Advertisement

ރަށު ނޯޓު: ދުވާފަރުން ގެނެސްދިން އުންމީދު

16 ޖުލައި 2022 - 13:02 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ރަށު ނޯޓު: ދުވާފަރުން ގެނެސްދިން އުންމީދު

16 ޖުލައި 2022 - 13:02 0

ޑިސެމްބަރު 26، 2004 ގައި ރ. އަތޮޅު ކަނދޮޅުދޫ މަސްވެރިން އެނބުރި ރަށަށް އައިރު ފެނިގެން ދިޔައީ ސިފަކުރަން ވެސް ދަތި، ސުންނާފަތިކޮށްލާފައި އޮތް ރަށެކެވެ. ގުދުރަތީ ގޮތުން އުފެދިފައި އޮތް ބިން ފުރި އާބާދީ ތޮއްޖެހި, ބިން ބޮޑުކުރަން މަޖުބޫރުވުމުން ހިއްކަމުން ހިއްކަމުން ގޮސް، ފަޅު ހުސްވަންދެން ބިން ހިއްކި އެވެ. ބައެއް ގެތައް މާކަނޑާ ދިހަ ވަރަކަށް ފޫޓު ކައިރީގައި ވެސް ހުއްޓެވެ. ފޮޓޯތަކަށް ބަލާލުމުން މީހުން ދިރިއުޅޭ އެހެން ރަށްތަކާއި ކަނދޮޅުދޫގެ ހުރި ތަފާތު ސިފަ ވާނެ އެވެ. ސުނާމީގެ ކުރިން ވެސް އެރަށް އޮތީ ނުރައްކަލުގަ އެވެ. އުދައެރުން ގިނަ، ދިރިއުޅެން ދަތި ރަށެކެވެ.

ޑިސެމްބަރު 26، 2004 ގައި ކަނދޮޅުދޫ އަށް ސުނާމީގެ ރާޅުތައް އަރަމުން ދަނީ


ތިމާވެށީގެ މައްސަލަކުން ފުރި، އާބާދީ ތޮއްޖެހި، ދިރިއުޅުން ދަތިވެ ނާއުއްމީދުން ފުރިއޮތް މި ރަށް، 2004 ގެ ސުނާމީގައި އެއްކޮށް ދޮވެލި އެވެ. އެހެންވެ، ސަރުކާރުން ވެސް އަދި ކަނދޮޅުދޫ ގިނަ ރައްޔިތުން ވެސް އަލުން އެ ރަށް އާބާދު ކުރަން ބޭނުމެއް ނުވި އެވެ. މަޝްވަރާގެ ކުރިމަތީގައި އޮތް ރ. އިފުރަށާއި، ފަޅުރަށެއްގެ ގޮތުގައި އޭރު އޮތް ދުވާފަރުގެ ތެރެއިން ގިނަ ރައްޔިތުންނަށް ފެނުނީ ދުވާފަރު އާބާދުކުރުމަށެވެ.

ކަނދޮޅުދޫ އަށް ވުރެވެސް ބިން ތިރި ދުވާފަރަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. ދުވާފަރު އަލުން އާބާދުކުރަމުން ދިޔައިރު، މިސްކިތެއްގެ ތަރާގަނޑަކާއި ވަށައިގެންވާ ގަބުރުސްތާނެއް ވެސް ފެނުނެވެ. އަދި މި ރަށަކީ، ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރަން ބޮޑުތަކުރުފާނާއެކު ހަނގުރާމައިގައި ބައިވެރިވި ދަންޑަހެލު ނިސްބަތްވާ ރަށެވެ.

ދުވާފަރުގައި ދެ ވަނަ ފަހަރަށް އާބާދުކުރަން ކުރިއަށް ގެންދިޔަ މަޝްރޫއަކީ ސުނާމީއާ ގުޅިގެން ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއު އެވެ. އަދި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް (އައިއެފްއާރުސީ) ތާރީހުގައި ވެސް ހިނގި އެންމެ ބޮޑު އެއް މަޝްރޫއު އެވެ. އެމެރިކާ، ފިންލޭންޑް، އަދި ޖަރުމަނުގެ ރެޑްކްރޮސް ޖަމިއްޔާތަކުގެ ދުވާފަރުގައި 600 ގެ އާއި އެހެނިހެން ވަސީލަތްތައް ގާއިމުކޮށް، ކަނދޮޅުދޫ ރައްޔިތުން ބަދަލުކުރީ ޑިސެމްބަރު 9، 2008 ގަ އެވެ.

މާޅޮސްމަޑުލު އުތުރުބުރި (ރ. އަތޮޅު) ދުވާފަރަކީ މިހާރު ބޮޑުމިނުގައި 54 ހެކްޓަރުގެ ރަށެކެވެ. މި ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އީ-19 އެވެ.

ދުވާފަރުގެ ބީޗް ސަރަހައްދު. ހަޓު ޖަހައި ބާބަކިއު ހެދޭނެ ގޮތަށް ތަރައްގީކޮށްފައިވާ ހިތްފަސޭހަ ބީޗެއް --- ފޮޓޯ: އައިލްސް.އެމްވީ


މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ދުވާފަރުގެ އާބާދީއަކީ 2،390 އަންހެނުންނާއި 2559 ފިރިހެނުންނާއެކު ޖުމުލަ 4949 އެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 3،950 އެވެ. މި ރަށުގައި 479 ބިދޭސީން އުޅެ އެވެ. އިޖުތިމާއީ ހިދުމަތްތަކަށް ބަލާއިރު، ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 10 އާ ހަމައަށް ކިޔަވައިދެ އެވެ. ދިހަ އެނދުގެ ސިއްހީ މަރުކަޒެއް އެބަ ހުއްޓެވެ.

ކަނދޮޅުދޫގެ މައިގަނޑު މަސައްކަތަކީ ވެސް މަސްވެރިކަމަށް ވުމާއެކު، ދުވާފަރުގެ ވެސް މައިގަނޑު މަސައްކަތަށް ވީ ތަފާތު ބާވަތްތަކުގެ މަސްވެރިކަމުގެ މަސައްކަތެވެ. ދޮށީގެ މަސްވެރިކަމާއި ހުއިފި ލަނޑާ ނެގުމާއި ފާނައިގެ މަސްވެރި ކަމެވެ. މަސްވެރިކަމަށް ނުކުންނަ ނުވަ ދޯނި އޮތްއިރު، 23 ކުދި ދޯންޏާއި 15 ޑިންގީ އާއި ހަ ލޯންޗާއި، މާލެ ދަތުރުކުރާ ދެ ބޯޓު އޮވެ އެވެ.

ބޮޑު އާބާދީއެއް އޮތުމާއެކު ރަށުގެ އާންމު ވިޔަފާރިތައް ވަރަށް ފުޅާކޮށް ހިންގަ އެވެ. މިހާރު ވެސް 27 ފިހާރަ، 12 ކެފޭ، ދެ ފާމަސީ، ދެ ގަރާޖު، ތެޔޮ ވިއްކާ ހަތަރު ތަން، ގޭސް ވިއްކާ ދެ ތަން އެބަ ހުއްޓެވެ.

ޕްލޭން ކުރެވިގެން ތަރައްގީކޮށް އާބާދުކޮށްފައި އޮތް ރަށަކަށް ވުމާއެކު، ދުވާފަރުގައި ކަރަންޓާއި ފެނާއި ނަރުދަމާ އޮތީ ގާއިމުކޮށްފަ އެވެ. އެހެން ހިދުމަތްތަކާއި ވަސީލަތްތައް އެހެން ގިނަ ރަށްރަށަށް ވުރެ ރަނގަޅަށް އެބަ ހުއްޓެވެ.

ސުނާމީ އަށް ފަހު ދުވާފަރު އާބާދުވުމަކީ ކަނދޮޅުދޫ ރައްޔިތުންނަށް ލެއްވި ރަހުމަތެކެވެ. ތޮއްޖެހި، މުސްތަގުބަލުގެ އުއްމީދު ކަނިވަމުން ދިޔަ ކަނދޮޅުދޫ މީހުންނަށް ދުވާފަރާއެކު އުއްމީދު ވަނީ އާވެފަ އެވެ. ކުރިން އުޅެމުންދިޔަ ހިތްދަތި، ބިރުވެރި ދިރިއުޅުން އުފާވެރިކަމަށް ބަދަލުވެފަ އެވެ.

މުހިންމު މައުލޫމާތު


ރަށުގެ ނަން: ދުވާފަރު އަތޮޅު: މާޅޮސްމަޑުލު އުތުރުބުރި (ރ. އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: އީ-19 އާބާދީ: 4949، ފިރިހެނުން: 2559، އަންހެނުން: 2،390 ރަށުގައި ދިރިއުޅޭ އާބާދީ: 3،950 ރަށުގައި އުޅޭ ބިދޭސީ: 479 ފިހާރަ: 27 ކެފޭ، ރެސްޓޯރެންޓް: 12 ތެޔޮ ވިއްކާ ވިއްކާ: 4 ތަން ގޭސް ވިއްކާ: 2 ތަން ގަރާޖު: 2 ގެސްޓް ހައުސް: ނެތް ތައުލީމު ދޭ ފެންވަރު: ގްރޭޑް 10 އަށް ކަރަންޓް: 24 ގަޑިއިރު ލިބޭ ފެނާއި ނަރުދަމާ ގާއިމުކުރެވިފައި ކައުންސިލްގެ ފޯން ނަންބަރު: 6582701 އީމެއިލް:[email protected]