Advertisement

މިލިއަނުން ހަރަދު ކުރާއިރު، ޕާޓީތައް ޑިމޮކްރެޓިކް ވާން ޖެހޭ!

10 އޮގަސްޓު 2022 - 10:02 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޕީޕީއެމްގެ އާންމު މެންބަރުންތަކެއް - ފޮޓޯ: އާއިމް ޒަމީރު / އަދަދު


މިލިއަނުން ހަރަދު ކުރާއިރު، ޕާޓީތައް ޑިމޮކްރެޓިކް ވާން ޖެހޭ!

10 އޮގަސްޓު 2022 - 10:02 0

ސިޔާސީ ޕާޓީތަކަކީ އުފެއްދި ދުވަހުން ފެށިގެން ވެސް ދައުލަތުގެ މުއައްސަސާތަކެވެ. ޕާޓީގެ ވެރިން ހިތުހުރި ގޮތަކަށް، ހިތުހުރި ހަމައަކުން، ހަމަ ބޭނުންވާހާ ގޮތަކަށް ޕާޓީތައް ހިންގުމަކީ ގާނޫނު އަސާސީގެ ރޫހެއް ނޫނެވެ.

"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ޕާޓީތަކުގެ މުހިންމު ނިންމުންތައް ނިންމުގައި މެމްބަރުންގެ ބަހެއް ހޯދުމަކީ ހަރަދު ބޮޑު ކަމެއް ކަމަށް ބުނެ ބޮޑެތި ޕާޓީތަކަށް އުޒުރު ނުދެއްކޭނެ ކަމަށެވެ.

"އެކަމަކީ ހަރަދުބޮޑު ކަމަކަށް ވިޔަސް ދެން އެމްޑީޕީއާ ޕީޕީއެމްއާ އަދި ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީއާ މި ހަތަރު ޕާޓީއަށް ހަމަ ގިނަ އަދަދެއްގެ ފައިސާ ލިބޭ. އޭގެ ތެރެއިން ވެސް ހާއްސަކޮށް އެމްޑީޕީއާ ޕީޕީއެމްއަކީ އެންމެ ގިނައިން ފައިސާ ލިބޭ ދެ ޕާޓީ. އެހެންވީމާ އަޅުގަނޑުމެން އެކްސްޕެކްޓް ކުރަނީ މިޕާޓީތަކުން އަދި އެންމެ ބޮޑު ދެޕާޓީން އެބޭފުޅުންގެ ކެންޑިޑޭޓް ކަނޑައެޅުމުގައި އާއްމުންނަަށް ބަސް ބުނާނެ ފުރުސަތު ލިބިގެން އެކަން ހަަމަޖެހިގެން އަންނަތަން ފެނުން،" ފުއާދު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ކަންތައްތައް ބަލަހައްޓާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ޕްރައިމަރީ އަކުން ނޫން ގޮތަކަށް ވެސް ރިޔާސީ ޓިކެޓް ދިނުމަކީ ގާނޫނަކުން މަނާކުރާ ކަމަކަށް ނުވާތީ އެގޮތަށް ވެސް ކަންތައް ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ "ބެސްޓް ޕްރެކްޓިސް" ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީކީ ދެން ބެސްޓްޕްރެކްޓިސް އެއް ކަމަކަށް ނުއެއް ބެލެވޭނެ. އިލެކްޝަންސް ކަމިޝަނުން އަބަދުވެސް ބާރު އަޅަނީ. އެންކަރޭޖްކުރަނީ ވީހާ ޑިމޮކްރެޓިކްކޮށް ހުރިހާ ޕާޓީތަކަކުން ވެސް އެ ބޭފުޅުން އެ ނިންމަވާ ނިންމެވުންތައް ނިންމެވުމަށް،" ފުއާދު ވިދާޅުވި އެވެ.

ގިނަ ޕާޓީ އޮންނަ ސިޔާސީ ނިޒާމު ރާއްޖެއަށް ގެނައީ ވެސް އެ ބޭނުމުގަ އެވެ. ވެރިކަމަަށް ފައިނަގާ މީހުންނަކީ ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދު އޮތް ބަޔަކަށް ހެދުމަށެވެ. ރައްޔިތުންނަށް ކޮށްދޭނެ މަސައްކަތްތަކެއް ކިޔައި ނުދީ މަގާމުތަކަށް އައުމުގެ ދޮރު ބަންދުކުރުމަށެވެ. ޑިމޮކްރަސީގެ ބޭނުމަކީ އެޔެވެ.

ކޮންމެ ސިޔާސީ ލީޑަރެއްގެ ދުލުކުރިއަށް އެންމެ ފަރިތަ ބަހަކީ ވެސް "ޑިމޮކްރެސީ" އެވެ. އެހެން ނަމަވެސް އާންމު މެންބަރުންގެ ސީދާ ބަހެއް ނެތި، ޕާޓީގެ އެންމެ އިސް ގުނަވަނުގައި ތިބޭ މަދު މެންބަރުންތަކެއް ވެގެން ޕާޓީގެ އެންމެ މުހިންމު މަގާމު އެބަ ހޮވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުން ފަދަ މުހިންމު ނިންމުންތަކުގައި ޕާޓީތަކުގެ އާންމު މެމްބަރުންގެ ބަހެއް އޮތުން ވަރަށް މުހިންމެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއެއް ބޭއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ބޮޑެތި ޕާޓީތަކުން އެގޮތަށް ކަންތައްކުރާ ކަމަށާއި ވެރިކަންކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީން ވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާވެ ކެންޑިޑޭޓް ކަނޑައެޅީ އެންމެ ޖަލްސާއަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްޕީއެންސީން ނެރޭނެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަަށް ދާދި ފަހުން ކަނޑައެޅީ ވެސް ފުއާދު އެ ވިދާޅުވި ފަދަ އެންމެ ޖަލްސާއަކުންނެވެ.

ޕްރައިމަރީ ބޭއްވުމަކީ ފުއާދު ވިދާޅުވި ގޮތުގައި މިހާރު މާ އުނދަގޫ ކަމެއް ވެސް ނޫނެވެ.

"މިސާލަކަށް ހުރިހާ އެންމެނަށް ދަތުރުފަތުރުކުރުމުގެ އުނދަގޫ ހުންނަންޏާ މިޒަމާނުގައި އިންޓަނެޓްގެ ޒަރިއްޔާއިން ވެސް އޭގައި ބައިވެެރިވެވޭނެ ކަހަލަ ނިޒާމެއް އޮތުން އަޅުގަނޑުމެން ބޮޑަށް ބާރުއަޅާ ގޮތަކީ،" ފުއާދު ވިދާޅުވި އެވެ.

ޕީޕީއެމުން ބުނަނީ ޕްރައިމަރީ ނެތަސް ޔާމީންގެ ތާއީދު ސާފުކަމަށް

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޔާމީނަށް ރިޔާސީ ޓިކެޓު ދޭން ނިންމުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް އެ ޕާޓީން އޮތީ އެއް ރައްދެކެވެ؛ އެ ޕާޓީގައި ޔާމީނާ ވާދަކުރައްވަން ކެރޭނެ އިތުރު ބޭފުޅަކު ނެތެވެ. އެހާ ގާބިލް ބޭފުޅަކު ވެސް ނެތް ކަމެވެ. އަދި ކަންކުރީ އަސާސީ ގަވައިދާ އެއް ގޮތަށް ކަމަށެވެ. އެ ހާލަތުގައި ޕްރައިމަރީއެއް ބޭއްވުން ބޭކާރު ކަމަށް އެ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.

"މިއަދު ރައީސް ޔާމީނަކީ މި ގައުމުގައި ހުންނެވި އެންމެ ވަރުގަދަ ލީޑަރު، ރައީސްގެ ވިސްނުންފުޅު އެބަހުރި ދެ ވަނަ ދައުރަކަށް ކުރިމަތިލުމުގެ ވިސްނުން، އެހެން ކަމަށްވާ ނަމަ މި ޕާޓީގަ އަދި މި ފިކުރުގައި ވެސް ނޫޅޭނެ އިތުރު އެ ކަންކަމަށް ޝައުގު ފާޅު ކުރާނޭ މީހަކު. އެހެންވީމާ ރައީސް [ޔާމީން] އަށް ހަމަ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހައްގު،" ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މި ނޫހަށް ވިދާޅުވި އެވެ.

ރައްޔިތުން ވެސް ބޭނުންވާ ގޮތް އެއީ ހަމަ، ރައްޔިތުން ބޭނުންވާ ގޮތަށް އެއޮތީ ޕާޓީއިން ނިންމާފައި،

"ރައީސް ޔާމީން ވާދަކުރައްވާ ކަމަށް ވަންޏާ މި ގައުމުގަ މި ފިކުރުގެ އެހެން މީހަކު ކުރިމަތިނުލައްވާނެ، ހުރިހާ ބޭފުޅުން ވެސް ބޭނުންވާ ގޮތް މިއީ، އަޅުގަނޑުމެންނަކީ ކަންކަން މަޝްވަރާގެ މަތިން ކުރާ ބައެއް،" ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމުން އެންމެ ފަހުން ބޭއްވި ކޮންގްރެސްއަށް ފަހު، އާންމު މެންބަރުންގެ ފަލްސަފާ ލިޔެފައި އޮންނަ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމުގެ ބާރު ސެނެޓަށް އޮތީ ދީފަ އެވެ. ރިޔާސީ ޓިކެޓު ޔާމީނަށް ދޭން ނިންމީ ވެސް އެ ރެއިން ރެއަށް ގަވައިދަށް ގެނައި ބަދަލުތަކާއެކުގައި 99 ސެނެޓަރުން ބައިވެރިވި ބައްދަލުވުމުގަ އެވެ.

ޕީޕީއެމް އުފެދުނު އިރު ވެސް އެ ޕާޓީގައި އިސްކޮށް ހުންނެވި އަދި މިހާރު އަމިއްލަ ޕާޓީއެއް އުފައްދަވައިގެން އުޅުއްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވި ގޮތުގައި އެ ޕާޓީން ފެނިގެން ދިޔައީ ޕީޕީއެމް އުފެދުމުގެ އަސްލާ މުޅީން ހިލާފު ކަމެކެވެ.

"ޕީޕީއެމް އުފެދުނުއިރު އެ ހަމަތައް އޮންނާނީ އެގޮތަކަށް ނޫން، ޑިމޮކްރެސީގެ އަދި ޕީޕީއެމްގެ އުސޫލުތަކާ ވެސް އެއްގޮތަށް ކުރެވުނު ކަމެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" ނާޒިމް ވިދާޅުވި އެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި ގޮތުގައި މުޅި ގައުމު ވެސް އަދި މުޅި ޕީޕީއެމް ވެސް ބޭނުންވަނީ ވެރިކަމަށް ޔާމީން ގެނައުމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސީ ޕާޓީގައި ތިއްބެވި ހުރިހާ ލީޑަރުން ވެސް އަދި ހުރިހާ މެންބަރުން ވެސް ބޭނުން ވަނީ އެ ގޮތް،" އަދުރޭ ވިދާޅުވެފައިވެ އެވެ.

މަންޒަރު މިހާ ސާފުއިރު، ޕްރައިމަރީއެއް ބޭއްވުމަކީ ކުރެވޭ ބޭކަރު ހަރަދެއްގެ ގޮތުގައި އަދުރޭ ވަނީ ސިފަ ކުރައްވާފަ އެވެ.

ޕްރައިމަރީއަށް ޖާގަ ނެތް؟

ޕީޕީއެމްގެ އެތެރޭގައި މި ނިންމުމާ ގުޅިގެން ހިޔާލު އުފެދުންތައް ހުރި ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ގަބޫލުކުރެ އެވެ. އާންމުން މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި އެ ވާހަކަ ލީޑަޝިޕްގައި އިސްކޮށް ތިއްބެވި ބޭފުޅުން ދައްކަވަން ޖެހިލުންވެ އެވެ. އެއީ "ޔާމީން ދެކެ ގަންނަ ބިރެއް"ގެ ސަބަބުންނެވެ.

"އެންމެ ފަހުން ސެނެޓަށް ގެނައި ބަދަލަކީ ވެސް ސީދާ ރައީސް ޔާމީން އެކަމަށް ބޭނުންފުޅުވެވަޑައިގެން ގެންނެވި ބަދަލުތަކެއް، ކައުންސިލްގެ ފުލް ކޮންޓްރޯލް ނެންގެވުމަށް، ޕާޓީ ތެރެއިން ވަކި ބޭފުޅަކާ ދެކޮޅަށް ނިންމެވި ނިންމެވުންތަކެއް އެއީ ސީދާ ރިޔާސީ ޓިކެޓު ނެންގެވުމަށް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބައެއް ބޭފުޅުންގެ ޝައުގު ހުންނެވިކަން ޔާމީނަށް ވެސް އެނގިވަޑައިގަންނަވަ އެވެ.

ޕީޕީއެމްގެ ތެރެއިން ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ހުރި އަދި އެކަމަށް އެންމެ ގާބިލް އެއް ބޭފުޅާ ކަމަށް އާންމުން ގަބޫލުކުރާ ބޭފުޅަކީ މިހާރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މުއިއްޒު އެކަމާ އެއްޗެއް ވިދާޅުވާން ބޭނުން ނުވި ނަމަވެސް، ޔާމީނަށް ރިޔާސީ ޓިކެޓު ދިނުމުން މަރުހަބާ ކިޔުން ލަސްވުމަކީ ވެސް އެކަމުގެ ހެއްކެއް ކަމަށް ބައެއް އާންމުން ބުނެ އެވެ.

ޔާމީނަށް ޓިކެޓު ދޭން ނިންމި ނިންމުން ޕީޕީއެމްގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި އިއުލާނު މުއިއްޒު ރީޓްވީޓު ކުރައްވާފައިވެ އެވެ. އެހެންނަމަވެސް ޔާމީނަށް ކީ ތަހުނިޔާތަކުން މުޅި ޓްވީޓާ ފުރާލިއިރު، މުއިއްޒު އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އޭގެ އެއް ދުވަސް ފަހުން ޔާމީނަށް މަރުހަބާ ކިޔައި ޓްވީޓު ކުރެއްވީ އާންމުންގެ އެތައް ފާޑުކިޔުންތަކެއް އަމާޒުވުމަށް ފަހުގަ އެވެ.

މުއިއްޒުގެ ތަހުނިޔާ މެސެޖަށް އާންމުންގެ މީހަކު ކުރި ޓްވީޓެއް--


އެހެންނަމަވެސް މިކަމާ ޝިޔާމް އެއްބަސްވެ ނުލައްވަ އެވެ. ޝިޔާމް ވިދާޅުވާ ގޮތުގައި އެ ޕާޓީގެ ތެރޭގައި ޔާމީނަށް ވާދަކުރެވޭނެހާ ގާބިލް އެއްވެސް ލީޑަރެއް ނެތެވެ. އަދި ޕްރައިމަރީއެއް ބޭއްވިނަމަވެސް އެކަން ވެގެން ދާނީ "ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އޮފީހުގެ ފޮޓޯގްރަފަރު ޖައުފަރު" ވާދަކުރުން ފަދަ ކަމަކަށެވެ.

"ޖައުފަރަށް ދަންނަވާ ދެރަ ބަހެއް ނޫން، އެކަމަކު އޭނާއަކީ ސިޔާސީ ގޮތުން ގުނާލެވޭ ބޭފުޅެއް ނޫން، އެހެން ހަމަ ވާނީ ޕްރައިމަރީއެއް ބޭއްވި ނަމަވެސް، އަޅުގަނޑުމެން ތެރޭގައި ނުތިއްބަވާނެ ރައީސް ޔާމީންގެ ވިސްނުންފުޅު އެގޮތަށް ހުއްޓާ ކުރިމަތިލައްވާނެ ބޭފުޅެއް، ނުތިއްބަވާނެ، އެއީ ޔަގީން ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ޕްރައިމަރީއަކަށް ފުރުސަތު ހުޅުވާލުމެއް ނެތި، ޕްރައިމަރީގައި ވާދަކުރައްވާނޭ ބޭފުޅެއް ނެތް ކަމަށް ބުނެވިގެން ނުވާނެ އެވެ.

"ޕްރައިމަރީއަކަށް ފުރުސަތު ހުޅުވާލީމާ ނޫންތޯ އެނގޭނީ ބޭފުޅެއް ހުރިކަން ވެސް ނުވަތަ ނެތް ކަން ވެސް، ހުޅުވާނުލާ އެގޮތަށް ވިދާޅުވީމާ ހަމައެއް ނުޖެހޭ، އެއް ރެއިން ގަވައިދު ބަދަލުކޮށްފައި އެއީ ހަމަޖެހޭ ގޮތެއް ނޫން، ޑިމޮކްރެސީއާ މުޅިން ހިލާފު،" ނާޒިމް ވިދާޅުވި އެވެ.

ގާނޫނަކުން މަނާ ނުކުރިޔަސް މިއީ ގޯހެއް

ޕްރައިމަރީއަކާ ނުލާ ޔާމީނަށް ރިޔާސީ ޓިކެޓު ދޭން ނިންމި ނިންމުމަށް ބާރު ދޭން ނިންމީ އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ޕީޕީއެމްގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ޕާޓީގެ މެމްބަރަކަށް، ރިޔާސީ އިތުރު ދައުރެއް ދެވޭނެ ކަމަށް ބުނާ މާއްދާގެ ދަށުންނެވެ. އެއީ "ޔާމީންގެ ފުލް ކޮންޓްރޯލް" އޮތް ސެނެޓުން އެ ރެއިން ރެއަށް ގެނައި ބަދަލެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި އަސާސީ ގަވައިދުގައި އޮތް ގޮތަކަަށް އަމަލު ކުރުމަކުން ގޯހެއް ނެތެވެ. ކަން ކުރަން ވާނީ ވެސް އެހެނެވެ. އެހެންނަމަވެސް އެކަމަކީ އާންމުން މެންބަރުންގެ ބަސް އެ ކަމަށް މުހިންމު ކަމެއް ނަމަ، އެ ކަމެއް ނިންމަން ވާނީ އެގޮތުގެ މަތީން ކަމަށް އޭނާ ވިދާޅުވި އެވެ.

"2018 ގައި އެމްޑީޕީން ވެސް އަދި މިހާރު ޕީޕީއެމުން ވެސް ޖަލްސާއެއް ބާއްވާލާފައި ކެންޑިޑޭޓެއް މި ނިންމެވީ. އަޅުގަނޑުމެން އެ ކަންތައްތައް ބަލައިގަންނަން އެކަމަކު އަޅުގަނޑުމެން ހިތްވަރު ދެނީ އެކަމުގައި ހުރިހާ މެންބަރުންނަށް ވެސް ބައިވެރިވެވޭނެ ނިޒާމެއްގެ ތެރެއިން އެ ކަންކަން ކުރުމަށް،" ފުއާދު ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ބާރު އަޅަނީ އަބަދުވެސް އެންމެ ޑިމޮކްރެޓިކްކޮށް ޕާޓީގެ ނިންމުންތައް ނިންމެވުމަށް، އެކަމަކު ގާނޫނަކުން މަނަލެއް ނުކުރޭ ޕާޓީއެއްގެ ކައުންސިލަކުން އެފަދަ ނިންމުންތައް ނިންމުމަކަށް، އެހެނަސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫން،

ޕްރައިމަރީއެއް ބާއްވަން ގޮންޖެހުންތައް ހުރި ނަމަ ޒަމާނަށް އައި ބަދަލުތަކާއެކު ލިބުނު ފަސޭހަތަކުގެ ސަބަބުން އިންޓަނެޓު މެދުވެރިކޮށް ވެސް ޕްރައިމަރީ މިހާރު ބޭއްވޭނެ ކަމަށް ފުއާދު ދެކިލައްވަ އެވެ. އަދި ދައުލަތުން ކޮންމެ އަހަރަކު ބޮޑު ހޭދައެއް ކުރާ ޕާޓީތަކަށް އިންތިހާބެއް ބޭއްވުމަކީ ހަރަދު ބޮޑު ކަމަކަށް ވެގެން ނުވާނެ ކަމަށް ވެސް ގަބޫލުކުރައްވަ އެވެ.

އެމްޑީޕިއާއި ޕީޕީއެމަށް އެންމެ ގިނައިން ފައިސާ ލިބޭ ދެ ޕާޓީ، އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރަނީ ބޮޑު ދެ ޕާޓީން އަދި ލާރި ލިބޭ އެހެން ޕާޓީތަކުން ވެސް އެ ބޭފުޅުންގެ ކެންޑިޑޭޓުން އާންމުންނަށް ބަސް ބުނާނެ ފުރުސަތު ދީގެން ހޮވުން،" ފުއާދު ވިދާޅުވި އެވެ.

އަސާސީ ގަވައިދަށް ގެނައި އިސްލާހަކުން ބާރު ދީގެން ވިޔަސް "ތަބަކަށް" ލާފައި ޔާމީނަށް ރިޔާސީ ޓިކެޓު ދިނީ އެވެ. މެންބަރުންގެ ބޮލަކަށް އަހަރަކު އެތައް މިލިއަން ރުފިޔާއެއް ނަގާއިރު، ބަސް ބުނުމުގެ ޖާގަ މެންބަރުންނަށް ނެތެވެ. ދެން އުފެދޭ ސުވާލަކީ ވެރިކަމަށް އައުމަށްފަހު ވެސް އޮންނާނީ އިސް ބޭފުޅުންގެ "ހިތުހުރި" އުސޫލުތޯ އެވެ.