Advertisement

އެމްޑީޕީގެ ކޮންގްރެސް ބާއްވަން ސޯޝަލް ސެންޓަރު ހޯދަން އެދިއްޖެ

2 އޮގަސްޓު 2022 - 10:39 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގެ ތެރެއިން: ކޮންގްރެސް ބޭއްވުމަށް ސޯޝަލް ސެންޓަރު ދިނުމަށް ވަނީ އެދިފައި


އެމްޑީޕީގެ ކޮންގްރެސް ބާއްވަން ސޯޝަލް ސެންޓަރު ހޯދަން އެދިއްޖެ

2 އޮގަސްޓު 2022 - 10:39 0

މި ހިނގާ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސް މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ޔޫތު މިނިސްޓްރީގައި އެދިއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބްރޭ) "އަދަދު"އަށް މިއަދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު ސޯޝަލް ސެންޓަރުގައި ކޮންގްރެސް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހު މިހާރު ވާނެ ޔޫތު މިނިސްޓްރީގައި އެ ކަމަށް އެެދިފައި، ސޯޝަލް ސެެންޓަރު ހަމަޖެހޭނަމަ ސޯޝަލް ސެންޓަރުގައި ކޮންގްރެސް ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ،" އިބްރޭ ވިދާޅުވި އެވެ.

މި މަހުގެ 19 ވަަނަ ދުވަހު ބާއްވާ އެ ކޮންގްރެސްގައި ބައިވެރިވެވެނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުގައި ތިބި މެންބަރުންނަށެވެ. އީސީގެ ދަފްތަރުގައި އެ ޕާޓީގެ މެންބަރުންތަކެއް ނެތް މައްސަލަ ފެންމަތިވެ އެ ކަމުގެ ކަންބޮޑުވުން ވެސް ވަނީ އިތުރުވެފަ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމާއި، ކުރިއަށް އޮތް ތަނުގައި އެމްޑީޕީން ހަރަކާތްތެރިވާނެ ގޮތުގެ ހުށަހެޅުންތައް ހުށަހެޅުން ވެސް ކޮންގްރެސްގެ އެޖެންޑާގައި އޮންނާނެ އެވެ.

އެމްޑީޕީގެ ގިނަ ނިންމުންތައް ނިންމުމަށް އޮންނަ އެ އެއްވުން މި މަހުގެ ތެރޭގައި ބާއްވާއިރު، އެމްޑީޕީ ވަނީ ދެ ފެކްޝަނަކަށް ބެހިފަ އެވެ.

އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދުގައި ވަނީ ކޯޅުން ބޮޑުވެފަ އެވެ.

ކޮންގްރެސްގެ ކުރިމަތީގައި ބޮޑެތި ނިންމުންތަކެއް

ކޮންގްރެސްއަށް ގިނަ ކަންކަމެއް ހުށަހަޅުއްވާނެ ކަމަށް ނަޝީދު ވަނީ މާ ކުރިން އިއުލާން ކުރައްވައިފަ އެވެ.

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމުގެ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާކޮށް ނިންމުންތައް ނިންމަން ހުށަހަޅުއްވަން އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ.

ގާނޫނުއަސާސީއަށް ގެންނަން ނަޝީދު ބޭނުންވާ ބަދަލުތައް

  • މިނިވަން މުއައްސަސާތަކުގެ އަދަދާ އެކުލެވިގެން ވާގޮތަށް ގެންނާން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުން. (ހާއްސަ ގޮތެއްގައި ޖުޑިޝިއަލް ސާވިސަސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ގެނަން ޖެހޭ އިސްލާހުތައް.)
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެމަށް ނިންމާ ނިންމުން.
  • ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30% އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުން.

(މިފަދަ ކަނޑައެޅުމެއްގައި، އެއްވެސް ކެންޑިޑޭޓްއަކަށް 30 ޕަސަންޓުގެ މިންވަރަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓް ނަގާ އެންމެ ގިނަ ވޯޓް ހޯދި ކެންޑިޑޭޓް އެއީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައިވެސް ގާނޫނުއަސާސީގައި ކަންޑައެޅުން.)

  • ގާނޫންއަސާސީގައި ކަނޑައަޅާނެ ލާކާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުން.
  • ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އަދި އެފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީހެއް، އަދި ނެގޭ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާއި އެއްގޮތައް ގާނޫނުއަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުން.