Advertisement

ހެކީގެ ގާނޫނަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބޮޑު ނުރައްކަލެއް: އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް

20 ޖުލައި 2022 - 11:14 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މި ބިލު މަޖިލީހުން ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ހެކީގެ ގާނޫނަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބޮޑު ނުރައްކަލެއް: އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް

20 ޖުލައި 2022 - 11:14 0

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެކީގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމުން އިންޓަނޭޝަނަލް ޕްރެސް އިންސްޓިއުޓް (އައިޕީއައި) އިން އެކަން ކުށްވެރިކޮށްފި އެވެ.

ހެއްކާ ބެހޭ ބިލު ތަސްދީގުކުރިއިރު، ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިވާ ގޮތަށް މާއްދާއެއް އެބަ އޮތެވެ. ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ގާނޫން ވަނީ ލިބިދީފަ އެވެ.

"ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް، އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ހެއްކާ ބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުން އައިޕީއައިއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އައިޕީއައިއިން ކުރި ޓްވީޓުގައި ބުނެފައިވެ އެވެ.

އަދި، މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމަކީ ނޫސްވެރިކަމަށް ބޮޑު ނުރައްކަލެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ހެކީގެ ގާނޫނު އޮތް ގޮތުން ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަށް ނޫސްވެރިޔާގެ މައްޗަށް އަމުރު ކުރެވިދާނެ އެވެ. ގައުމީ ސަލާމަތަކީ, އެއްވެސް ގާނޫނެއްގައި މާނަކޮށްފައިނުވާ ވަރަށް ފުޅާ ގޮތެއްގައި ދޫކޮށްލާފައިވާ ކަމެއްކަމުން, އެކަމުގެ ކަންބޮޑުވުން ނޫސްވެރިންގެ ވަރަށް ބޮޑަށް އެބަ އޮތެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ އެ މާއްދާ އެއްކޮށް އުނިކޮށް ދިނުމަށް ދިރާސާ މަރުހަލާގައި ޖުޑީޝަރީ ކޮމިޓީގައި އެދުނެވެ.

"މި ޖަމްއިއްޔާއިން ދެކެނީ މިއީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމާއި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅައި އެ ހައްގުތައް ހަނިކުރުމަށް ހިންގި އަމަލެއްގެ ގޮތުގަ އެވެ،" އެ ބިލު ތަސްދީގުކުރުމުން ނެރުނު ނޫސްބަޔާނެއްގައި ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާއިން ބުންޏެވެ.

ބިލު ތަސްދީގު ކުރުމުން އެނގިގެން ދަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތް ނެތުން ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ އެހެން ޖަމިއްޔާތަކުން ވެސް ވަނީ ހެއްކާ ބެހޭ ބިލު ތަސްދީގުކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓެރަރިޒަމްގެ ވަކި ހާއްސަ ކުށްތަކަކާ ގުޅޭ މަސްދަރެއް ނޫނީ ހާމަކުރަން ނޭންގޭނެ ގޮތަށް އިސްލާހު ކުރުމާއި އެ ހާލަތުގައި ވެސް ގިނަ ކަންތައްތަކެއް ސާބިތު ކުރެވިގެން މެނުވީ ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ކޯޓަކަށް އެންގިގެން ނުވާނެކަމުގެ ޔަގީންކަން ބިލުގައި ހިމެނުމަށް ނޫސްވެރިންގެ ޖަމިއްޔާއިން ބިލު ފާސްކުރުމުގެ ކުރިން އެދުނެވެ.

އެ ބިލު މަޖިލީހުން ފާސްކުރި ދުވަހު މަޖިލިސް ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖު ވެސް ކުރި އެވެ. އަދި، އެ މާއްދާ އިސްލާހު ނުކޮށް ތަސްދީގު ނުކުރުމަށް ގޮވާލައި ޕެޓިޝަނެއް ވެސް ރައީސް އޮފީހަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅި އެވެ. އެ ޕެޓިޝަންގައި ޖުމުލަ 158 މީހަކު ސޮއިކުރި އެވެ.

ހެކީގެ ބިލު ތަސްދީގު ނުކުރަން އެމްޖޭއޭގެ އިތުރަށް އެޑިޓާސް ގިލްޑާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދުނެވެ.