14 ޖުލައި 2022 - 18:32 0
ހަސަން މުހައްމަދު
14 ޖުލައި 2022 - 18:32 0
ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގެންނެވިކަން އެ ގައުމުގެ ފޮރިން މިނިސްޓްރީން މިއަދު ޔަގީންކޮށްދީފި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ގޮތަބަޔާ އެ ގައުމަށް އެތެރެވަފައި ވަނީ "އަމިއްލަ ދަތުރުފުޅެއްގައި" ކަމަށެވެ. މިއަދު މެންދުރު ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންފައި މި ވަނީ ރާއްޖޭގައި 32 ގަޑިއިރު ހޭދަ ކުރެއްވުމަށްފަހު އެވެ.
"އެމަނިކުފާނު ސިންގަޕޫރުގެ ހިމާޔަތަށް އެދިވަޑައިގެންފައެއް ނުވޭ. އަދި ސިންގަޕޫރަކީ އާންމުކޮށް ހިމާޔަތް ދޫކުރާ ގައުމެއް ވެސް ނޫން،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ރައީސް ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އެމަނިކުފާނުގެ ދެ ބޮޑީގާޑުންނާއި އަނބިކަނބަލުންނާއެކު އެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސެކިއުރިޓީ ފޯރުކޮށްދިނީ ފުލުހުންނާއި ސިފައިންނެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ދަންވަރު 2:50 ގައި ސްރީ ލަންކާގެ އަސްކަރީ އުޅަނދެއްގަ އެވެ. ސިންގަޕޫރަށް ވަޑައިގަތީ ރާއްޖޭގައި 32 ގަޑިއިރު ހޭދަ ކުރެއްވުމަށްފަހު އެވެ.
ގޮތަބަޔަ ރާއްޖެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު އެމަނިކުފާނުގެ ގެކޮޅަށް ލަންކާގެ އާންމުން ވަދެގަތުމުގެ ކުޑައިރުކޮޅެއް ކުރިން ފިއްލެވުމަށްފަހު އެވެ. ފުރަތަމަ މަސައްކަތް ކުރެއްވި ކަމަށްވަނީ ޑުބާއީއަށް ވަޑައިގަތުމަށެވެ.
ރައީސް ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވިއިރު ވައުދުވެވަޑައިގެންފައި އޮތީ އިއްޔެ މެންދުރު އިސްތިއުފާ ދެއްވާނެ ކަމަށެވެ. ފަހުން ރާއްޖޭގައި ހުންނަވައި ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ފޯނުން ގުޅުއްވައި ރޭ ދަންވަރު 12:00 ޖެހުމުގެ ކުރިން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިހާތަށް ވެސް އިސްތިއުފާ ދެއްވާފައެއް ނުވެ އެވެ.
ގޮތަބަޔާ އިސްތިއުފާ ނުދެއްވި ނަމަވެސް މަގާމުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ވަނީ އިއްޔެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ހަވާލު ކުރައްވައިފަ އެވެ. އެހެންކަމުން ވަގުތީ ގޮތުން ރައީސްގެ ބާރުތައް މިހާރު އޮތީ ރަނިލް އަތުގަ އެވެ.
Comment