލައިމީގެ ބޯޓުތަކަށެވެ.
ސިވިލް އޭވިއޭޝަންގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ޑޮމެސްޓިކް ބޯޓުތަކުގައި ބަލިމީހުން އުފުލޭ ގޮތަށް، އެ ބޯޓުތައް ބަދަލުކުރަން އަންގަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށެވެ.
"އެގޮތުން މި އިންތިޒާމު ތިން މަހުގެ މުއްދަތުގައި ނިންމަން މިނިސްޓްރީން ވަނީ އަންގާފައި. އެ އެންގުމާ އެއްގޮތަށް މަސައްކަތް މިހާރު ދަނީ ކުރިއަށް،" އޮފިޝަލް ވިދާޅުވި އެވެ.
ކުޑަހުވަދޫގައި މުޒާހަރާ ކުރަން ފެށީ އެ ރަށު ބަލި މީހަކު މަންޓާ އެއާގެ މަތިންދާބޯޓެއްގައި މާލެ ނުގެނެސްގެނެވެ. މަންޓާއިން ބުނީ އެ ކުންފުނިން ގެންގުޅޭ ބޯޓުތަކުގައި ބަލިމީހުން ގެންދާ ސްޓްރެޗަރު އެރުވޭ ގޮތަށް ހަދާފައި ނުހުންނަ ކަމަށެވެ.
އެ ދުވަހު މުޒާހަރާ ކުރަމުން ދިޔަ ސަރަހައްދަށް ފުލުހުން ދިޔައިރު، ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ. އަދި އެއާޕޯޓުގެ ދަތުރުތައް ހުއްޓުމަކަށްވެސް އައެވެ. އެ ފަހުން ދަތުރުތައް ފަށާފައި ވަނީ ޖެހިގެން އައި ދުވަހު އެވެ.
އެ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ވަނީ 11 މީހަކު ހައްޔަރުކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment