Advertisement

ޝިހާމަށް އިންސާފު ހޯދައިދޭން ގޮވާލައި ވިލިނގިލީގައި މުޒާހަރާއެއް!

18 ޖުލައި 2022 - 18:07 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ވިލިނގިލީގެ ރައްޔިތުން މިއަދު ހަވީރު ކުރި މުޒާހަރާގެ ތެރެއިން.


ޝިހާމަށް އިންސާފު ހޯދައިދޭން ގޮވާލައި ވިލިނގިލީގައި މުޒާހަރާއެއް!

18 ޖުލައި 2022 - 18:07 1

ކ. ދިއްފުށީގައި އޮރިޔާންކޮށް ގަންހިންގައި ތަޅައި އަނިޔާކޮށް ޒަހަމްކޮށްލާފައިވާ މުހައްމަދު ޝިހާމް، 35 އަށް އިންސާފު ހޯދައިދޭން ގޮވާލައި އޭނާގެ ރަށް، ގއ. ވިލިނގިލީގެ ގިނަ އަދަދެއްގެ ރައްޔިތުން މިއަދު މުޒާހަރާކޮށްފި އެވެ.

ވިލިނގިލީގެ ބޮޑެތި މަގުތަކުގައި މިއަދު ހަވީރު ކުރި މުޒާހަރާގައި ބައިވެރިވި މީހުން ގޮވަމުން ދިޔައީ ޝިހާމަށް އަނިޔާކުރި މީހުންނާއި އެކަމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ފުލުސްމީހާ ހައްޔަރުކޮށް ހައްގު އަދަބު ދިނުމަށެވެ. އެމީހުން ރުޅިވެރިކަމާ އެކު ބުނަމުން ދިޔަ ގޮތުގައި ދިއްފުށީގައި ޝިހާމަށް ދިން އަނިޔާ އަކީ ޓެރަރިސްޓް ޖަމާއަތަކުން ވެސް ނުކުރާނެ ވަރުގެ ލާއިންސާނީ އަނިޔާތަކެކެވެ.

"ޖަރީމާ ހިންގި މީހުން ހައްޔަރުކުރޭ. ޖަރީމާ ހިންގި ފުލުސްމީހާ ހައްޔަރުކުރޭ،" މުޒާހަރާގެ ބައިވެރިން ގޮވި އެވެ.

މުޒާހަރާއަށް ނުކުތީ އެމީހުން ބުނި ގޮތުގައި ޒުވާނަކަށް އަނިޔާކޮށް މަގުމައްޗަށް ނަގައި އެއްލައިލީމަ އެވެ.

"ޓެރަރިސްޓް ޖަމާއަތްތަކުން ވެސް ނުކުރާ ކަހަލަ ކަންތައްތަކެއް ހިންގައިގެން މިއުޅެނީ،" އެމީހުން ގަދަ އަޑުން ގޮވި އެވެ.

ޝިހާމަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެނީ. ގްރޫޕް ހަދައިގެން އޭނާ ގައިގައި ތަޅާ ބޮޑެތި އަނިޔާތަކެއް ދިންއިރު ފުލުހުންނަށް ވެސް އެކަން ހުއްޓުވިފައި ނުވޭ --- ފޮޓޯ: ޝިހާމްގެ އާއިލާ


މުޒާހަރާގެ އެކި ބައިވެރިން ތަކުރާރުކޮށް ބުނީ ޝިހާމަށް އަނިޔާކުރި މީހުންނަށް ހައްގު އަދަބުދީ އޭނާއަށް އިންސާފު ހޯދައިނުދޭހާ ހިނދަކު ފަހަތަށް ނުޖެހޭނެ ކަމަށާއި ކޮންމެ ދުވަހަކު ވެސް މުޒާހަރާކުރާނެ ކަމަށެވެ.

ޝިހާމަށް ދިއްފުށީގައި ކުރި އަނިޔާގެ ތަފްސީލުތައް ވެސް އަޑުގަދަކުރާ ބޭނުންކޮށްގެން ވިލިނގިލީ މީހުން ގޮވަމުން ދިޔަ އެވެ. އެމީހުން ބުނި ގޮތުގައި ޝިހާމަަށް އަނިޔާކޮށް، ބަރަހަނާ ހާލުގައި މަގުމައްޗަށް އެއްލައިލުމުން އޭނާއަށް ފަރުވާދޭން ސިއްހީ މަރުކަޒަށް ގެންދިއުމުން ދިއްފުށީ ބަޔަކު އެތަނުން ކަރަންޓު ވެސް ކަނޑައިލި އެވެ. ސިއްހީ މަރުކަޒުން ނެރެގެން އޭނާއަށް ދެވަނަ ފަހަރަށް ވެސް އަނިޔާކުރި ކަމަށް އެކަކު ބުންޏެވެ.

މުހައްމަދު ޝިހާމް، 35، ކ. ދިއްފުއްޓަށް ކުރި ދަތުރުގައި މަރުނުވީ ހަމަ ކިރިޔާ އެވެ. ދިއްފުށީ ރައްޔިތުން، އޭނާ އެ ރަށުގައި ގަން ހިންގުވައި، އޮރިޔާންކޮށް، ވަރަށް ގަދައަށް ތަޅައި، ހެލްތު ސެންޓަރުން ފަރުވާދިނުމަށް ވެސް ދެކޮޅު ހެދި އެވެ. ގާނޫނު އަމިއްލަ އަތް މައްޗަށް ނަގައި، އަނިޔާ ކުރުމުގެ ކުރިން، ޝިހާމުގެ ބޮލުގައި އެޅުވީ ވަރުގަދަ ތުހުމަތެކެވެ. އެއީ 15 އަހަރުގެ ކުޑަކުއްޖަކާ ގަދަކަމުން ބެހުން އުޅުނު ކަމުގެ ތުހުމަތެވެ.

"ފިހާރައެއްގެ ތެރޭގައި ހުއްޓާ ފުރަތަމަވެސް އައިސް ތަޅަން ފެށީ. އަހަރެން އެހީ ކިހިނެއް ވެގެންހޭ ތިއުޅެނީ. އެމީހުން ބުނީ ކީއް ކޮށްފަހޭ ތިޔައީ. އަހަރެން ބުނިން ކަމެއް ނުކުރަމޭ. އެމީހުން ބުނީ ކަލޭ ތިހުރީ ކުޑަކުއްޖަކާ ބެހިފައޭ. އަހަރެން ބުނިން އަހަރެން އެއްވެސް ކުއްޖަކާ ނުބެހެމޭ. ބުނީމާ ބުނީ ނޫނެކޭ އެކުއްޖާވެސް ބުންޏޭ އަހަންނޭ ބެހުނީ. އެހެން ކިޔާފަ މަގުމައްޗަށް ނެރެ އަހަރެން ތަޅަން ފެށީ،" އެ ވާހަކަ ކިޔައިދެމުން އޭޑީކޭ ހޮސްޕިޓަލުގައި އޮވެ ޝިހާމް ކިޔައިދިނެވެ.

ޝިހާމްގެ އާއިލާ މީހުން މި ނޫހާ ވާހަކަ ދައްކަމުން ބުނީ ދިއްފުށީގައި އޭނާ މަރުނުވީ ހަމަ ކިރިޔާ އެވެ. ގުރޫޕު ހަދައިގެން އަނިޔާ ކުރަމުންދިޔައިރު މީހަކު ތަނެއްގައި މަތާލުމަށްފަހު، ޝިހާމުގެ އަތް ބިންދާލުމަށް އުޅުނެވެ. އެހެން މީހަކު އޭނާގެ ދެ ލޯ ކޮނެލަން މަސައްކަތް ކުރި އެވެ. އޮރިޔާންކޮށް ޖިންސީ ގުނަވަނުގައި ފައިން ތެޅި އެވެ.