Advertisement

ދަރިފުޅުގެ އެކްޒީމާ ދެނެގަތުމާއި ފަރުވާ އަށް ހޭލުންތެރިވުން

28 ޖުލައި 2022 - 10:31 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ދަރިފުޅުގެ އެކްޒީމާ ދެނެގަތުމާއި ފަރުވާ އަށް ހޭލުންތެރިވުން

28 ޖުލައި 2022 - 10:31 1

އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު، އަދި ކުޑަކުދިންގެ ބަލިތަކުގެ ތަޖުރިބާކާރު، ޑރ އަބްދުﷲ ނިޔާފް، އަމިއްލަފުޅަށް މިސާލެއް ނަންގަވަމުން އެކްޒީމާ ނުވަތަ އެޓޯޕިކް ޑާމަޓައިޓިސް މާނަކުރެއްވީ ސްޕެކްޓްރަމް އެއް، ނުވަތަ އެލާޖިކް ޑިސްއޯޑާއެއްގެ ގޮތުގައެވެ. ސީދާ ނަންބަރެއް ދެއްވަން ދަތިފުޅުވިޔަސް، ރާއްޖޭގެ ކުޑަކުދިންގެ އާބާދީގައި ހުމާއި ރޯގާއަށްފަހު ދެން އެންމެ ގިނައިން ފެންނަ ބައްޔަކީ އެކްޒީމާ ކަމަށް ވިދާޅުވި އެވެ. ތުއްތު އިރުއްސުރެ އަމިއްލަފުޅަށް ތަޖުރިބާކުރައްވަމުން އަންނަ ހަމުގެ މައްސަލައާ ގުޅިފައިވާ ހަގީގަތާއި އެ މައުލޫމާތު އެނގި ހޭލުންތެރިކަން މުހިއްމުވާ މިންވަރު ވިދާޅުވެދެއްވި އެވެ.

އެކްޒީމާ ތަފްސީލުކޮށް

ހަންގަނޑު އިންފްލޭމްވެ ދުޅަވުމާއި، ރަތްވުމާއި ހިރުވުން އަދި ބިހިނެގުން ފަދަ އަލާމާތްތައް ހިމެނޭ އެކްޒީމާ ނުވަތަ އެޓޯޕިކް ޑާމަޓައިޓިސް އަކީ އޭޓޯޕީ ކިޔާ ހާލަތެއްގެ ސަބަބުން މެދުވެރިވާ ހަމުގެ މައްސަލައެކެވެ. މިއަށްވުރެ ތިލަކޮށް ބުނެދޭނަމަ، ބަހުގެ ފަހަތަށް "އައިޓިސް" އަންނަ ބަލިތަށް، މިސާލަކަށް "ކޮންޖަކްޓިވައިޓިސް"، "ޓޮންސިލައިޓިސް"، "ބްރޮންކައިޓިސް" ފަދަ ނަންތަކުގައި ފަހަތަށް "އައިޓިސް" ލުމުން ދޭހަކޮށްދެނީ އިންފްލެމޭޝަނެކެވެ. އިންފްލެމޭޝަން އަކީ، ދުޅަވުން ރަތްވުން، ބޯވުން ފަދަ ކަންކަން މެދުވެރިވުމަށެވެ. އެހެންވީމަ، ޑާމަޓައިޓިސްގެ މާނައަކީ ހަންގަނޑު އިންފްލޭމް ވުމެވެ. މިގޮތް ވާއިރު، ހަންގަނޑު ރަތްވެފައި ހުރެދާނެ އެވެ. ނުވަތަ ހިރުވާފާނެ އެވެ. އަދި ބޯވެ ބިހިވެސް ނަގާފާނެ އެވެ. ހުރިހާ އަލާމާތްތަކެއް އެއްފަހަރާ ފެނުން ވެސް އެކަށީގެންވެ އެވެ.

އެޓޯޕީ އާއި އެލާޖީ ތަފާތުވާ ގޮތް

"އެޓޯޕީ އާއި އެލާޖީ މައިގަނޑުގޮތެއްގައި ތަފާތުކޮށްލެވޭނެ އެއް ގޮތަކީ އެލާޖިކް ވަނީ ފިޒިކަލް ސަބްސްޓެންސެއް [އަތްލެވޭ އެއްޗެއް] ގޮތަށް އެވުޖޫދުވާ އެއްޗަކަށް. އޭގެ މާނައަކީ ފިޒިކަލް ސްޓްރަކްޗާއެއް ނުވަތަ ކެމިކަލް ސްޓްރަކްޗާ އެއް ހުރި މާއްދާއަކާ ދެކޮޅަށޭ އެލާޖިކެއް ވާނީ. މިސާލަކަށް، ކޭ އެއްޗަކަށް ނުވަތަ އުނގުޅި އެއްޗަކަށް،" ނިޔާފް އޮޅުންފިލުވައި ދެއްވި އެވެ.

މީގެ ބަދަލުގައި، އޭޓޯޕީ އަކީ ޖެނެޓިކަލީ ވާރުތަވާ ކަމެއްގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ހުންނަ ދިފާއީ ސެލްތައް ފަސޭހައިން އެލާޓްވެ ހަމަލާދޭ ގޮތްވުމެވެ. މީގެ ސަބަބުން މީހާއަށް ތައާރަފްވާ ގިނަ އެއްޗިއްސަށް ނުގުޅުމުގެ ރިއެކްޝަނެއް އާދެ އެވެ. މިއީ ޖެނެޓިކް މައްސަލައެކެވެ. މާނައަކީ ވާރުތަވާ ކަމެކެވެ.

އެޓޯޕިކް ކޮންޑިޝަން ތަކުގެ ތެރޭގައި އެޓޯޕިކް އާސްތުމާ (ނޭވާ ހިއްލުން)، އެޓޯޕިކް ރައިނައިޓިސް (އެލާޖިކް ރައިނައިޓިސް ގޮތަށް ކިނބިހި އަޅައި ނޭފަތުން ފެން ފޭބުން ފަދަ ހާލަތުތައް ހިމެނެ އެވެ.

އެހެންވީމަ، އެޓޯޕިކް ޑާމަޓައިޓިސް ހުންނަ މީހެއްގެ، އެ ރިއެކްޝަން ހިނގަނީ ހަމުގަ އެވެ.

އެޓޯޕިކް ޑާމަޓައިޓިސް ޓްރިގާވާ ގޮތް

އެޓޯޕިކް ޑާމަޓައިޓިސް ޓްރިގާވުން ނުވަތަ އަލާމާތްތައް ކުރިން އެއްގޮތަކަށް ވެސް ނުފެނި ހުރެފައި ކުއްލިއަކަށް ފެންނަން ފެށުމާއި ނުވަތަ ކުރިން ހުރި ހާލަތަށްވުރެ ހާލަތު ގޯސްވާން މެދުވެރިވާން ދިމާވާ ސަބަބުތަކެއް ހުރެ އެވެ.

"ގައިގެ ދެ ގުނަނެއްގެ ހަން ޖެހިގެން ވެސް އެކްޒީމާ އެބަ ޓްރިގާ ވޭ. ހަށިގަނޑުގެ އަމިއްލަ ދާ ޖެހޭތީ ވެސް. އަމިއްލަ ސޮނި ހޭކޭތީ. އަމިއްލަ ކަރުނަ ޖެހިގެން ވެސް ޓްރިގާ ވެސް،" ޑރ ނިޔާފް ކިޔައިދެއްވި އެވެ.

ރާއްޖޭގައި އާދަޔާ ހިލާގަށް އެކްޒީމާ ގިނަވަނީ ކީއްވެ؟

އެޓޯޕިކް ޑާމަޓައިޓިސް ރާއްޖޭގައި ގިނަ އެއް ސަބަބަކީ، މިބާވަތުގެ އެލާޖިކް ޓެންޑެންސީ ނޫން ނަމަ ހައިޕާ ސެންސިޓިވް ރިއެކްޝަން ހިންގުމުގެ ކޮންޑިޝަން ދިވެހިންގެ ތެރޭގައި ގިނަވުމެވެ. މީގެ މާނައަކީ ޑރ ނިޔާފް ވިދާޅުވެދެއްވި ގޮތުގައި، ދިވެހިންނަކީ އުފެދުމުގައި ދިފާއީ ނިޒާމް ސެންސިޓިވް ބައެކެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ، ދިވެހިންގެ "ޖީން ޕޫލް" ދުނިޔޭގެ އެހެން އާބާދީތަކާ އަޅާ ބަލާއިރު ޑައިވާސް (ސިންދަފާތު) ނުވުމެވެ.

"އަހަރެމެންގެ އިމިއުން ސިސްޓަމް ސެންސިޓިވް. އެހެންވީމަ ރާއްޖޭގައި އާސްތުމާ ވެސް ގިނަ، އެލާޖިކް ރައިނައިޓިސް ވެސް ގިނަ، އެޑިނޮއިޑް ދުޅަވުން ވެސް ގިނަ. ހަމަ އެގޮތަށް އެޓޮޕިކް ޑާމަޓައިޓިސް ވެސް ގިނަ. އެއް އާއިލާއެއްގެ ތެރޭގައި މި ހުރިހާ ކަމެއް ފެނުމުގެ ފުރުސަތު އޮވޭ. އެއީ ވާރުތަވެގެން އަންނަ ކަންކަން ކަމަށް ވުމުން." ނިޔާފް ވިދާޅުވެ ދެއްވި އެވެ.

މި މޭރުމުން ވިސްނާއިރު، އޭޓޯޕިކް ޑާމަޓައިޓިސް، ނުވަތަ އެކްޒީމާ ރާއްޖޭގައި ގިނަވަނީ ވާރުތަވަމުން އަންނަ ސިފަތަކެއް ގޮތަށް ޖެނެރޭޝަނުން ޖެނަރޭޝަނަށް އަންނާތީއެވެ.

ކުރީ ޒަމާނާ ބަލާފައި މިހާރު އެކްޒީމާ ގިނަ ވެދާނެ ސަބަބެއް ވެސް އެބަ އޮތެވެ.

"އޭރާ ބަލާފައި މިހާރުގެ ކުދިން އެކްސްޕޯޒްވާ އެއްޗެހި ގިނަވާތީ. މިސާލަކަށް، ޓްރިގާ ވެދާނެ އެތައް ބައިވަރު އެއްޗެހި ހުންނައިރު، ކުރީގެ ކުދިން އެކްސްޕޯޒްވަނީ މަދު އެއްޗިހި ތަކަކަށް. އެކަމަކު މިހާރު، ލޯޝަން ފުޅިއެއް ގަތަސް، އިންގްރީޑިއަންޓްސް ބަލައިލާއިރު އޯޓްސް، މިލްކް، އެލޮވެރާ މިހެން ގޮސް އެތައް އެއްޗެއް ހިމަނާފައި ހުރޭ. އެހެންވީމަ ކުއްޖާ އެބަ އެކްސްޕޯޒްވޭ ވަރަށް ބައިވަރު މާއްދާ ތަކަކަށް އެއްފަހަރާ،" ނިޔާފް ތަފްސީލުކޮށްދެއްވި އެވެ.

މިފަދަ ގުދުރަތީ މާއްދާތައް ތޮބީއީގޮތުން ވަންނަން ޖެހޭ މަގުން ނޫން މަގުތަކުން ހަށިގަނޑަށް ވާސިލުވާން ފެށުމުން ވެސް ދިފާއީ ސެލްތަކަށް އޮޅުން އަރައި އެއާ ތޮޅޭގޮތް މެދުވެރިވެ އެވެ.

އެހާރާ މިހާރު އަޅާކިޔާއިރު، ޕޮލިއުޝަން އިތުރުވުމަކީ ވެސް އެފަދަ ރިއެކްޝަނެއް ޓްރިގާވެދާނެ ސަބަބެކެވެ.

ޗައިލްޑްހުޑް އެކްޒީމާ ކޮންޓްރޯލް ކުރާނީ ކިހިނެއް؟

އެކްޒީމާގެ އެންމެ މައިގަނޑު އެއް އަލާމާތަކީ ހަންގަނޑުގެ ތެތްކަން ކެނޑުމެވެ. އެހެންކަމުން ހަންގަނޑުގެ ތެތްކަން ދެމެހެއްޓުމަށް ގަވާއިދުން މޮއިސްޗުރައިޒް ކުރުމަކީ އެންމެ ފުރަތަމަ ސްޓެޕެވެ.

މައިލްޑް އަދި ސިވިއާ އެޓޯޕިކް ޑާމަޓައިޓިސް ހުންނަ ކުއްޖެއްގެ އަލާމާތްތައް ކޮންޓްރޯލްކުރަން ކުރެވިދާނެ ކަންތައްތައް؛

  • ސޯޕް ފްރީ އެއްޗެހި ބޭނުންކުރުމާއި ފެންވަރުވާއިރު ސޯޕް ބޭނުންކުރަންޖެހޭ ހާލަތްތައް މަދުކުރުން؛ މިިސާލަކަށް، ހީސް ލައްވާފައި ސޯޕް ބޭނުން ނުކުރުން
  • ފެންވަރުވާފައި ގައިން އެ ހުރިހާ ފެން ހިއްކާލުމަށްފަހު ގައިގައި އެއްޗެއް އުނގުޅުމުގެ ބަދަލުގައި މަތިމަތިން ފެން ހިއްކާފައި މޮއިސްޗުރައިޒް ކުރުން
  • ދޭތެރެއަކުން މޮއިސްޗަރައިޒް ކުރާއިރު ވެސް ފެން ހާކާލުމަށްފަހު މޮއިސްޗުރައިޒާ އުނގުޅުން. ވަރަށް ބޮޑަށް ސްކިން ޑްރައިވާ ކުއްޖަކަށް ތެޔޮ ފަދަ މާއްދާ އެއް އެކުލެވޭ މޮއިސްޗުރައިޒާ އެއް ބޭނުންކުރުން
  • ހަންގަނޑު ޑްރައި ވިޔަ ނުދީ ނުވަތަ ޑްރައިވުމުގެ ޗާންސް ވީހާވެސް ނުދިނުން
  • ސިވިއާ އެކްޒީމާ ހުންނަ ނަމަ އަބަދު އޭސީ ތެރޭގައި ނުގެންގުޅުން، ފިނި ތަނެއްގައި ގެންގުޅޭ ނަމަ އެކަށީގެންވާ ވަރަށް މޮއިސްޗުރައިޒް ކުރުން
  • އެންމެ ތުއްތު އިރުން ފެށިގެން ގެންގުޅޭ ގެންގުޅުމުގައި، އެކުދިންގެ ހަމުގައި އުނގުޅައި ޖައްސަން އެކި ވައްތަރުގެ ގިނަ ބާވަތްތައް ބޭނުން ނުކުރުން

"މިސާލަކަށް ރައްޓެއްސަކު ބުނެފާނެ، އޭ އަހަރެންގެ ދަރިފުޅު ލައްވަނީ މިވެނި އެއްޗެކޭ އޭތި ވަރަށް ރަނގަޅޭ. އެކަމަކު އެގޮތަށް އެކި އެއްޗެހި ބޭނުންކުރުމަކީ ރައްކާތެރި ގޮތެއް ނޫން. ދަރިފުޅުގެ ހަމާ ގުޅޭ، ވީހާވެސް އިންގްރީޑިއަންޓްސް މަދު އެއްޗިހި ބޭނުންކުރުން އެންމެ ރަނގަޅު ގޮތަކީ. އެކްސްޕޯޒްކުރެވޭ އެއްޗެހި މަދު ނަމަ ނުގުޅޭ އެއްޗަކަށް އެކްސްޕޯޒްވެ، ރިއެކްޝަން ޓްރިގާވުން މަދުވާނެ،" ޑރ ނިޔާފް އޮޅުންފިލުވައިދެއްވި އެވެ.

ވަރަށް ބޮޑަށް އެކްޒީމާ ހުންނަ ކުދިންނަށް، އެކުދިންގެ ހިރުވުން ކޮންޓްރޯލްކުރަން އިންފްލެމޭމޭޝަން ނުވަތަ ރަތްކަން ކޮންޓްރޯލްކުރަން ސްޓެރޮއިޑް އާއި ބޭސް ވެސް ބޭނުންކުރަން ޖެހޭ ހާލަތުތައް އާދެ އެވެ.

އެހެން ނަމަވެސް، ސިވިއާ ރިއެކްޝަން ހުންނަ ކުއްޖާގެ ބަލި ކޮންޓްރޯލްކުރުމަކީ ޕްލޭނެއްގެ ތެރެއިން ކުރަންޖެހޭ ފަރުވާ ބަހައްޓަންޖެހޭ ކަމެކެވެ.

އެންމެ މުހިއްމު ކަމަކީ ކުއްޖާ ގެންގުޅޭ މީހާއަށް އެކަމުގެ ފުރިހަމަ މައުލޫމާތު ލިބިފައި އޮތުމެވެ. އަދި ރަނގަޅު ޑޮކްޓަރަކާ މަޝްވަރާކޮށްގެން އެކްޝަން ޕްލޭނެއް ހެދުމެވެ. އެއީ ކުއްޖާގެ އެކްޒީމާ ޓްރިގާވާ ހާލަތެއް އަންނަ ހިނދެއްގައި ވަގުތުން ފަރުވާދެވޭނެ ހާލަތުގައި ފަރުވާ ދޭމީހާ ހުރުމަށް މުހިއްމޖު ޕްލޭނެކެވެ.

ނިޔާފް ވިދާޅުވި ގޮތުގައި، އެކްޒީމާ އަކީ، ބައޮލޮޖީ އަށް ބަލާނަމަ މާ ސީރިއަސް ސިއްހީ ބައްޔެއް ނޫނެވެ. އެކަމަކު އެކްޒީމާ އާ އެކު އުޅެން އުނދަގޫވާ ސިފަތަކެއް ހިމެނޭތީ، އެކްޒީމާ އަކީ އޭގެ ސަބަބުން ކުއްޖާގެ މޫޑާއި، އަދި ހެދިބޮޑުވުމަށް ބޭނުންވާ ކަންތައްތަކަށް ވެސް ދަތު ފޯރުވާފާނެ ޒާތެއްގެ މައްސަލަ އެކެވެ.

"ދެން ހަމަ ކުއްޖާގެ ޝެޑިއުލް އާއި މިޒާޖާއި މޫޑަށް އަންނަ ކޮންމެ ކަމަކީ މަންމަ އަށް ނުވަތަ ކުއްޖާ ގެންގުޅޭ މީހާ އަށް ވެސް ހަމަ އޭގެ އަސަރުކުރާނެ ކަމެއް. އެހެންވީމަ ސިވިއާ އެކްޒީމާ ތަހައްމަލުކުރާ ބެލެނިވެރިއަކު ނަމަ ރަނގަޅަށް އެކަމުގެ މައުލޫމާތު އެނގި، އެކަން މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް ރަނގަޅު ޑޮކްޓަރަކަށް ދައްކައިގެން ހޯދުމަކީ ވެސް މި މަރުހަލާގެ ބައެއް." ނިޔާފް ވިދާޅުވި އެވެ.

އެކްޒީމާ ހުންނަ ކުދިންގެ ބެލެނިވެރިންނަށް ކޮންމެހެން އެނގެންޖެހޭ އިތުރު ކަމެއް ވެސް އެބައޮތެވެ. ހުމެއް އަންނަ ކޮންމެ ފަހަރަކު އެކްޒީމާ ޓްރިގާވެދާނެ އެވެ. އެއީ އިމިއުން ސިސްޓަމް އެހެން ކަމަކަށް ވެސް ސަމާލުކަންދީ އިމިއުންސިސްޓަމްގެ މަސައްކަތް އިތުރުކޮށްލާ ކޮންމެ ފަހަރަކު ޓްރިގާވުމަށް މަގުފަހިވާތީ އެވެ.

އެނގެންވީ ކޮން ކަމެއް؟

ރާއްޖޭގައި އެކްޒީމާ ހުންނަ ކުދިންގެ އާބާދީގެ މެޖޯރިޓީ އަކީ މައިލްޑް އެކްޒީމާގެ ކޭސްތަކެވެ. އެއީ އެކްޒީމާގެ ސަބަބުން އެކުދިންގެ ފަހުގެ ދިރިއުޅުމަށް މާ ބޮޑަށް އަސަރު ނުކުރާ ކުދިންނެވެ. ބައެއް ކުދިން ބޮޑުވަމުން އައިސް ޕިއުބާޓީއާ ހަމައަށް އެޅުމުން ވެެސް ސެންޓިވިޓީ ފިލައިގެން ގޮސްދާނެ އެވެ. އޭގެ މާނައަކީ ފިލައިގެން ނުދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ބައެއް މައިލްޑް އެކްޒީމާ ކޭސް ތަކުގައި ކުއްޖާގެ އުމުރުން ފަހެއް ނުވަތަ ހަ އަހަރުން ފެށިގެން އަލާމާތްތައް ފަސޭހަވާން ފަށާކަމަށް ވެސް ދިރާސާތަކުން އެނގެ އެވެ. ބައެއް ފަހަރަށް މި އުމުރުގައި ރަނގަޅުވަމުން އައިސް ޕިއުބާޓީއާ ހަމައަިން އަނެއްކާވެސް ޓްރިގާވާ ކުދިން ވެސް އުޅެ އެވެ.

މި އާޓީކަލް ގައި ޗައިލްޑްހުޑް އެކްޒީމާ އަށް ފޯކަސްކޮށްފައި ވިޔަސް، އެކްޒީމާ އަކީ ބޮޑެތި މީހުން ވެސް ތަހައްމަލުކުރާ ހަމުގެ މައްސަލައެކެވެ.