Advertisement

އެއްވެސް ބައްޔަކަށް އަލަމްގީރް ޓެސްޓު ކުރިކަން ފުލުހުން ނުބުނި

28 ޖުލައި 2022 - 11:41 1

އަލަމްގީރް: ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިން ކުރި މައްސަލަ އާއި ވީޑިއޯތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް ވެސް ފުލުހުން ދަނީ ބަލަމުން -- ފޮޓޯ: ސޯޝަލް މީޑިއާ


އެއްވެސް ބައްޔަކަށް އަލަމްގީރް ޓެސްޓު ކުރިކަން ފުލުހުން ނުބުނި

28 ޖުލައި 2022 - 11:41 1

ގިނަ އަދަދެއްގެ މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރަށް ބައްޔެއް ޖެހިފައި ހުރިތޯ ބެލުމަށް ޓެސްޓު ކުރިކަން ނުވަތަ އެކަން ނުކުރާކަން ބުނަން ފުލުހުން އިއުތިރާޒުކޮށްފި އެވެ.

ބްލެކްމެއިލް ކުރުމުގެ މަގްސަދުގައި ވަގަށް ވީޑިއޯކޮށްގެން 100 އަށް ވުރެ ގިނަ ފިރިހެނުންނާއެކު ގުޅުން ހިންގާފައިވާ މައްސަލައިގައި އަލަމްގީރުގެ ފަރާތުން ބައްޔެއް ފެތުރުމުގެ ބިރު އެބަ އޮތް ކަމަށް މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އަލަމްގީރްއަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޓެސްޓުކޮށްފިންތޯ މި ނޫހުން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހް ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ހިމެނޭ މީހެއްގެ މެޑިކަލް ރެކޯޑުތައް ފުލުހުން ހާމަނުކުރާނެ ކަމަށެވެ.

"...އެހެން ނަމަވެސް އެފަދަ މައުލޫމާތެއް ވެސް ހާމަކުރަން ޖެހޭ ހާލަތެއް އަތުވެއްޖެ ކަމަށް، ފުލުހުންގެ ތަހުގީގަށް ފާހަގަވެއްޖެ ނަމަ، އެ ހާލަތެއްގައި އެފަދަ މައުލޫމާތުތައް ފުލުހުން އިސްވެ ހާމަކުރަމުން ގެންދާނެ،" ޔޫނުސް ވިދާޅުވި އެވެ.

އަލަމްގީރް ހައްޔަރުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގަ އެވެ. ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދަން އެންމެ ފުރަތަމަ ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ. އެ ފަހުން އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފަ އެވެ.

އަލަމްގީރް ހައްޔަރު ކުރުމުގެ ކުރިން އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ. އަލަމްގީރް ފުރުން މަނާކޮށްފައިވާއިރު މީގެ ކުރިން އޭނާ ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ.

ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯތައް އާންމުވުމަށް ފަހު ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި، އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަަތަކެއް ވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ.

މިހާތަނަށް ދައުރުވެފައިވާ ވީޑިއޯތަކުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު ފެނިފައިވެ އެވެ. ވީޑިއޯއިން ފެންނަނީ އޭނާ ކަމަށް ކާނަލް އެއްބަސްވެފައިވާއިރު ނާޒިމް ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

ނަމަވެސް ނާޒިމްގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އަދި, ނާޒިމް ވެސް ވަނީ ފުލުހަށް ހާޒިރުކޮށް ބަޔާނެއް ވެސް ނަގައިފަ އެވެ.

ވީޑިއޯއިން ފެންނަނީ އޭނާ ކަމަށް ކާނަލް އެއްބަސްވި ނަމަވެސް ބުނެފައި ވަނީ އޭނާ އެ ތަނަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށާއި ބަދު އަހުލާގީ އެއްވެސް އަމަލެއް ނުހިންގާ ކަމަށެވެ.

އޭގެ އިތުރުން ފުލުހެއްގެ ވީޑިއޯ ދައުރުވިއިރު، ތުހުމަތު ކުރެވޭ ފުލުސް މީހާ ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ. ކާނަލް އާއި ނާޒިމްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.