14 ޖުލައި 2022 - 09:00 1
ހަސަން މުހައްމަދު
14 ޖުލައި 2022 - 09:00 1
ގައުމުން ފިއްލަވައިގެން ދިވެހިރާއްޖެ ވަޑައިގެން އުޅުއްވާ ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީ ރޭ ދަންވަރު 12 ޖަހާއިރު ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ހަވާލު ކުރައްވާނެ ކަމަށް ފޯނުން ގުޅުއްވައި ވިދާޅުވި ނަމަވެސް އެ ސިޓީ މަޖިލީހުގެ އިދާރާއަށް ރައްދުނުވިއިރު، ހީކުރެވުނު ގޮތާ ހިލާފަށް ގޮތަބަޔާ ރޭ ސިންގަޕޫރަށް ވަޑައިނުގެން ރޭރާއްޖޭގައި މަޑުކުރައްވައިފި އެވެ.
ގާތްގަނޑަކަށް 20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާގެ އިގްތިސާދު ވެއްޓި ގައުމުގެ ހާލަތު ވަރަށް ގޯސްވެފައި އޮއްވާ އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާއެކު ގޮތަބަޔާ ރާއްޖެ ވަޑައިގަތީ އަންގާރަ ދުވަހުގެ ދަންވަރު 2:50 ގައި އަސްކަރީ އުޅަނދެއްގަ އެވެ.
އިއްޔެ ބޭއްވި އޯލް ޕާޓީ ޓޯކްސްގައި ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވެފައި ވަނީ ގޮތަބަޔާ 13 ވަނަ ދުވަހުގެ ދަންވަރު 12:00 ޖެހުމުގެ ކުރިން އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ އަރިހު ފޯނުން ގުޅުއްވައި ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީ ރޭ ލިބިފައިނުވާކަން މަޖިލީހުން ޔަގީންކޮށްދެ އެވެ.
ރޭ ބައިނަލްއަގްވާމީ މީޑިއާތަކުން ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ ހުޅުލެއިން ސިންގަޕޫރަށް 11:25 ގައި ފުރަން ހަމަޖެހިފައި އޮތް މަތިންދާބޯޓަކުން ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ރޭގެ ފްލައިޓު ފުރިއިރު ވެސް އެމަނިކުފާނު އެއާޕޯޓަށް ވަޑައިނުގަންނަވަ އެވެ.
ލަންކާގެ ރައީސް އެ ގައުމުން ފިއްލަވައި ފުރަތަމަ ވަޑައިގަންނަވަން އުޅުއްވީ ޑުބާއީއަށެވެ. ނަމަވެސް ވީއައިޕީން ވަޑައިގަތުމުގެ ހުއްދަ ލަންކާ އިމިގްރޭޝަނުން ނުދިނުމުން، އާންމުންނާއެކު ދިޔުމަށް ޖެހިލުންވެވަޑައިގެން އެންމެ ފަހުން އަސްކަރީ އުޅަނދެއްގައި ރާއްޖެ ވަޑައިގަތީ އެވެ.
ގޮތަބަޔާގެ ބޯޓު އިންޑިއާއަށް ވެސް ޖައްސަން އުޅުނު ކަމަށް އޭއެފްޕީން ބުނެފައިވެ އެވެ. ނަމަވެސް ރާއްޖެ ވަޑައިގަތީ އިންޑިއާއަށް އަސްކަރީ އުޅަނދެއް ޖެއްސުމުގެ ހުއްދަ އެ ގައުމުން ނުދިނުމުން ކަމަށްވެ އެވެ.
ގޮތަބަޔާއަށް ރާއްޖެ ވަޑައިގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމުން ސަރުކާރަށް އެތެރެއިންނާއި ބޭރުން ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އަދި އިއްޔެ ރާއްޖޭގައި އުޅޭ ސްރީ ލަންކާގެ ރައްޔިތުން ވަނީ މާލޭގައި މުޒާހަރާއެއްކޮށް ލަންކާ ރައްޔިތުންނަށް އިންސާފު ނުލިބޭނެ ގޮތަކަށް އަމަލު ނުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގެން އުޅުއްވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށްފަހު މާލެ ވަޑައިގެންނެވީ ރޭގަ އެވެ. ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ އެއް ގަޑިއިރު ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުޅުލެއިން ފެނިފައިވެ އެވެ. ނަމަވެސް ގޮތަބަޔާ ދަތުރު ކުރެއްވި އަސްކަރީ އުޅަނދު ހުޅުލެއަށް ޖެއްސުމުގެ ހުއްދަ ދެއްވީ ސަރުކާރުންކަން އެނގިފައިވެ އެވެ.
Comment