18 ޖުލައި 2022 - 22:35 0
ސާއިފް ޝިޔާދު
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އަދާލަތު ޕާޓީއަށް ބައެއް އިލްމުވެރިން ގެންދަވަނީ ފާޑު ވިދާޅުވަމުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
18 ޖުލައި 2022 - 22:35 0
އަދާލަތު ޕާޓީއަށް އިލްމުވެރިންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ނަފްރަތު އުފެއްދުމަށް ފުރުސަތު ނުދިނުމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިލްމުވެރިންނަށް ގޮވާލައްވައިފި އެވެ.
އަދާލަތު ޕާޓީން މި ސަރުކާރުގައި އޮވެ އިސްލާމް ދީނާ ހިލާފު ކަންކަމަށް ސަރުކާރުން ފުރުސަތު ދޭ ކަމަށާއި އަދި އެ ޕާޓީން އިސްލާމް ދީން ސިޔާސީ ބޭނުމަށް ބޭނުންކުރާ ކަމަށް ބުނެ ބައެއް އިލްމުވެރިންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ވަކިން ހާއްސަކޮށް ޖަމިއްޔަތުލް ސަލަފްގައި ހަރަކާތްތެރިވާ އިލްމުވެރިން ގެންދަނީ އަދާލަތަށް ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކުރަމުންނެވެ. އެކަމާ ގުޅިގެން އިމްރާން ގެންދަވަނީ ސޯޝަލް މީޑިއާގައި އެ ޕާޓީ ދިފާއު ކުރައްވަމުންނެވެ.
"މި ހުތޫރަތްތެރި ދަނޑިވަޅުގައި އަދާލަތު ޕާޓީގެ އިލްމުވެރިންނާއި ސަލަފުގެ އިލްމުވެރިންގެ މެދުގައި އަރައިރުން އުފެއްދުމަށް އިލްމުވެރިންނަށް ނަފްރަތު ކުރާ ބަޔަކު މަސައްކަތްކުރޭ، އިލްމުވެރިން އެ ފުރުސަތު ނުދެއްވުމަށް އިލްތިމާސްކުރަން،" ސަލަފުގެ އިލްމުވެރިންނަށް ހެޔޮ ރަހުމަތްލެއްވުމަށް އެދެމުން އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން ދީނީ ދެ އިލްމުވެރިޔަކު ހައްޔަރުކުރުމުން ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިމްރާނަށް ނުރުހުން ވަނީ އަމާޒުވެފަ އެވެ. އެ މައްސަލާގައި ހައްޔަރުކުރި ޝެއިހު ފަޒްލޫން މުހައްމަދާއި ޝެއިހު އާދަމް ނިޝާންގެ ބަންދު މިއަދު ވަނީ އަނެއްކާ ވެސް އިތުރުކޮށްފަ އެވެ.
"އިރާދުކުރެއްވިއްޔާ އެއްވެސް މީހަކަށް ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިޔަކަށް އަޅުގަނޑު އަނިޔާއެއް ނުކުރާނަން،" އެކަމާ ގުޅިގެން އިމްރާން މީގެކުރިން ވިދާޅުވެފައިވެ އެވެ.
އިމްރާން ވިދާޅުވާ ގޮތުން "ބަޔަކު ކިތަންމެ ނުރުހުނަސް އަދާލަތު އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށް" ނޫނެވެ.
ހަމައެހެންމެ، އަދާލަތު އޮންނާނީ އެ ޕާޓީގެ "ޒިންމާ" ކަމަށްވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ދެމެހެއްޓުމުގައި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment