Advertisement

ޔޫރަޕަށް އާދަޔާ ހިލާފަށް ހޫނުވެ ޖަންގަލިތަކުގައި ރޯވެއްޖެ

17 ޖުލައި 2022 - 08:08 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބައިއާއޯ، ޕޯޗުގަލް: މިއީ 2017 ވަނަ އަހަރަށް ފަހު ޕޯޗުގަލްގެ ޖަންގައްޔެއްގައި ރޯވި އެންމެ ބޮޑު އަލިފާންގަނޑު. -- ފޮޓޯ: އީޕީއޭ


ޔޫރަޕަށް އާދަޔާ ހިލާފަށް ހޫނުވެ ޖަންގަލިތަކުގައި ރޯވެއްޖެ

17 ޖުލައި 2022 - 08:08 1

ޔޫރަޕްގެ ބައެއް ހިސާބުތަކަށް އާދަޔާ ހިލާފަށް ހޫނުވެ، ޕޯޗުގަލް، ސްޕެއިން އަދި ހުޅަނގު ދެކުނު ފްރާންސްގެ ޖަންގަލިތަކުގައި އަލިފާން ރޯވެއްޖެ އެވެ.

ތިން ގައުމުގެ އަލިފާން ނިއްވާ ސިފައިންގެ އެތައް ހާސް ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ. އުތުރު ޕޯޗުގަލްގެ ފޯޒް ކޯއާ ހިސާބުގައި ފެން ޖަހާ މަތިންދާ ބޯޓެއް ވެއްޓި ޕައިލެޓެއް ވަނީ މަރުވެފަަ އެވެ.

ފްރާންސްގެ ގިރޯންޑޭ ސަރަހައްދުން 12،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަަދަލުކޮށްފައިވާ އިރު، އަލިފާންގަނޑު އަދިވެސް ދަަނީ ފެތުރެމުންނެވެ.

ދެކުނު ސްޕެއިންގެ ކޮސްޓާާ ޑެލް ސޯލް ކައިރިން މިޔާސް އުސްބިންތަކުގައި ވެސް ރޯވެ، އަލިފާންގަނޑު ފެތުރެން ފެށުމުން 2،300 އެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.

އަލިފާން ނިއްވަން ބޭނުން ކުރާ ގޭސް މަތިންދާ ބޯޓުތަކުން ޖަހަމުންދާ އިރު، ހެލިކޮޕްޓަރުތަކުން ދަަނީ ކަނޑުގެ ލޮނުފެން ނަަގައިި އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރަން ފެން އަޅަމުންނެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޕޯޗުގަލްގެ ހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ އިރު، ސްޕެއިން ހޫނުމިން ހުރީ 40 ޑިގްރީ ސެލްސިއަސްގަ އެވެ. ސްޕެއިންގެ އީއެފްއީ ނިއުސް އެޖެންސީން ބުނީ އެ ދެ ގައުމުން 300 އަށް ވުރެ ގިނަ މީހުން ހޫނުގެ އަސަރުކޮށްގެން މަރުވެފައިވާ ކަމަށެވެ.

ޔޫރަޕްގެ މެޑިޓެރޭނިއަން ހިސާބުގައި އެހެން ގައުމުތަކަށް ވެސް ދަނީ ހޫނުގަދަވަމުންނެވެ. މާ ބޮޑަށް ހޫނުވާތީ އިޓަލީގެ ޕޯ ވެލީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވެ އެވެ. ގްރީސް އާއި މޮރޮކޯގެ ވެސް ބައެއް ހިސާބުތަކުގައި ރޯވެފައިވެ އެވެ.

ފްރާންސްގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ އިރު، ކުރިއަށް އޮތް ހަފްތާތަކުގައި އިތުރަށް ހޫނު ވާނެ ކަމަށް ބެލެވެ އެވެ. އެ ގައުމުގެ 16 ސަރަހައްދަކަަށް ވަނީ މޫސުމާ ބެހޭ އޮރެންޖު އެލާޓް ނެރެފަ އެވެ.

އާދަޔާ ހިލާފަށް ހޫނުވެ "ހީޓްވޭވްސް" ކުރިމަތިވުން އިތުރުވެ، ވަރުގަދަވެފައި ވަނީ މޫސުމީ ބަދަލުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.