Advertisement

ރާއްޖޭގެ މަޝްރޫއުތައް ނިންމަން އިންޑިއާއިން 100 މިލިއަން ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ދެނީ

2 އޮގަސްޓު 2022 - 14:50 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގުޅިގެން ދިން ޕްރެސް ބްރީފިންގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް


ރާއްޖޭގެ މަޝްރޫއުތައް ނިންމަން އިންޑިއާއިން 100 މިލިއަން ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ދެނީ

2 އޮގަސްޓު 2022 - 14:50 0

ރާއްޖޭގައި ހިނގަމުންގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރަށް 100 މިލިއަން ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ދޫކުރަން އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.

މި ކަން އިއުލާނުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރާ ނަރެންދްރަ މޯދީއާ ގުޅިގެން ދެއްވި ޕްރެސް ބްރީފިންގަ އެވެ.

ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތުގައި މޯދީ ވިދާޅުވީ އާ ކްރެޑިޓް ލައިނެއް ރާއްޖެއަށް ދޫކުރަން ނިންމީ، ރާއްޖޭގައި ހިނގަމުންދާ މަޝްރޫއުތައް ނިންމަން ރާވާފައިވާ ތާރީހަށް އެ މަޝްރޫއުތައް ނިންމުމަށް ކަމަށެވެ.

"އަޅުގަނޑުމެން ނިންމައިފިން 100 މިލިއަން ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ދިނުމަށް، އެއީ މަޝްރޫއުތައް ކުރިއަށް ގެންދަން ރާވާފައިވާ އޮތް ގޮތަށް، ނިންމަން އޮތް ތާރީހަށް އެ ހުރިހާ މަޝްރޫއެއް ވެސްް ނިންމުމަށް ޓަކައި،" މޯދީ ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ރަސްމިއްޔާތުގައި މޯދީ ވަނީ މާލޭ ސަރަހައްދުގައި އިތުރު 2،000 ހައުސިން ޔުނިޓު އެޅުމަށް، އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް 119 މިލިއަން އެމެރިކާ ޑޮލަރު ފަހިކޮށްދޭން ނިންމާފައިވާކަން ވެސް އިއުލާނު ކުރައްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި އެގްޒިމް ބޭންކުގެ ލެޓާ އޮފް އިންޓެންޓް ބަދަލުކުރެވުނުއިރު، ދެ ގައުމުގެ މެދުގައި އިތުރު ފަސް އެމްއޯޔޫއެއްގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ.

އޭގެ ތެރޭގައި މަސްވެރިކަންކުރާ ޒޯނެއް ތަރައްގީކޮށް ވަސީލަތްތައް އިތުރުކުރުމާއި، ސައިބާ ސެކިޔުރިޓީ، ރާއްޖޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ގާބިލުކަން އިތުރުކުރުން، އަދި ޑިޒާސްޓާ މެނޭޖްމަންޓު ދެގައުމު ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުންތައް ހިމެނެ އެވެ.

މީގެ އިތުރުން، ދިވެހި ފުލުހުންގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްގީ 41 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ސޮއި ކޮށްފަ އެވެ.

އިންޑިއާއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިންޑިއާއާއެކު އޮންނަ ޒަމާންވީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށްފަހު، މި ސަރުކާރުގައި އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.

ރައީސް ސޯލިހު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންނެވި އެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ސޯލިހު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެވެ.

ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެން ފަހުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ވަޑައިގެންނެވީ ރާއްޖެއަށެވެ.

މި ސަރުކާރު އައި ފަހުން، އިންޑިއާއިން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ފޯރުކޮށްދީފައިވާ ފައިސާގެ އަދަދު މިހާރު ވަނީ ދެ ބިލިއަން އެމެރިކާ ޑޮލަރު ހުރަސްކޮށްފަ އެވެ.

އެހީތަކުގެ ނިވަލުގައި ރާއްޖެއަށް އަތްގަދަ ކުރާ ކަމުގެ ކަންބޮޑުވުން

އިންޑިއާގެ އެހީގައި ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގަނީ ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ބޭތިއްބުމުގެ ބޭނުމުގައި ކަމުގެ ތުހުމަތުތައް އިދިކޮޅުން އިސްވެ ދަނީ ކުރަމުންނެވެ.

އެގޮތުން، އައްޑޫގައި ޕޮލިސް އެކޭޑެމީއެއް އެޅުން ފަދަ މަޝްރޫއުތަކުގެ އިތުރުން އިންޑިއާގެ ކޮންސިޔުލޭޓެއް އަޅަނީ އެ ބޭނުމުގައި ކަމަށް ބުނެ އެ އަތޮޅުގެ ޕީޕީއެމް މެމްބަރުން ވެސް ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އަދި އުތުރުތިލަފަޅުގައި ދިވެހި ކޯސްޓްގާޑަށް ޑޮކްޔާޑަކާއި ބަނދަރެއް އިންޑިއާ ސަރުކާރުން އަޅައިދެނީ ހަތިޔާރާއެކު އިންޑިއާ ސިފައިން އެތަނުގައި ތިބެވޭ ގޮތަށް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އޭގެ އިތުރުން، ހދ. ހަނިމާދޫގެ އެއާޕޯޓު ތަރައްގީކުރާއިރު އެތަނުގައި އިންޑިއާގެ ވައިގެ ސިފައިން ތިބޭނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.